ދުނިޔޭގެ އެންމެ ބާރަށް ހަޅޭއްލެވުމުގެ ގިނިސް ވޯލްޑް ރެކޯޑު އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ އުމުރުން 58 އަހަރުގެ ޖޯސެފް މެކްގްރެއިލް-ބޭޓަޕް މުގުރާލައިފިއެވެ. އޭނާ މި ރެކޯޑު މުގުރާލާފައިވަނީ 122.4 ޑެސިބެލްގެ ބާރުމިނުގައި "ނައު" (މިހާރު) މިހެން ގޮވައިގެންނެވެ.
ގިނިސް ވޯލްޑް ރެކޯޑްސްއިން މި ރެކޯޑު ރަސްމީކޮށް ބަލައިގަނެފައިވާކަން ކަށަވަރުކޮށްދީފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ނަމަވެސް، މި ރެކޯޑު ހެދުމަށްޓަކައި އޭނާ އަޑު ރެކޯޑުކޮށްފައިވަނީ މި އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހު ރޭޑިއޯ ސްޓޫޑިއޯއެއްގައެވެ.
މި ރެކޯޑު ހެދުމަށްޓަކައި ޖޯސެފް ވަނީ ހަތް ފަހަރެއްގެ މަތީން މަސައްކަތްކޮށްފައެވެ. އޭނާ ބުނި ގޮތުގައި، މިކަމުގެ ސަބަބުން އޭނާގެ އަޑު ވަނީ އެތައް ދުވަހެއް ވާންދެން ކުރަކިވެ، ހަލާކުވެފައެވެ.
ރެކޯޑު ހެދުމުގެ ކުރީން އޭނާ ވަނީ ތަފާތު އެކި ބަސްތައް ބޭނުންކޮށްގެން އަޑު ނެރެން މަސައްކަތްކޮށްފައެވެ. އެންމެ ފަހުން އޭނާ އިހްތިޔާރުކުރީ "ނައު" މި ބަހެވެ. ޖޯސެފް ބުނި ގޮތުގައި، މިކަމަކީ ކުރިން ފަރިތަކޮށްގެން ކުރެވޭނެ ކަމެއް ނޫނެވެ. އަދި ރެކޯޑު ހަދާ ދުވަހަށް އަޑު ރައްކާތެރިކޮށްގެން ހުރުން ވަރަށް މުހިންމު ކަމަށް އޭނާ ފާހަގަކުރިއެވެ. މި ރެކޯޑު ހެދުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ޕްރޮފެޝަނަލް އެކޫސްޓިކް އިންޖިނިއަރެއްގެ ބެލުމުގެ ދަށުން، ހެކިންގެ ހާޒިރުގައެވެ.
ޖޯސެފް މި ރެކޯޑު މުގުރާލުމުގެ ކުރިން، މި ރެކޯޑު އޮތީ އުތުރު އަޔަލޭންޑުގެ ޓީޗަރެއް ކަމަށްވާ އެނަލީސާ ފްލެނަގަންގެ އަތުގައެވެ. އޭނާ 1994 ވަނަ އަހަރު މި ރެކޯޑު ހަދާފައިވަނީ 121.7 ޑެސިބެލްގެ ބާރުމިނުގައި "ކުއަޓް!" (މަޑުންތިބޭ!) މިހެން ގޮވައިގެންނެވެ.
އަޑުގެ ބާރުމިން މިންކުރާ ޑެސިބެލް ސްކޭލަކީ ލޮގަރިތަމިކް ސްކޭލެކެވެ. މާނައަކީ، ކޮންމެ 10 ޑެސިބެލްއެއް އިތުރުވުމަކީ އަޑުގެ ބާރުމިން ދެގުނަވުމެވެ. އެހެންކަމުން، ޖޯސެފްގެ އަޑަކީ އާދައިގެ މީހެއްގެ އަޑަށްވުރެ އެތައް ގުނައެއް ބާރު އަޑެކެވެ. ޖޯސެފްގެ 122.4 ޑެސިބެލްގެ އަޑަކީ ގުގުރީގެ އަޑާއި، ގަސްކަނޑާ ކަރަންޓު ކީހެއްގެ އަޑު ނުވަތަ މަގުކޮންނަ މެޝިނެއްގެ އަޑާ އެއްވަރުގެ ބާރުގަދަ އަޑެކެވެ.
އިނގިރޭސިވިލާތުގެ ރޯޔަލް ނޭޝަނަލް އިންސްޓިޓިއުޓް ފޯ ޑެފް ޕީޕަލް (އާރްއެންއައިޑީ) އިން ބުނާ ގޮތުގައި، އިންސާނުންގެ ކަންފަތަށް ތަދުވާން ފަށާ މިންވަރަކީ 130 ޑެސިބެލްއެވެ. މިއީ 100 މީޓަރު ދުރުން ޖެޓް މަތިންދާބޯޓެއް ނައްޓާލާއިރު އިވޭނެ އަޑުގެ މިންވަރެވެ. އެހެންކަމުން، ޖޯސެފްގެ އަޑު ހުރީ އިންސާނުންނަށް ވޭން އިހުސާސްކުރެވޭ މިންވަރާ ވަރަށް ގާތުގައެވެ.
އޭސީ ސާފުކުރުމުގެ މަސައްކަތްކުރާ ޖޯސެފްއަކީ 2017 ވަނަ އަހަރުން ފެށިގެން އޮސްޓްރޭލިއާގެ ކެންބަރާގެ ރަސްމީ 'ޓައުން ކްރަޔަރ' ނުވަތަ ރަށުތެރޭގައި އިއުލާނުތައް ގޮވުމުގެ ޝަރަފުވެރި މަގާމު އަދާކުރަމުން އަންނަ މީހެކެވެ.
އޭނާ ބުނި ގޮތުގައި، އެކި ހަފްލާތަކުގައި އިއުލާނުތައް ގޮވުމަކީ އޭނާ މަޖަލަކަށް ކުރާ ކަމެކެވެ. މި މަސައްކަތުގެ ތެރެއިން އޭނާއަށް ވަނީ އަޑުގަދަކޮށް ވާހަކަދެއްކުމުގެ ހުނަރު ލިބިފައެވެ. މީގެ ކުރިން 2019 ވަނަ އަހަރުވެސް ޖޯސެފް ވަނީ ތަފާތު ގިނިސް ވޯލްޑް ރެކޯޑެއް ހަދާފައެވެ. އެއީ 60.03 ސިކުންތުގެ ތެރޭގައި ތީރުން 10 ހަމަލާ ފޮނުވާލައިގެން ހެދި ރެކޯޑެކެވެ. ނަމަވެސް، އޭގެ ނުވަ މަސް ފަހުން އުމުރުން ހަތް އަހަރުގެ ކުއްޖަކު ވަނީ 11 ސިކުންތުގެ ކުރިއެރުމަކާއެކު އެ ރެކޯޑު މުގުރާލާފައެވެ. ޖޯސެފް ބުނި ގޮތުގައި، ރެކޯޑުތަކަކީ މުގުރާލުމަށް ހަދާ އެއްޗެހި ކަމަށްވާތީ، އެހެން މީހަކު އޭނާގެ ރެކޯޑު މުގުރާލުމަކީ އުފާކުރާ ކަމެކެވެ. ގިނިސް ވޯލްޑް ރެކޯޑްސްއިން މިހާރު ވަނީ ޖޯސެފްގެ މި އާ ރެކޯޑު ރަސްމީކޮށް ބަލައިގަނެ، އޭނާއަށް އެކަމުގެ ލިޔުން ހަވާލުކޮށްފައެވެ.
ސިނާން އަލީ
ދުނިޔޭގެ ރެކޯޑު
ދުނިޔޭގެ ރެކޯޑު
ދުނިޔޭގެ ރެކޯޑު
ދުނިޔޭގެ ރެކޯޑު
ކޮމެންޓް