ހުޅުމާލެ ފޭސް އެކެއްގައި ސަރުކާރުން ތަރައްގީ ކުރާ މީޑިއާ ވިލެޖުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް، އެ މުއްދަތަށް މަސައްކަތް ނުނިމުނީ މީޑިއާތަކުގެ ހުށަހެޅުންތަކާ ގުޅިގެން އެތަންނަން ގެނަންނަންޖެހޭ ބަދަލުތަކެއް ގެންނަން ކަަަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި މުންދު ވިދާޅުވީ، އެތަން ނިމުމަކާ ހަމައަށް ދިޔަ އިރު، ބައެއް މީޑިއާތަކުގެ ހިޔާލު ހޯއްދެވި ކަމަށެވެ.

އެކަމާ ގުޅިގެން އެތަން އެތުރިފައިވާ ގޮތާ ބެހޭގޮތުން ވަރަށް ގިނަ މީޑިއާތަކުގެ ފީޑްބެކް ލިބުނު ކަމަށްވެސް މުންދު ވިދާޅުވިއެވެ.

ތަން އެތުރިފައިވާ ގޮތާއި ސައިޒާއި އެތަނުން ދޭ ހިދުމަތްތަކާ ބެހޭގޮތުން ހުށަހެޅި އެ ބަދަލުތަކަކީ ބަލައިގަންނަން ޖެހޭ ބިނާ ކުރި ބަދަލުތަކަކަށް ވުމުން މަސައްކަތް ލަސްވަނީ އެ ބަދަލުތައް ގެނައުމަށް ކަަމަށްވެސް މުންދު މިއަދު ވިދާޅުވިއެވެ.

މީޑިއާ ވިލެޖު ތަރައްގީ ކުރަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި މީގެ 17 ވަރަކަށް އަހަރު ކުރިން އެސްޓީއޯއިން ސިޓީ ހޮޓަލެއް ތަރައްގީ ކުރަން ހެދި އިމާރާތުގައެވެ.

މީޑިއާ ވިލެޖުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާއެވެ.

މީޑިއާ ވިލެޖުގައި 34 ޖާގަ ހިމެނޭ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.