މާލޭގައި އިމާރާތަކުން ދެ މީހަކު ވެއްޓި އަނިޔާވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ އެ ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 1:50 ހާއިރު މަޖީދީމަގުގައި ހުންނަ، ހަދަމުންދާ އިމާރާތަކުން ދެ މީހަކު ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ރިޕޯޓު ލިބުމާއެކު ފުލުހުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައި ކަމަށާއި މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، މި ދެ މީހުން ވެއްޓިފައިވަނީ އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި އަނިޔާވި ދެ މީހުންނަށް ފަރުވާ ދިނުމަށްޓަކައި އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ އަނިޔާވެފައިވަނީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނަކާއި 39 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށް ކަމަށެވެ.

އަދި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.