ވިޓަމިން ބީ12 ބޭނުންކޮށްގެން އުފައްދާފައިވާ އާ މާއްދާއެއް މެދުވެރިކޮށް، ސިކުނޑީގެ ކެންސަރުގެ އެންމެ ނުރައްކާތެރި އެއް ބާވަތް ކަމަށްވާ ގްލައިއޯބްލާސްޓޯމާއަށް ފަރުވާކުރުމުގައި އުންމީދީ ނަތީޖާތަކެއް ފެނިއްޖެއެވެ.
'އޮންކޯސައިންސް' ޖާނަލްގައި ދާދި ފަހުން ޝާއިއުކޮށްފައިވާ މި ދިރާސާ އިސްކޮށް ކުރިއަށްގެންދެވީ ކްލީވްލޭންޑް ކްލިނިކް ފައުންޑޭޝަންގެ ޓޯސިގް ކެންސަރު ސެންޓަރާއި ނައިޓްރިކް އޮކްސައިޑް ސާވިސަސްގެ ތަޖުރިބާކާރެއް ކަމަށްވާ ޖޯސެފް އޭ. ބާވަރ އެވެ. އޭނާ ވިދާޅުވި ގޮތުގައި، 'ނައިޓްރޯސިލްކޮބަލަމިން' (އެންއޯ-ސީބީއެލް) ނަމަކަށް ކިޔާ މި މާއްދާއަކީ ވިޓަމިން ބީ12 ގެ ބާވަތެކެވެ. ގްލައިއޯބްލާސްޓޯމާއަށް ފަރުވާކުރުމުގައި މިހާރު ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސިކުނޑީގެ ރައްކާތެރިކަމުގެ ފަށަލަ ކަމަށްވާ ބްލަޑް-ބްރެއިން ބެރިއަރ ހުރަސްކޮށް ބޭސްތައް އެތެރެވުމަށް ހުރަސްއެޅުމެވެ. ނަމަވެސް، މި އާ މާއްދާއިން އެ ފަށަލަ ހުރަސްކޮށް، ސީދާ ކެންސަރު ސެލްތަކަށް އަމާޒުކޮށް ނައިޓްރިކް އޮކްސައިޑް ފޯރުކޮށްދެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މިހާތަނަށް މި ފަރުވާ ތަޖުރިބާކޮށްފައިވަނީ ކެންސަރު ޖައްސާފައިވާ މީދަލުގެ މެދުގައެވެ. މި ތަހުލީލުތަކުން ދައްކާ ގޮތުގައި، މި މާއްދާ ބޭނުންކުރުމުން ކެންސަރު ސެލްތަކުގައި ނައިޓްރޭޓްގެ މިންވަރު 24 ގަޑިއިރު ވަންދެން މަތީގައި ހުރެއެވެ. މީގެ ސަބަބުން ކެންސަރު ސެލްތައް މަރުވުމަށް މަގުފަހިވެއެވެ. މީގެ އިތުރުން، މިހާރު ދެމުން އަންނަ ކީމޯތެރަޕީގެ ފަރުވާތަކާ އެކު މި މާއްދާ ބޭނުންކުރުމުން ނަތީޖާ މާ ބޮޑަށް ރަނގަޅުވާކަން ވެސް ދިރާސާއިން ދައްކައެވެ.
ކެންސަރު ބަލީގެ މިނިވަން ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، މިއީ އުންމީދީ ހޯދުމެއް ނަމަވެސް، މިއީ އަދި ދިރާސާގެ ވަރަށް ކުރީކޮޅެވެ. މި ފަރުވާ އިންސާނުންނަށް ދިނުމަށް އަދި ތައްޔާރު ނޫން ކަމަށާއި، މިއީ ރައްކާތެރި ފަރުވާއެއްތޯ ކަށަވަރުކުރުމަށްޓަކައި އިންސާނުންގެ ގަޔަށް މި ބޭސް ދީގެން ކްލިނިކަލް ޓްރަޔަލްތައް ފެށުމުގެ ކުރިން އިތުރު ތަހުލީލުތަކެއް ކުރަންޖެހޭނެ ކަމަށް އޮންކޮލޮޖިސްޓުން ބުނެއެވެ.
ކެންސަރު
ކެންސަރު
ކެންސަރު
ކެންސަރު
ކޮމެންޓް