އީރާނުން ކަނޑައަޅާފައިވާ ވަކި ހާއްސަ މަގުތަކަކުން ނޫނީ ހޮރުމުޒް ކަނޑުއޮޅި ހުރަސްކޮށް ދަތުރު ނުކުރުމަށް ބައިނަލްއަގުވާމީ ބޯޓުފަހަރަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން އިންޒާރުދީފިއެވެ.
އައިއާރްޖީސީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރުމަށް ހުއްދަދެވިފައިވާ ހަމައެކަނި މަގަކީ އީރާނުން ކަނޑައަޅާފައިވާ މަގުތަކެވެ. އަދި އީރާނުގެ ހުއްދަނެތި އެހެން މަގުތަކުން ދަތުރުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް އެ ފަރާތުން ފާހަގަކުރިއެވެ.
މި އިންޒާރު އައިސްފައިވަނީ، އޮމާނާއި އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) ގުޅިގެން ދަތުރުކުރެވޭނެ އާ މަގެއް ދާދި ފަހުން ތައާރަފުކޮށްފައި ވަނިކޮށެވެ. އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވި ގޮތުގައި، އީރާނުން ކަނޑައަޅާފައިވާ މަގުތައް ނޫން އެހެން މަގުތަކެއް ހޯދަން މަސައްކަތްކުރުމަކީ މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެގެންދާނެ ކަމެކެވެ.
އީރާނުން މިފަދަ ފިޔަވަޅުތަކެއް އަޅަމުން އަންނަނީ، މިއަހަރުގެ ފެބްރުއަރީ މަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން އުފެދުނު ހަނގުރާމައަށް ފަހު، ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމުގެ ބޭނުމުގައެވެ. އަދި ކަނޑުއޮޅިން ދަތުރުކުރާ ބޯޓުފަހަރުން ފީއެއް ނެގުމަށް އީރާނުގެ މެރިޓައިމް އޮތޯރިޓީން ވިސްނަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދުނިޔޭގެ ތެލުގެ ވިޔަފާރީގެ 20 އިންސައްތަ އަދި ގުދުރަތީ ގޭހުގެ ވިޔަފާރީގެ ބޮޑު ބައެއް ހުރަސްކުރާ މި ކަނޑުއޮޅީގެ މައްސަލައިގައި ބައިނަލްއަގުވާމީ ޝިޕިންގ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އީރާނުން މިގޮތަށް ކޮންޓްރޯލް ކުރަން ފެށުމުން، ދުނިޔޭގެ ތެލުގެ ސަޕްލައި ޗޭނަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ.
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ކޮމެންޓް