ތަނާލްގެ އުނަގަނޑުގައި ދެއަތުން ވަށާލި ޒަރާރް ހިނިތުންވެލިއެވެ. ލޯބި ހާސިލްވުމަށްފަހު ލިބުނު އުފާވެރިކަން ޒަރާރްގެ މޫނުން ރަމްޒުކޮށްދިނެވެ. ޖަޒުބާތުގައި ބެހުމާއެކު އުފާވެރިކަމުގެ ކަރުނަތައް ނީރާލަން އުޅުނެވެ. ތެދަށް ބުނާނަމަ ތަނާލްގެ ޖަވާބު އައިސްދާނެ ގޮތެއް ނޭނގޭތީ ޒަރާރް ހުރީ ހާސްކަމެއްގެ ތެރޭގައެވެ. މާތްﷲގެ ރަހުމަތުން ހުރިހާ ކަމެއް ދިޔައީ ރަނގަޅަށެވެ. ބޭނުންވި މަންޒިލާ ހަމައަށް ވާސިލް ވެވިއްޖެއެވެ. އޯގާތެރި ހިތަކާއެކު އޭނަގެ ލޯބި ތަނާލް ބަލައިގެންފިއެވެ. މިދުނިޔެމަތިން އެންމެ ނަސީބު ގަދަ އިންސާނާ ކަމުގައި ހީކުރެވުނު ވަގުތުކޮޅެކެވެ. ދުޢާ ކުރެވުނީ އެއުފާވެރިކަން އެގޮތުގައި ލެހެއްޓެވުމަށް އެދިއެވެ. ދުނިޔޭގެ ކެހިވެރި ލޯތަކުން ސަލާމަތްކޮށްދެއްވުމަށް އެދިއެވެ. އެކުގައި އުފާވެރި މުސްތަޤުބަލެއް ބިނާ ކުރުމުގެ ނަސީބު މިންވަރުކޮށްދެއްވުމަށެވެ.
''އައި ލަވް ޔޫ...'' ވައި އަޑަކުން ތަނާލްގެ ކަންފަތް ދޮށުގައި ޒަރާރް ބުނެލިއެވެ. މޭގައި އުތުރި އަރަމުންދާ ޖަޒުބާތުތައް ބަންޑުންކޮށްލަން ޒަރާރް ބޭނުންވިއެވެ. ހިނދުރީގައި ނޭވާ ހުރިހާ ހިނދަކު ތަނާލް ދެކެ ވާ ލޯބި އޭނަ ބަޔާންކޮށްދޭނެއެވެ. އެކަމުން އުފާ ލިބޭތީއެވެ.
ޒަރާރްގެ މޭގައި ތަނާލް ފިރުމާލިއެވެ. އެ ތިން ލަފުޒުގައި ހުރި ބާރު ދެވަނަ ފަހަރަށް ތަޖުރިބާކޮށްލުމުގެ ނަސީބު އޭނައަށް ލިބިއްޖެއެވެ. ހިތުގެ ހިމަ ނާރުތަކާ ހަމައަށް ދުވެލީ އުފާވެރިކަމުގެ ރާޅުބާނީތަކެވެ. މޭގައި ނުފިލާ ހުންނަ ރިހުމަށް ނިމުން ގެނެސްދެމުންނެވެ.
''އަހަރެން މިހާވަރަށް ލޯބި ވާވާހަކަ ބުނީމަ ވެސް ރިޕްލައި ނުދޭނަންތަ؟...'' ތަނާލްއާއި ދުރަށް ޖެހިލަމުން ޒަރާރް ބުނެލިއެވެ. އެދެލޮލުން ފާޅުވަނީ ލާނެއް ކަމެވެ.
''ނުބުންޏަސް އެނގެއެއްނު...'' ޒަރާރްގެ ތޫނު ނަޒަރުން ތަނާލް ލަދުގަންނަން ފެށިއެވެ.
''އެކަމަކު އަހަރެން ބޭނުން އަޑުއަހާލަން...'' ޒަރާރް ބުނެލިއެވެ. ''އަދި އެއްފަހަރު ބުނެބަލަ...''
''ދެން...'' ތަނާލް އުޅުނީ ދުރަށް ދާށެވެ. އެއާއެކު ތަނާލްގެ އަތުގައި ޒަރާރް ހިފިއެވެ.
''ޔޫ ޖަސްޓް މޭޑް މީ ދަ ލަކިއެސްޓް މޭން...'' ތަނާލްއާއި ހަތަރުކަޅިހަމަކޮށްލަމުން ފުރިހަމަ ހިނިތުންވުމަކާއެކު ތަނާލްގެ އަތްތިލައަށް ޒަރާރް ބޮސްދިނެވެ.
*****
ތަނާލްއާއި ޒަރާރް އިށީނދެގެން ތިބީ ދޮންވެލިގަނޑުއެވެ. ދުއްވާ އެއްޗެހީގެ އަޑާއި، މީހުންގެ ފިޔަވަޅުތަކުގެ އަޑުތައް އޮބި ދުނިޔެ ހަމަހިމޭންވުމާ ގާތަށް ދަނީއެވެ. މާހައުލުން އިވެމުންދާ ހަމައެކަނި އަޑަކީ ގޮނޑުދޮށަށް ބީއްސާލާ ރާޅުތަކުގެ އަޑެވެ. ހަނދު ވެސް މެދު އުޑުން ވީއްލި އޮއްސުމާ ގާތް ވެއްޖެއެވެ. ކިރުކަކުނިތައް ވެސް އެސޮރުމެންގެ ހޮރުތަކުން ނިކުމެ އަމާން މާހައުލެއްގެ އުފާ ހާސިލްކުރަން ފަށައިފިއެވެ. ޖެހިލާ ރޯޅިތަކުގައި ވަނީ ފިނިކަމުގެ އަސަރެވެ.
''އަހަރެން ވާހަކައެއް ބުނަންތަ؟...'' ގޮނޑުދޮށުގައި ހޭލަމޭލަވަމުންދާ ކިރުކަކުނިތަކާ ނަޒަރުވަކިކޮށް، ޒަރާރްގެ މޫނަށް ތަނާލް ބަލައިލިއެވެ. އޭރު ޒަރާރް ބަލަމުން ދިޔައީ ތަނާލްގެ މޫނަށެވެ. ކަޅި ޖަހާލުމެއް ނެތިއެވެ. ޒަރާރްގެ ދެލޮލުން ތަނާލް ދެކެ ވާ ލޯބި ހާމަކޮށްދެއެވެ. އެކުވެރިކަމުގެ ފަރުދާ ހިއްލުމާއެކު ހުރަހަކާ ނުލާ ހިތުގެ ހާލު ބުނެދިނުމުގެ ފުރުސަތު ޒަރާރްއަށް ލިބިއްޖެއެވެ.
''އަވަހަށް ބުނޭ، އަޑު އަހަން މީނީ...'' ޒަރާރް ނިތް އަރުވާލިއެވެ.
ތަނާލް ދިއްކޮށްލީ އޭނަގެ އަތްތިލައެވެ. އެއަތުގައި ހިފުމަށް ބުނާ ކަހަލައެވެ. ފުޅާ ހިނިތުންވުމަކާއެކު ތަނާލްގެ އަތުގައި ޒަރާރް ހިފިއެވެ. އެހިނދު ދެޒުވާނުންގެ އަތުގެ އިނގިލިތައް މަހާލަމުން ތަނާލް ވާހަކަދައްކަން ފެށިއެވެ.
''އިނގޭތަ؟، އަހަރެންގެ ހިތުން ޒަރާރްއަށް ހާއްސަ މަޤާމެއް ދެވުނު ދުވަހު ވަރަށް ބޮޑަށް ބިރުގަތހިދާން ނޫން އިތުރު މީހަކު ދެކެ ލޯބި ވެވިދާނެކަން ޤަބޫލުކުރަން އުނދަގޫވި، އަހަރެން އުޅުނީ އެއިހުސާސްތަކަށް ފިލަން، އެކަމަކު އެކަން ވީ އުނދަގޫ ކަމަކަށް... ޒަރާރް... އަހަރުމެން ދެމީހުންގެ ބައްދަލުވުމަކީ އިއްތިފާޤެއް ނޫން، އެއީ ތަޤުދީރުގައި ލިޔެވިފައި އޮތް ގޮތް، އަހަރެންގެ ހިތާމަތަކަށް ޝިފާއެއް ދެވުމަށް އެދި މާތްﷲއަށް ދެންނެވި ދުޢާތަކުގެ ޖަވާބަކީ ތީ، ޒަރާރްއާއި ބައްދަލުވި ފުރަތަމަ ރެއިން ވެސް ތި ހިތުގެ ސާފުކަން އިހުސާސްކުރެވުނު... އެކުވެރިޔަކަށް އެންމެ ބޭނުންވި ދުވަހު އަހަރެންގެ ގާތުގައި ހުރީ ޒަރާރް... އެކަނިވެރިކަމަށް ނިމުމެއް ގެނެސްދިނީ ޒަރާރް... ލޯބި ވެވުނީ ޒަރާރްގެ ހިތްހެޔޮކަމުގެ ސަބަބުން... އަހަންނަށް އެކަން ވިސްނުނީ ތެރަޕިސްޓާއި ވާހަކަދައްކާލުމުން، އަހަރެން ބިރުން އުޅުނީ ބޭކާރު ވިސްނުންތައް ގިނަވުމުން... އަހަރެންގެ ހިތުގައި އަބަދުވެސް ހިދާންގެ ނަން ވާނެ، މިރެއިން ފެށިގެން ހިދާންއަކީ އަހަރެންގެ މާޒީ، އަހަރެންގެ މުސްތަޤުބަލުކަމުގައިވާން ބޭނުންވަނީ ޒަރާރް...'' ތަނާލް ބުންޏެވެ. އެދެމެދުގައި އެއްވެސް ކަހަލަ ސިއްރެއް އޮންނަން ޒަމީރު ދެކޮޅު ހެދިއެވެ. ފަސްޖެހުމަކާއި ނުލައި ހުރިހާ ވާހަކައެއް ޒަރާރްއާއި ހިއްސާކުރީ އެހެންވެގެންނެވެ. ޒަރާރްއަށް ކުރެވޭ އިތުބާރެއްގެ ސަބަބުންނެވެ. ހަމައެއާއެކު ޒަރާރްއަށް އޭނަގެ ހާލަތު ވިސްނޭނެތީއެވެ. އޭނަގެ އިހުސާސްތަކަށް ޒަރާރް ޤަދަރުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތެވެ.
ލޯތްބަކީ ހަމައެކަނި ޖަޒުބާތެއްގެ މައްޗަށް ބިނާ ކުރެވޭނެ ގުޅުމެއް ނޫނެވެ. ލޯތްބަށް ދިރުން ލިބި ފޯދޭނީ އެކަކުއަނެކަކަށް ކުރާ އިތުބާރާއި އިހުތިރާމްގެ މައްޗަށެވެ. ލޯބީގެ ދެވަނަ ނަމަކީ ހިމާޔަތާއި ރައްކާތެރިކަމެވެ. ކުލުނާއި ފުރިހަމަ އިތުބާރު އޮތް ގުޅުމެއްގެ ބިންގަލުގައި ރެނދެއް ނުލާނެއެވެ. އެފަދަ ފުރިހަމަ ގުޅުމެއް ޒަރާރްއާއެކު ޤާއިމުކުރުމަކީ ތަނާލްގެ އަޒުމެވެ.
''ބިރު ގަތުމަކީ މައްސަލައެއް ނޫނޭ، ތަނޫ ދެކެ ލޯބިވެވުނުކަން އެނގުނު ހިސާބުން އަހަރެން ވެސް ބިރުގަތް، ދޯސް އިމޯޝަންސް އާރ ވަޓް މޭކް އަސް ހިއުމަން... މިހާރު ބަލާބަ، ބިރާ ކުރިމަތިލީމަ ހުރިހާ ކަމެއް ފަސޭހަވެއްޖެއެއްނު...'' ޒަރާރް ބުންޏެވެ. ''ތެންކިއު ފޯރ ޝެއަރިން ދެޓް ވިތް މީ...''
''ދެން ކޮންމެ ވާހަކައެއް ޒަރާރްއާ ހިއްސާކުރާނަން... ޒަރާރް ވެސް އަހަރެން ގާތު ބުނެދެއްޗޭ...'' ޒަރާރްއާއި ހަތަރުކަޅި ހަމަކޮށްލަމުން ތަނާލް އެދުނެވެ. ޒަރާރް ބޯޖަހާލީ ބަހުގެ ޔަޤީންކަން ދިނުމަށެވެ.
''ޔަޤީނެއްނު، ޔޫ އާރ ސްޓިލް މައި ބެސްޓްފްރެންޑް...'' ތަނާލްގެ މޫނަށް ބަލަމުން ޒަރާރް ބުނެލިއެވެ. ތަނާލް ބަދަލުކޮށްލީ ރީތި ހިނިތުންވުމެކެވެ.
''ވަރަށް ލަސްވެއްޖެދޯ...'' އަތުކުރީ އޮތް ގަޑިއަށް ބަލަމުން ޒަރާރް ބުނެލިއެވެ. އެކުގައި ހޭދަކުރެވުނު އުފާވެރި ވަގުތުކޮޅުން ގަޑި ދިޔަ ގޮތެއް ވެސް ނޭނގުނީއެވެ. ދަންވަންދެން ބޭރުގައި އުޅުމަކީ ޒަރާރްގެ އާދައެއް ނޫނެވެ. ހަމައެއާއެކު ތަނާލް ގެއަށް އައުން ލަސްވެގެން ތަނާލްގެ މައިންބަފައިން ކަންބޮޑުވެދާނެތީ އެކަމާ ވިސްނާލެވުނެވެ. މިރޭގެ އުފާވެރި ހިނދުކޮޅަށް ނިމުމަކަށް އައިކަމުގައި ވިޔަސް، އެކުގައި ހޭދަކޮށްލަން ލިބޭނެ ދުވަސްތައް ކުރިއަށް އޮތީއެވެ. މާތްﷲގެ އިރާދަފުޅާއެކު އެއިން ކޮންމެ ދުވަހެއް ހާއްސަ ދުވަހަކަށް ހަދަން ޒަރާރް އަޒުމުކަނޑައެޅިއެވެ.
''ތަނޫގެ ތެރަޕިސްޓަށް އަހަރެން ތަޢާރަފްކޮށްލަދޭން ވާނެ އިނގޭ، އައި ވޯންޓު ތޭންކް ހާރ...'' ކާރާ ދިމާއަށް ހިނގަމުން ދަނިކޮށް ޒަރާރް ބުނެލިއެވެ.
''ރާނިޔާގެ ފޭންއެއް ހުރިހާ ވާހަކަ ބުނެލާނަން...'' ތަނާލް ބުނެލިއެވެ.
''އުހޫނ، އަހަރެން އަބަދުވެސް ވާނީ ތަނޫގެ ނަންބާރ ވަން ފޭންއަށް...'' އޭނަގެ ކޮނޑުން ތަނާލްގެ ކޮނޑުގައި ކުޑަކޮށް ޖެހިލަމުން ޒަރާރް ބުންޏެވެ.
*****
އެޕާޓްމެންޓް ހުންނަ އިމާރާތް ކައިރިއަށް ކާރު މަޑުކޮށްލަމުން، ތަނާލްގެ ފަހަތުން މިފަހަރު ޒަރާރް ވެސް ފޭބިއެވެ. ލިފްޓާ ހަމައަށް ތަނާލް ގެންގޮސް ދިނީ ވެސް ޒަރާރް އެވެ. ލިފްޓްގެ ދޮރު ލެއްޕެން އުޅެނިކޮށް، ލިފްޓްގެ ބަޓަނަށް ޒަރާރް ފިތާލިއެވެ. ދޮރު ހުޅުވުމާއެކު ތަނާލް ނިތް އަރުވާލިއެވެ.
''އެއްޗެއް ބުނަން ހަނދާން ނެތުނީ...'' ލިފްޓްގެ ފާރަށް ލެނގިލަމުން ޒަރާރް ބުންޏެވެ. އޭރު ވެސް ޒަރާރް ހުރީ ލިފްޓްގެ ބަޓަނަށް ފިއްތައިގެންނެވެ.
''އަވަހަށް ބުނެބަލަ، އެލާމް އަޅަން ފަށާފާނެ...'' ތަނާލް ބުންޏެވެ.
''ބުނަންވީތަ؟...'' ޒަރާރް ބުމަ އަރުވާލިއެވެ. ''އައި ލަވް ޔޫ...''
ޒަރާރްއަށް ބަލަން ހުރެފައި ތަނާލް ބޯހޫރާލިއެވެ. އޭރު އޭނައަށް ހެވިއްޖެއެވެ.
''މިފަހަރު ޖަވާބު ހޯދައިގެން ދާނީ...'' ޒަރާރް ބުންޏެވެ.
''އޯކޭ، އޯކޭ، ލޯބިވޭ...'' ތަނާލް ބުންޏެވެ. ކުރިއަށް ޖެހިލަމުން ސަމާސާކޮށްލުމުގެ ނިޔަތުގައި ޒަރާރްގެ މޭގައި އަތް ޖައްސާލަމުން ފަހަތަށް ވެސް ކޮއްޕާލިއެވެ. ފުރުސަތުގެ ބޭނުން ހިފައި ލިފްޓްގެ ދޮރު ތަނާލް ލެއްޕިއެވެ. އޭގެ ކުރިން ޒަރާރްގެ ހުނުމުގެ އަޑު އިވުނެވެ. ލިފްޓް މައްޗަށް އަރަން ފެށުމާއެކު، ލިފްޓްގެ ފާރުގައި ބުރަކަށިޖައްސާލަމުން އަމިއްލަ ނަފުސަށް ހިނިތުންވެވުނެވެ. މޭގައި އަތްތިލަ ޖައްސާލެވުނީ މުޅިން ތަފާތު ވިންދެއް އުފަންވެފައިވާތީއެވެ. ހިތަށް ދިރުން ލިބިފައިވާ ކަހަލައެވެ.
ލިފްޓް ދާންވާ ފަންގިފިލާއާ ހަމައަށް ދެވެންދެން ޒަރާރް މަޑުކޮށްގެން ހުއްޓެވެ. ސަލާމަތާއި ރައްކާތެރިކަމާއެކު ތަނާލްއަށް އެޕާޓްމެންޓަށް ވަދެވިއްޖެކަމުގެ ޔަޤީންކަން ލިބުމާއެކު ނިކުންނަން މިސްރާބު ޖެހިއެވެ.
ތުންބުން ފުމެމުން ރީތި ރާގެއް އަޅުވާލަމުން ޒަރާރް ކާރަށް އެރިއެވެ. ކާރަށް އަރާފައި ވެސް ދުއްވުމުގެ ބަދަލުގައި އަމިއްލަ ނަފުސަށް ހިނިތުންވެލައިގެން އިރުގަނޑެއް ވަންދެން އިނެވެ. މޭގައި މަޑުމަޑުން ފިރުމާލެވުނީ ވިންދުތައް ހަމައަށް ނޭޅޭތީއެވެ. މިރޭގެ ހާއްސަ ވަގުތުކޮޅު ސިކުނޑީގައި ބިންވަޅު ނެގިފައިވަނީ ފަނޑުވެގެން ނުދާނެ ފަދަ ގޮތަކަށެވެ. ފިލްމެއްގެ ސިފައިގައި އެމަންޒަރުތައް ލޮލަށް ފެންނަ ކަހަލައެވެ.
ގެއާ ހަމައަށް ދެވެންދެން ވެސް ޒަރާރްގެ ތުންފަތުން ހިނިތުންވުން ފިލައިގެން ނުދެއެވެ. ގެއަށް ވަދެވުމާއެކު އޭނަ ބޭނުންވީ އުފާވެރި ޚަބަރު މާމައާއި ކާފައާ ހިއްސާކުރާށެވެ. ހާއްސަކޮށް މާމަ އަށެވެ. އޭނައަށް ހިތްވަރު ލިބުނީ މާމާގެ ނަސޭހަތުންނެވެ. ފަތިސް ނަމާދަށް ފަހު މާމަމެންނާއި ވާހަކަދައްކަން ގަސްދުކުރަމުން ޒަރާރް ވަނީ އޭނަގެ ކޮޓަރިއަށެވެ.
*****
ފަތިސް ނަމާދުކޮށްގެން ގެއަށް އައި ޒަރާރްއާއި ފުރަތަމަ ބައްދަލުވީ ޝަބާނާއާ އެވެ. ޒަރާރް ފެނުމާއެކު ކޮފީ ބޭނުންތޯ ޝަބާނާ އެހިއެވެ. ޝަބާނާއަށް ބަލައިލި ޒަރާރް ފިޔަވަޅުތައް މަޑުޖައްސާލިއެވެ.
''އެބަ އަންނަން މާމަމެން ގާތަށް ގޮސްލާފަ...'' ޒަރާރް ބުންޏެވެ.
''ދައްތަ އުޅޭނަން ބަދިގޭގަ، ދަރިފުޅު އައިސް ދައްތައަށް ގޮވާލައްޗޭ...'' ޝަބާނާ ހިނގައިގަތީ ބަދިގެއަށެވެ. ހެނދުނުގެ ނާޝްތާގެ ތައްޔާރީތައް ބެލުމަށެވެ.
މާމަގެ ކޮޓަރީގެ ދޮރުގައި ޓަކިދެމުން ޒަރާރް މަޑުކޮށްލިއެވެ. ޓަކި ދިންތާ ގިނަ އިރެއް ނުވަނީސް ދޮރުހުޅުވީ މާމަ އެވެ. މާމައަށް ފުރިހަމަ ހިނިތުންވުމެއް ހަދިޔާކޮށްލަމުން، މާމާގެ ގައިގައި ޒަރާރް ބައްދާލިއެވެ.
''ތެންކިއު މާމާ...'' ޒަރާރް ޝުކުރު ބަންޑުންކޮށްލިއެވެ.
''މާމަ މިހުންނަނީ ދަރިފުޅުގެ ގާތަށް ދާން ކަމަށޭ...'' ސަރުވާ ބުންޏެވެ. ޒަރާރްގެ އަޑުން އިހުސާސްކުރެވުނު އުފާވެރިކަމާއެކު ސަރުވާގެ ހިތަށް ފިނިކަމެއް ލިބުނެވެ. އޭނަ އެހުންނަނީ ރޭ ކަންތައް ދިޔަ ގޮތެއް އޮޅުންފިލުވާ ހިތުން ކެތްތެރިކަން ކޮޅުންލާ ހިސާބުގައެވެ. ޚިޔާލުތައް ގިނަވެ ރޭގައި ރަނގަޅަށް ނުވެސް ނިދުނެވެ. ޒަރާރްގެ ލޯބި ޒަރާރްއަށް މިންވަރުކޮށްދެއްވުމަށް އެދި ދުޢާކުރެވުނު އަދަދެއް ވެސް ނޭނގެއެވެ.
''އެސޮރު އެތެރެއަށް ވައްދަބަލަ...'' ސޯފާގައި ޤުރުއާން ކިޔަވަން އިން ޖާބިރު ބުންޏެވެ. ކާފަދަރިފުޅަށްޓަކައި ޓަކައި ދެމަފިރިންގެ މޫނުން ފާޅުވަނީ އުފާވެރިކަމެވެ. ޒަރާރްގެ ހަޔާތުން މުޅިން އައު ބާބަކަށް ކުރާ އިންތިޒާރަށް ނިމުން އަންނަން އުޅެތީއެވެ.
''ތެދެއް، އާދެބަލަ، މާމައަށް ކިޔާދީބަލަ...'' ޒަރާރްގެ އަތުގައި ހިފަމުން ސަރުވާ ބުންޏެވެ. ޒަރާރްގެ އަތުން ސަރުވާ ދޫކޮށްލީ ސޯފާގައި އިށީނުމަށްފަހުގައެވެ.
''ދަރިފުޅާ ބައްދަލުވާނެ އިރެއްގެ އިންތިޒާރުގައި މާމަ އެހުންނަނީ، މުޅިން ވެސް ދައްކަނީ ތަނޫގެ ވާހަކަ...'' މުސްހަފު ލައްޕާލަމުން ޖާބިރު ކޮޅަށް ތެދުވިއެވެ. އޭނަ ހިނގައިގަތީ ކޮޓަރީގައި ހުރި ފޮތް ހަރުގަނޑު ކައިރިއަށެވެ. މުސްހަފު ބޭއްވުމަށްފަހު އަނެއްކާ ވެސް އިށީނީ ސޯފާގައެވެ. ޒަރާރް ބުނާ އެއްޗެއް އަޑުއެހުމުގެ ޝައުޤާއެކުގައެވެ.
''ހަމައެކަނި އަހަރެންތަ؟، ޖާބިރު ވެސް ތިހުންނަނީ ތަނޫގެ ޖަވާބު އައި ގޮތެއް ބަލާ ހިތުން، އެކަމު ނަން ވާނީ އަހަރެން...'' ޖާބިރުގެ ކޮނޑުގައި މަޑުމަޑުން ޖަހާލަމުން ސަރުވާ ބުނެލިއެވެ. އޭނަ ދެން ބަލައިލީ ޒަރާރް އަށެވެ.
''އަޅުގަނޑަށް ވުރެން މާމައާއި ކާފަ އެކްސައިޓްވެފަ ތިބިހެން ހީވަނީ...'' ޒަރާރްއަށް ހެވުނެވެ. ފެންނަމުންދާ މަންޒަރުން އިންތިހާއަށް އުފާވިއެވެ. މާމައާއި ކާފަގެ ރުހުން ކުރިން ވެސް ތަނާލްއަށް ލިބިފައިވާކަން ޒަރާރްއަށް އެނގުނެވެ. ނަމަވެސް އެދަރަޖައަށް ތަނާލް ދެކެ ލޯބިވެދާނެކަމަށް އޭނައަށް ލަފާކޮށްނުލެވުނެވެ.
ޒަރާރް ބުނެދިނެވެ. އޭނަގެ ލޯބި ތަނާލް ޤަބޫލުކުރިކަމުގެ ދާސްތާން ހާމަ ކުރި އިރު ލަދުރަކި ހިނިތުންވުމެއް ޒަރާރްގެ ތުންފަތުގައި ވިއެވެ.
ޒަރާރްގެ ވާހަކަ އަޑުއަހަން އިނދެފައި ފުރަތަމަ ވެސް ސަރުވާ ހަމްދުރުކީ އާލަމްތަކުގެ ވެރި ﷲ އަށެވެ. ދެލޮލަށް ކަރުނަ ޖަމާވުމުން އެތެރެއަށް ނޭފަތް ދަމާލެވުނެވެ.
''މާމަ...'' މާމަގެ ލޮލުން ފޭބި ކަރުނަތައް ޒަރާރް ފޮހެލިއެވެ.
'އުފާވެރިކަމުގެ ކަރުނައޭ... މާމަ ހާދަ ދެކެން ބޭނުންވި ދުވަހެކޭމީ...'' ސަރުވާ ބުނެލިއެވެ. ސަރުވާއަށް ބަލަން އިނދެފައި، ސަރުވާގެ ކަނޑޮގައި ޖާބިރު ފިރުމާލިއެވެ.
''ދެން ދަރިފުޅު ވީ އަވަހަށް ކައިވެނީގެ ވާހަކަދައްކަން... ރައްޓެހިވެގެން ގިނަ ދުވަހު އުޅުމަކީ މާމަ ތާޢީދުކުރާ ކަމެއް ނޫން... މާމަ ބޭނުމީ ދަރިފުޅު ވީހާ ވެސް އަވަހަކަށް ޒަވާޖީ ހަޔާތެއް ފަށާ ދުވަހެއް ދެކެން... މިހާރު މާމައާއި ކާފަ ވެސް އުމުރުން ދުވަސްވެއްޖެ... މާމަ މިބުނާ އެއްޗެއް ދަރިފުޅަށް ވިސްނޭދޯ...'' ޒަރާރްގެ ބުރަކަށީގައި ފިރުމާލަމުން ސަރުވާ ބުންޏެވެ.
''ސަރުވާ، ޒަރާރް ބިރުގަންނަވާލަންތަ ތިއުޅެނީ؟...'' ޖާބިރު ބުނެލިއެވެ.
''ގޯސް ވާހަކައެއް ނޫނޭމީ، އަވަހަށް ކައިވެނިކޮށްގެން ދިރިއުޅުމެއް ބިނާކުރަން ވާނެ... ކީކޭތަ ދަރިފުޅު ބުނަނީ؟...'' ޒަރާރްއަށް ބަލަމުން ސަރުވާ ސުވާލުކޮށްލިއެވެ.
ޒަރާރްއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ތެދަށް ބުނާނަމަ އޭނަ ބޭނުންވަނީ ވީހާ ވެސް އަވަހަކަށް ކައިވެނި ކުރާށެވެ. ތަނާލްއާއި ދުރުގައި ހުރުން އޭނައަށް އުނދަގޫ ކަމަކަށް ވެދާނެތީއެވެ. ފަތިސް ނަމާދަށް ތެދުވެފައި ފުރަތަމަވެސް ޒަރާރް ބޭނުންވީ ތަނާލްގެ ހާލު ބަލައިލާށެވެ. އެސޫރާ ދެކިލާށެވެ. އެރީތި އަޑު އަހާލާށެވެ.
''އަޅުގަނޑަށް ނޭނގޭ މާމަގެ ސުވާލަށް ޖަވާބުދޭނެ ގޮތެއް...'' ބޮލުގައި އަތްފުނާއަޅަމުން ޒަރާރް ބުނެލިއެވެ.
''އެއީ؟، ކިހިނެއްވީތަ އަނެއްކާ؟...'' ސަރުވާ ކަންބޮޑުވިއެވެ.
''ކަމެއް ނުވެޔޭ މާމާ...'' ޒަރާރް ބުނެލިއެވެ. ''ތަނޫގެ ހާލަތަށް ބަލާފަ އެހާ އަވަހަށް ކައިވެނި ކުރަން އެއްބަސް ވެދާނެ ބާވައޭ ހިތަށް އަރަނީ...''
''ދަރިފުޅާ، މާމަ ކުރިންވެސް ބުނީމެއްނު ވާހަކަދައްކައިގެންނޭ ކަންތަކަށް ހައްލު ލިބޭނީ، ދަރިފުޅު ތަނޫއާ ސުވާލުނުކުރަންޏާ ކިހިނެއްތަ ތަނޫގެ ޚިޔާލު ހުރި ގޮތެއް އެނގޭނީ؟... ތަނޫއާއި ކަންތައް ހިއްސާކުރަން ވާނެ، ދެމެދުގައި މަޝްވަރާކުރަން ވާނެ... އޭރުން ގުޅުން ދެމެހެއްޓޭނީ، ވާހަކަދެއްކުމަކީ ވަރަށް މުހިންމުކަމެއް، އޭރުން މުސްތަޤުބަލުގައި މައްސަލަތައް ނުޖެހި ކުރިއަށް ދެވޭނީ...'' ސަރުވާ ނަސޭހަތް ދިނެވެ.
''ލައްބަ، ޤަބޫލުކުރަމޭ... ރަނގަޅު ވަގުތެއް ބަލާފައި ތަނޫއާ ވާހަކަދައްކާނަން...'' ޒަރާރް ބުނެލިއެވެ. މާމަ ދިނީ އަގުހުރި ނަސޭހަތެވެ. ތަނާލްއާއި މަޝްވަރާ ނުކުރާހާ ހިނދަކު، ކައިވެންޏާ މެދު ތަނާލްގެ ޚިޔާލު ހުރި ގޮތެއް އޭނައަށް އެނގޭނެ ހެއްޔެވެ؟
*****
ހެނދުނެވެ. އާދައިގެ މަތިން ދައްޔާން އޮފީހަށް އައީ ގަޑި ޖެހިގެންނެވެ. ލަސްވެގެން ޒަރާރް މެސެޖުކޮށްފައި އޮތަސް ޖަވާބެއް ނުދިނެވެ. ސަފާރީއަށް ގޮސްފައި އޭނައަށް ގެއަށް އާދެވުނީ ހެނދުނު ނުވައެއް ޖެހި ފަހުންނެވެ. ނަސީބު އަތުގައި ހިފުމުން އެއްވެސް މީހަކަށް ނުފެނި އޮފީހާ ހަމައަށް އާދެވޭވަރު ވިއެވެ. ލިފްޓުން ނިކުންނަމުން ލޮލުގައި އަޅާފައި އޮތް އަވިއައިނު ދައްޔާން ނެގިއެވެ. ދެން ހިނގައިގަތީ ކެބިންއާއި ދިމާއަށެވެ.
ދައްޔާން ފެނުމާއެކު އިހުތިރާމް އަދާކުރުމުގެ ގޮތުން ދިލްފާ ގޮނޑިން ތެވުވިއެވެ. ހެނދުނުގެ މަރުޚަބާ ރައްދުކުރަމުންނެވެ. އެކަމަށް ދައްޔާން ސަމާލުކަމެއް ނުދިނެވެ. އެންމެ ކުޑަމިނުން ދިލްފާއާއި ދިމާއަށް ބަލައި ވެސް ނުލިއެވެ. ކުއްލިޔަކަށް ދައްޔާންގެ ދެލޮލަށް ދިލްފާ ޣައިބުވެފައި ކަހަލައެވެ.
ކެބިންގެ ދޮރު ހުޅުވާލުމުގެ ކުރިން ދައްޔާން ފުން ނޭވާއެއް ދޫކޮށްލިއެވެ. ޒަރާރްއަށް ދައްކާނެ ބަހަނާތައް ސިކުނޑީގައި ރާވާލަމުންނެވެ. ކުޑަކޮށް ދޮރުހުޅުވާލަމުން އެތެރެ ބަލައިލިއެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވީ ޒަރާރްގެ ހިލަމެއް ނުވުމުންނެވެ. ކެބިންއަށް ވަންނަމުން އޭނަ ގޮސް ހުއްޓުނީ ކޮފީ މެޝިން ކައިރިއަށެވެ. ކޮފީ ތައްޔާރުކޮށްގެން އަމިއްލަ ސްޓޭޝަންގައި އިށީނުމުގެ ބަދަލުގައި، ދައްޔާން އިށީނީ ޒަރާރްގެ ގޮނޑީގައެވެ. ކޮފީގެ ރަހަ ބަލަމުން ލެދާރ ގޮނޑީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލިއެވެ.
ކޮފީ ބޮމުން ދަނިކޮށް މޮޅު ޚިޔާލެއް އައެވެ. ތަނާލްއާ ގުޅެ ގޮތުން މަޢުލޫމާތު ހޯދަން ދައްޔާން ހުރީ ބޭނުންވެފައެވެ. އެހެންކަމުން އޭނަ އުޅުނީ ކުންފުނީގެ ޑޭޓާބޭސް ބަލާށެވެ. ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރާ ހުރިހާ އެންމެންގެ މައުލޫމާތު ޑޭޓާބޭސްއިން ލިބެން ހުންނާނެކަން އޭނައަށް އެނގެއެވެ. ނޭނގުނީ ހޯދާނެ ގޮތެކެވެ. ދަތްތޮޅީގައި ފިރުމާލަމުން ވިސނާލެވުނެވެ. އެހެން އިންދާ ލޭންޑްލައިން ލޮލުގައި އަޅައިގަތެވެ. ފޯނުގެ އަތްގަނޑު ނަގަމުން ވަގުތުން ގުޅާލީ ދިލްފާ އަށެވެ. އެތެރެއަށް އައުމަށް އަމުރުކުރަމުން، ދިލްފާއަށް އެއްޗެއް ބުނުމުގެ ފުރުސަތު ދިނުމެއް ނެތި ދައްޔާން ފޯނު ކަނޑާލިއެވެ.
''ވަދޭ...'' ކެބިންގެ ދޮރުގައި ޓަކިދިން އަޑާއެކު ދައްޔާން ބުނެލިއެވެ.
އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ދިލްފާ ހުއްޓުން އެރިއެވެ. ޒަރާރްއަށް ހާއްސަކުރެވިފައިވާ ގޮނޑީގައި ދައްޔާން އިނުމުންނެވެ.
''އަހަރެން ބޭނުން ކޮމްޕެނީގެ ޑޭޓާބޭސްއަށް ވަންނަން...'' ދައްޔާން އަމުރުކޮށްލިއެވެ. އަޑުގައި ރުންކުރުކަމެއް ހުއްޓެވެ. ކުރިން ދިލްފާއާ މެދު އުފެދުނު ޝައުޤު މުޅިންހެން ގެއްލިއްޖެއެވެ. ތަނާލް ފެނުނީއްސުރެން ދައްޔާންގެ ޚިޔާލުތަކުގެ ރާނީއަކަށް ތަނާލް ވެއްޖެއެވެ. އެނޫން އަންހެންކުއްޖަކަށް ސަމާލުކަމެއް ދެން ނުދެވޭނެއެވެ.
''އަވަސްކުރޭ، އެބަޖެހޭ އެއްޗެއް ބަލަން...'' ތަންކޮޅެއް ބާރަށް ދައްޔާން ބުނެލިއެވެ. އަދި އަތުގެ އިޝާރާތުން ކެބިންއިން ނުމުގެން ދިއުމަށް އެންގިއެވެ. ފަސް މިނެޓްތެރޭގައި އޭނަ ބޭނުންވާ ގޮތަށް ކަންތައް ވާންޖެހޭނެ ކަމަށް ބުނަމުންނެވެ.
އައިޓީ ޑިޕާޓްމެންޓަށް ގުޅައިގެން، ދައްޔާނަށް ކުންފުނީގެ ޑޭޓާބޭސްއަށް ވަދެވޭ ގޮތް ދިލްފާ ހަދައިދިނެވެ. އެމަކަށް ވެސް ޝުކުރެއް ނުލިބުނެވެ. އެންމެ ކުޑަމިނުން އިހުތިރާމެއް ވެސް ނުލިބުނެވެ.
ވޯކް ސްޓޭޝަންގައި އިށީންނަމުން އޭނަ ހޯދަން ބޭނުންވެފައި ހުރި މައުލޫމާތުތައް ހޯދަން ދައްޔާން އަވަސްވެގަތެވެ. އެމަޢުލޫމާތު ހޯދަން އިރުގަނޑެއް ނެގިއެވެ. އެކަމާ ދައްޔާން ހުރީ ރުޅިގަދަވެފައެވެ. ނަމަވެސް ތަނާލްގެ ސީވީ ފެނުނު ހިސާބުން އޭނަގެ މޫނު އުޖާލާ ވެއްޖެއެވެ. ހިނިތުންވުމަކާއެކު ސީވީގައި ހުރި މައުލޫމާތު ފޯނުގައި ރައްކާކޮށްލިއެވެ. ތަނާލްގެ ނަންބަރެވެ. ގޭގެ އެޑްރެހެވެ. އީމެއިލަށް ދާން ދެން ނޯޓް ކުރިއެވެ.
(ނުނިމޭ)
ފުރުސަތު މި އެދޭ
ކޮމެންޓް