ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ސަނީ ޑިއޯލް އާއި އަކްޝޭ ކަންނާ އެކުގައި ފެނިގެންދާ އާ ކޯޓްރޫމް ތްރިލާ ފިލްމު "އިއްކާ" ގެ ރަސްމީ ޓްރެއިލާ މިއަދު އާންމުކޮށްފިއެވެ. ނެޓްފްލިކްސް އިން ގެނެސްދޭ މި ފިލްމު ޑައިރެކްޓުކޮށްފައިވަނީ ސިދާރްތު ޕީ. މަލޯތުރާއެވެ.

މި ފިލްމުގައި ސަނީ ޑިއޯލް ފެނިގެންދާނީ މީހަކު މެރުމުގެ ތުހުމަތު ކުރެވިފައިވާ އޭނާގެ ކުރީގެ ވާދަވެރިޔާ ޝޯރްޔަމަން ގޯރް (އަކްޝޭ ކަންނާ) ދިފާއުކުރާ ގާނޫނީ ވަކީލު އަރްޖުން މެހެރާގެ ރޯލުންނެވެ. ޓްރެއިލާއިން ފެންނަ ގޮތުގައި، މި ފިލްމަކީ އިންސާފު ހޯދުމަށް ކުރާ މަސައްކަތާއި، އޮޅުވާލުންތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގެ ޑައިރެކްޓަރު ސިދާތު ބުނި ގޮތުގައި، މިއީ ހަމައެކަނި ކޯޓުތެރޭގެ ހާދިސާތަކެއް ނޫން ކަމަށާއި، މިއީ އިންސާނީ ގުޅުންތަކާއި އުނދަގޫ ނިންމުންތަކެއްގެ މައްޗަށް އަލިއަޅުވާލާނެ ފިލްމެކެވެ.

https://youtu.be/unf8x_aZg9Y?si=eliTK8egFSHDprNQ

މި ފިލްމަކީ 1997 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ބޯޑަރ" އަށްފަހު، ގާތްގަނޑަކަށް 30 އަހަރު ފަހުން ސަނީ ޑިއޯލް އާއި އަކްޝޭ ކަންނާ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. އަދި މިއީ ސަނީ ޑިއޯލް ޑިޖިޓަލް ޕްލެޓްފޯމަކަށް ކުޅޭ ފުރަތަމަ ފިލްމުވެސް މެއެވެ. މުނިފޫހިފިލުވުމުގެ ދާއިރާގެ ހަބަރުތައް ގެނެސްދޭ ފަރާތްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދެ ތަރިން އެކުގައި އެނބުރި އައުމަކީ ފިލްމަށް ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމެކެވެ.

އަލްކެމީ ފިލްމްސް އިން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގައި މައިގަނޑު ގޮތެއްގައި ފެނިގެންދާނެ ތަރިންނަކީ، ސަނީ ޑިއޯލް، އަކްޝޭ ކަންނާ، ތިލޯތަމާ ޝޯމް އަދި ދިޔާ މިރްޒާ އެވެ. ނެޓްފްލިކްސް އިން ބުނެފައިވާ ގޮތުގައި، "އިއްކާ" ސްޓްރީމްކުރަން ފަށާނީ އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ.