ދިވެހި ރުއްތަކަށް ޖެހިފައިވާ ކޫޑި ބައްޔަށް ދާއިމީ ހައްލެއް ހޯދިފައިވާ ކަމަށާއި ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ ރުއްތަކަށް ޖެހޭ ބައްޔަށް ހައްލެއް ހޯދިފައިވަނީ ހދ. ހަނިމާދޫގައި ގާއިމުކޮށްފައިވާ ދަނޑުވެރިކަމަށް ހާއްސަ ލެބޯޓަރީގައި ކުރި ފަންނީ ތަހުލީލުތަކުން ކަމަށެވެ.

މި ހޯދުމާއެކު، ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ރަށްތަކުގައި އެ ބަލި ކޮންޓްރޯލް ކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

"ބަލި ފެތުރިފައި ހުރި ރަށްތަކުގައި އެކަމަށް ހައްލު ދިނުމުގެ މަސައްކަތް އަޅުގަނޑުމެން ވަރަށް އަވަހަށް ފާށާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މި މަސައްކަތަކީ ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ދެ އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ޕްރޮޖެކްޓެއްގެ ބައެެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އެގޮން މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ފުޑް ސެކިއުރިޓީއަށާއި ދަނޑުވެރިކަމުގެ ވިޔަފާރި ކުރިއެރުވުމަށް މުހިންމު ދައުރެއް އަދާކުރާ ދިވެހި ރުއްތައް ހިމާޔަތް ކުރުން ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެއިން ބޭރުން އެތެރެކުރާ ގަސްގަހާގެއްސާއި ރުކުގެ ބައިތަކަށް ގެއްލުންދޭ އެހެނިހެން ސޫފި ދެނެގަނެ، އެ ތަކެތި ކޮންޓްރޯލް ކުރުމަށް ވެސް މި ޕްރޮގްރާމްގެ ދަށުން މަސައްކަތް ކުރާނެ އެވެ.

ރާއްޖޭގެ ގިނަ ރަށްތަކެއްގެ ރުއްތަކަށް ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ހުދުކޫޑި އާއި ކަޅުކޫޑި ބަލި ވަނީ ވަރަށް ބޮޑަށް ފެތުރިފަ އެވެ. މި ބަލި ފެތުރެނީ ހާއްސަ ބާވަތެއްގެ ދިރޭ ސޫތްޕެއްގެ ސަބަބުންނެވެ. އެ ސޫފި ރުކުގެ ފަނާއި ފެހި ބައިތަކަށް ހަމަލާދިނުމުން އުފެދޭ ކަޅުކުލައިގެ ފަންގަސްއެއް ކަމުގައިވާ ސޫޓީމޯލްޑްގެ ސަބަބުން ރުއްތައް ނިކަމެތިވެ، ކާށި ލިބުން ދަތިވެ، ބައެއް ރުއްތައް މަރުވުމުގެ މައްސަލަ ވަނީ ކުރިމަތިވެފަ އެވެ.