ބޮލީވުޑްގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު ރޯހިތު ޝެޓީއަށް ދެވަނަ ފަހަރަށް މަރުގެ އިންޒާރު ދިނުމާ ގުޅިގެން މުމްބާއީ ފުލުހުން އެ މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ.

މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރޯހިތު ޝެޓީގެ އޮފީހަށް ހޮނިހިރު ދުވަހު ވަނީ 90 ސިކުންތުގެ އޯޑިއޯ ކްލިޕެއް ފޮނުވައިފައެވެ. އެ އޯޑިއޯގައި، 20 ކްރޯޑު ރުޕީސް ނުދީފިނަމަ އޭނާއަށް ސީދާ ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް މުމްބާއީ ފުލުހުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެފައިވެއެވެ. މި އިންޒާރު ލިބުމާއެކު އޭނާގެ ޓީމުން ވަނީ ވަގުތުން ފުލުހުންނަށް މައްސަލަ ހުށަހަޅައިފައެވެ.

މި އިންޒާރަކީ އިންޑިއާގެ ކުށްކުރާ ގްރޫޕެއް ކަމަށްވާ ލޯރެންސް ބިޝްނޯއީ ގޭންގާ ގުޅުންހުރި ކަމެއް ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ. މުމްބާއީ ކްރައިމް ބްރާންޗުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އޯޑިއޯގައި އިވެނީ ލޯރެންސް ބިޝްނޯއީގެ ގާތް މީހެއް ކަމަށްވާ ޝުބަމް ލޯންކަރްގެ އަޑު ކަމަށް ބެލެވެއެވެ. އޭނާއަކީ މީގެ ކުރިން ހިނގާފައިވާ ބޮޑެތި ކުށްތަކަކާ ގުޅިގެން ފުލުހުން ހޯދަމުން އަންނަ މީހެކެވެ.

މިއަހަރުގެ ފެބްރުއަރީ މަހު ރޯހިތު ޝެޓީ ދިރިއުޅޭ ގޭގެ ބޭރަށް ބަޔަކު ވަނީ ބަޑިޖަހައިފައެވެ. ފުލުހުން ބުނި ގޮތުގައި އާ އޯޑިއޯ ކްލިޕްގައި އިންޒާރުދީފައިވަނީ ފެބްރުއަރީ މަހުގެ ހަމަލާއަކީ ހަމައެކަނި “ޓްރެއިލާއެއް” ކަމަށާއި، ފައިސާ ނުދީފިނަމަ ދެން އަމާޒުކުރާނީ ސީދާ ޑައިރެކްޓަރަށް ކަމަށެވެ.

ފެބްރުއަރީ މަހުގެ ހަމަލާގެ ޒިންމާވެސް ނަގާފައިވަނީ ލޯރެންސް ބިޝްނޯއީ ގޭންގުންނެވެ. އެ މައްސަލައިގައި ފުލުހުން ވަނީ 15 މީހެއްގެ މައްޗަށް ދައުވާކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ރޯހިތު ޝެޓީގެ ސެކިއުރިޓީ މިހާރު ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. މުމްބާއީގެ ޖޫހޫ ފުލުހުން މައްސަލަ ރަޖިސްޓަރީކޮށް، އޯޑިއޯ ކްލިޕްގެ އަޑު ކަށަވަރުކުރުމަށްޓަކައި ފޮރެންސިކް ތަހުލީލުތަކަށް މިހާރު ވަނީ ފޮނުވައިފައެވެ.