އަށް ގައުމެއްގެ ސަފީރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ސަފީރު ކަމުގެ ފަތްކޮޅު އަރުވައިފިއެވެ.

ރައީސް މުއިއްޒަށް ސަފީރުކަމުގެ ފަތްކޮޅު އެރުވީ، ސްލޮވާކް ރިޕަބްލިކާއި އަޔަލެންޑާއި ޗިލޭ އާއި އޮމާނާއި ފިންލޭންޑާއި ޕެރޫ އާއި ލާއޯގެ އިތުރުން ކެމްބޯޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުންނެވެ.

  • ސްލޮވާކް ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ރޮބަޓް މެކްސިއަން
  • އަޔަލެންޑްގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ކެވިން ކެލީ
  • ޗިލޭ ސަރުކާރުން ދިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހުއަން އެންގުލޯ
  • އޮމާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، އަހުމަދު އަލީ ސާއިދު އަލް ރަޝްދީ
  • ފިންލޭންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ކިއްމޯ ލަހްޑެވީރްތަ
  • ލާއޯ ޕީޕަލްސް ޑިމޮކްރެޓިކް ރިޕަބްލިކްގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ބުންމީ ވަންމަނީ
  • ޕެރޫ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހާވިއެރް މެނުއެލް ޕައުލިނިކް ވެލާޑެ
  • ކެމްބޯޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ކޮއީ ކުންގް

އެ ބޭފުޅުން ރައީސަށް ސަފީރުކަމުގެ ފަތްކޮޅު އެރުވީ މިއަދު ހެނދުނު އެކަމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން އެ އޮފީހާ ހަމައަށް ސަފީރުން ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާ އެކު ހިންގަވައިފައި ކަމަށެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުވި ހުރިހާ ބޭފުޅުންނަކީވެސް "ނޮން ރެސިޑެންޓް ސަފީރުން"ނެވެ. އެގޮތުން އޮމާނުގެ ސަފީރު އަހުމަދު އަލީ ފިޔަވައި އެހެން ހުރިހާ ސަފީރުން ތިއްބަވާނީ އިންޑިއާގެ ނިއުދިއްލީގައެވެ. އޮމާންގެ ސަފީރު ހުންނަވާނީ ސްރީ ލަންކާގައެވެ.

ރާއްޖެ އާއި ސްލޮވާކް ރިޕަބްލިކްއާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރީ 1993 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުގައެވެ. އަޔަލެންޑާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1999 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 07 ވަނަ ދުވަހުގައެވެ. ޗިލޭއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1987 ވަނަ އަހަރުގެ މޭ މަހުގެ 01 ވަނަ ދުވަހުގައެވެ. އަދި އޮމާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1981 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

މީގެ އިތުރުން، ރާއްޖެ އާއި ފިންލޭންޑާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1984 ވަނަ އަހަރުގެ އޮކްޓޯބަރު 01 ވަނަ ދުވަހުގައެވެ. ލާއޯ ޕީޕަލްސް ޑިމޮކްރެޓިކް އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 2012 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 10 ވަނަ ދުވަހުގައެވެ. ޕެރޫއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1989 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 06 ވަނަ ދުވަހުއެވެ. އަދި ރާއްޖެ އާއި ކެމްބޯޑިއާ އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1995 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހުގައެވެ.