އެމެރިކާ ސަރުކާރުގެ ސިއްހީ އިންޝުއަރެންސް ޕްރޮގްރާމްތައް ކަމަށްވާ މެޑިކެއަރ އަދި ޓްރައިކެއަރ މެދުވެރިކޮށް 906 މިލިއަން ޑޮލަރުގެ މަކަރާއި ހީލަތް ހެދިކަމުގެ ތުހުމަތުގައި ފިލިޕީންސް ދަރިކޮޅުގެ އެމެރިކާ ނަރުހެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ އަތުން 30 މިލިއަން ޑޮލަރުގެ ނަގުދު ފައިސާއާއި، އަގުބޮޑު ކާރާއި ގަހަނާ ވަނީ ހިފަހައްޓާފައެވެ.
ޓެކްސަސްގެ ސަދަން ޑިސްޓްރިކްޓް ކޯޓަށް ހުށަހެޅި ދައުވާގައިވާ ގޮތުން، ނެވާޑާއަށް ނިސްބަތްވާ އުމުރުން 49 އަހަރުގެ ނަރުހެއް ކަމަށްވާ މެރިޒެލް ޔޫކީ ވަނީ ހިއުސްޓަން ސަރަހައްދުގައި ހިންގި ކްލިނިކްތަކެއް މެދުވެރިކޮށް، އުމުރުން ދުވަސްވީ މީހުންނާއި މަރުމަތީގައި ތިބި ބަލިމީހުންނަށް ބޭނުން ނުވާ ފަރުވާތަކެއް ދީފައިވާ ކަމަށް ހަދައި ބިލުކޮށްފައެވެ.
މި ފައިސާއިން އޭނާ މުއްސަނދި ދިރިއުޅުމެއް އުޅެފައިވާ ކަމަށް ތުހުމަތުކުރެވޭއިރު، ތަހުގީގީ އިދާރާތަކުން ވަނީ އޭނާގެ ބޭންކު އެކައުންޓްތަކުގައި ހުރި 30 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާއާއި، 594،000 ޑޮލަރުގެ ފެރާރީ ކާރަކާއި، 865،000 ޑޮލަރުގެ ބުލްގަރީ ފަށެއް ހިފަހައްޓާފައެވެ. މީގެ އިތުރުން، ފިލިޕީންސްގައި 4.6 މިލިއަން ޑޮލަރު ހަރަދުކޮށްގެން އޭނާ އިމާރާތްކުރަމުން އަންނަ ރިސޯޓެއްގެ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެފްބީއައިގެ ޑިރެކްޓަރު ކޭޝް ޕަޓޭލް ވިދާޅުވި ގޮތުގައި، މިއީ އެ ގައުމުގެ ތާރީހުގައިވެސް ސިއްހީ ދާއިރާއިން ހިންގި އެންމެ ބޮޑު މަކަރާއި ހީލަތުގެ މައްސަލައެވެ. އަދި ބަލިމީހުންނަށް ފަރުވާދިނުމަށް ކަނޑައަޅާފައިވާ އެތައް ބިލިއަން ޑޮލަރެއް މިފަދަ އަމަލުތަކުގެ ސަބަބުން ގެއްލިގެންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މުދާތައް ހިފެހެއްޓުމާއި ދައުވާތަކާ ގުޅިގެން ދިފާއީ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މިއީ ހަމައެކަނި ތުހުމަތުތަކެކެވެ. އަދި ޝަރީއަތުން ކުށް ސާބިތު ނުވާހާ ހިނދަކު އޭނާއަކީ ކުށެއް ނެތް މީހެއްގެ ގޮތުގައި ބެލެވޭނެ ކަމަށް ވަނީ ބުނެފައެވެ. މި މައްސަލައިގެ ޝަރީއަތުގެ މަރުހަލާތައް މިހާރު ކުރިއަށްދަނީ ޓެކްސަސްގެ ފެޑެރަލް ކޯޓުގައެވެ.
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ
ކޮމެންޓް