ސިނގިރޭޓަކުން ނަގާ ޑިއުޓީ ކުޑަކުރަން ދިވެހި ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު އިސްލާހު ކުރުމަކީ ފަހަތަށް އެޅި ފިޔަވަޅެއް ނޫން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސިނގިރޭޓަކުން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރަން ދިވެހި ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު އިސްލާހު ކުރަން މަޖިލީހަށް ވަނީ ފޮނުވައިފައެވެ. އަދި އެ ބިލު ވަނީ ސަރުކާރުން ފޮނުވި ގޮތަށް އިސްލާހެއް ނުގެނެސް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ޑިއުޓީ ކުޑަކުރަން ނިންމީ ކެބިނެޓްގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ކަމަށެވެ. އަދި ކުރިން ޑިއުޓީ ބޮޑުކުރަން ނިންމީ ސިނގިރޭޓު ބޭނުންކުރާ މިންވަރު އާދަޔާ ހިލާފަށް އިތުރުވެދާނެ ކަމަށް ބެލެވޭތީ ކަމަށެވެ.

"ދަޔާ ހިލާފަށް ދުންފަތުގެ އެކި ބާވަތްތަައް ބޭނުންކުރާ ވަރު އާދަޔާ ހިލާފަށް އިތުރުވެދާނެތީވެ އަޅުގަނޑުމެން މި ވިސްނީ މި ބަދަލު ގެންނަން، މި ބަދަލު ގެނެސްގެން މިއީ ފަހަތަށް އެޅޭ ފިޔަވަޅެއް ނޫން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިނގިރޭޓްގެ ކަންކަން ކުރިއަށް ގެންދަނީ މަރުހަލާތަކަށް ބަހާލައިގެން ކަމަށެވެ. އަދި އެކަން ކުރިއަށް ގެންދަނީ މި މުޖުތަމައަކީ ދުޅަހެޔޮ މުޖުތަމައަކަށް ހަދަން ވަށާޖެހޭ ސިއްހީ ސިޔާސަތެއްގެ ތެރެއިން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރަން ޖެހުނީ، ސިނގިރޭޓު އަގު ބޮޑުކުރުމުގެ ސަބަބުން އެެހެން ބާވަތްތައް އާންމުވުމުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އޭގެ ތެރޭގައި ސިނގިރޭޓަށް ވުރެ ސިއްހީ ގޮތުން ނުރައްކާތެރި ބާވަތްތައް ވެސް ފާހަގަކުރެވިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.