ދިރާގުގެ އެލީޓް ކްލަބްގެ ޕާޓްނަރެއްގެ ގޮތުގައި އީޒްއެޕް ހަމަޖައްސައިފިއެވެ.

ދިރާގުން މިއަދު ބުނީ އެ ޕާޓްނާޝިޕްގެ ދަށުން، ދިރާގުގެ އެލީޓް ކްލަބްގެ މެންބަރުންނަށް އީޒްއެޕް މެދުވެރިކޮށް ފަސް ޕަސެންޓުން ފަނަރަ ޕަސެންޓާ ހަމަޔަށް ހާއްސަ ޑިސްކައުންޓްތައް ލިބެން ހުންނާނެ ކަމަށެވެ.

އީޒްއެޕް އަކީ ރާއްޖޭގެ ވިޔަފާރިތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް އެއް ޑިޖިޓަލް މަންސައަކުން ގުޅުވައިދިނުމަށް ތައާރަފުކުރެވުނު ފުރަތަމަ މަލްޓި-ސާވިސް "ސުޕާ އެޕް" އެވެ.

އާންމު ދިރިއުޅުމުގެ ކަންކަން ލުއިފަސޭހަކޮށް، ހަލުވިކަމާއެކު ހިދުމަތްތައް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ މި އެޕް މެދުވެރިކޮށް، ކާބޯތަކެއްޗާއި ގްރޯސަރީ ޑެލިވަރީގެ އިތުރުން، އެކި ހިދުމަތްތަކަށް ފަސޭހަކަމާއެކު އެދެވޭނެއެވެ. މިއީ ހިދުމަތް ބޭނުންވާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ ދެމެދު އޮންނަ ގުޅުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހަރުދަނާކޮށްދޭ، އިތުބާރު ހުރި ޑިޖިޓަލް މަންސައެއް ކަމަށް ދިރާގުން ބުންޏެވެ.

"އީޒެޕް މެދުވެރިކޮށް ވިޔަފާރިކުރާ ދިރާގު އެލީޓް ކްލަބްގެ މެންބަރުންނަށް، ޕްރޮމޯ ކޯޑް ބޭނުންކޮށްގެން ޑިސްކައުންޓް ލިބޭނެ. މީގެ ތެރެއިން ބްލޫ އަދި ގޯލްޑް ޓިއާގެ މެންބަރުންނަށް ދުވާލަކު ދެ ފަހަރު މި ކޯޑު ބޭނުންކުރެވޭއިރު، ޕްލެޓިނަމް ޓިއާގެ މެންބަރުންނަށް ދުވާލަކު ތިން ފަހަރާ ހަމައަށް މި ކޯޑު ބޭނުންކުރުމުގެ ފުރުސަތު ލިބޭނެ." ދިރާގުން ބުންޏެވެ.

ދިރާގުން އިތުރަށް ބުނީ އެލީޓް ކްލަބް ކަސްޓަމަރުންނަށް ޕްރޮމޯ ކޯޑްގައި ޖެހުމަށް ބޭނުންވާ ޑިސްކައުންޓް ކޯޑު، ދިރާގު އެޕްގެ އެލީޓް ކްލަބް ޕޭޖުގައިވާ އީޒެޕް ބެނާ އިން ލިބިގެންދާނެ ކަމަށެވެ.

ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ދިރާގުގެ ކަސްޓަމަރުންގެ އަގުވަޒަންކޮށް އެ ކަސްޓަމަރުންނަށް އަގުހުރި އޮފާތަކުގެ އެހީގައި ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ، ދިރާގާއި ކަސްޓަމަރުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައިކަމަށް ދިރާގުން ބުންޏެވެ.

ދިރާގުގެ އެލީޓް ޕާޓްނަރުންނާ ގުޅިގެން އެ ފަދަ އިތުރު ފައިދާތައް ހޯދައިދިނުމަށް މަސައްކަތްކުރަމުން ދާކަމަށް ދިރާގުން ބުންޏެވެ.