އިސްލާމް ދީނަށާއި އިސްލާމީ ތައުލީމާއި ތަރުބިޔަތަށް ހިދުމަތްކުރެއްވުމުގައި ހަޔާތުގެ ބޮޑުބައެއް ހޭދަކުރެއްވި، ޝައިހް އިސްމާއިލް މުހައްމަދު (ތޮއިބާ ޝައިހު) ރޭ އަވަހާރަވެއްޖެއެވެ.

އުމުރުން 85 އަހަރުގައި ޝައިހު އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދަނިކޮށެވެ.

ދ. މީދު އަށް އުފަން، މއ. ފީރޯޒްވާދީ، ޝައިހު އިސްމާއިލަށް އިސްލާމްދީނަށް މީހުން ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ އިލްމު އުގަންނައި ދެއްވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވައިފައެވެ. ޝައިހު އިސްމާއިލަށް ވަނީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި ދީނަށް ހިދުމަތް ކުރުމާއި ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައެވެ.

ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގެ ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް ކަމުގެ ޝަރަފު ވެސް، މިދިޔަ އަހަރުގެ އޭޕްރީލް 19 ވަނަ ދުވަހުގެ ރޭ ޝައިހު އިސްމާއިލަށް ވަނީ އަރުވައިފައެވެ.

އިސްލާމީ ތައުލީމު އުގަންނައި ދިނުމުގައި ބައި ގަރުނަށް ވުރެ ގިނަ ދުވަސް ހޭދަކުރެއްވި ޝައިހު އިސްމާއިލް އަވަހާރަވި އިރު އޭނާގެ އަމިއްލަ ހަރަދުގައި ހުޅުމާލެ އެކެއްގައި އަންނަނީ މިސްކިތެއް އިމާރާތް ކުރަމުންނެވެ.

ކުރިން މާލޭގައި މަޝްހޫރުވި ތޮއިބާ ސްކޫލް ވެސް ހިންގެވި ތޮއިބާ އިސްމާއިލް އިމާރާތް ކޮށްދެއްވަމުން ގެންދަވާ މިސްކިތުގެ ނަން ނިސްބަތް ކުރައްވަނީ ކީރިތި ރަސޫލާގެ އަނބިކަނބަލުން އުންމުލްމުއުމިނީން އާއިޝަތުގެފާނަށެވެ.

މިދިޔަ އަހަރުގެ މާޗު މަހުގެ ފަސްވަނަ ދުވަހު އެ މިސްކިތުގެ ބިންގާ އަޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ފ. މަގޫދޫން ތައުލީމީ ދަތުރު ފެއްޓެވި ޝައިހު އިސްމާއީލް އަކީ މަދީނާ ޔުނިވާސިޓީން ޑިގްރީ ހާސިލް ކުރެއްވި ފުރަތަމަ ދިވެހި ދަރިވަރެވެ.

ޝައިހު އިސްމާއީލްގެ ތައުލީމީ ހިދުމަތްތަކުގެ ތެރެއިން، ދިވެހިންނަށް އަރަބި ބަހުން އިސްލާމްދީން އުނގަންނައިދޭން މާލޭގައި މަޝްހޫރު ތޮއިބާ ސްކޫލްގެ ނަމުގައި ސްކޫލެއް އުފެއްދެވިއެވެ.

މާފަންނު މަސްޖިދު ހަސަން އިއްޒުއްދީން (ތޮއިބާ މިސްކިތް) މިހާރު ހުރި ބިމުގައި އޭރު ބިނާކުރެއްވި މި ސްކޫލް ވެގެންދިޔައީ މިއަދުގެ ވަރަށް ގިނަ އަދަދެއްގެ އިލްމުވެރިންގެ ފުރަތަމަ އިލްމީ ހިޔާވަހިކަމުގެ ގޮތުގައެވެ.

އޭގެ އިތުރުން ޝައިހް ވަނީ ޕާކިސްތާނުގެ ޖާމިއާ ސަލަފިއްޔާ އިން ދިވެހި ގިނަ ދަރިވަރުންތަކަކަށް ފުރުސަތު ހޯއްދަވައި ދެއްވައިފައެވެ.

އެގޮތުން ޝައިހުގެ އެހީތެރިކަމާއެކު ޕާކިސްތާނުގެ އެކި ޔުނިވާސިޓީތަކުން ފުރުސަތު ހޯއްދަވައި ދެއްވި ދަރިވަރުންގެ އަދަދު 100 އަށް ވުރެ މާ ގިނަ ވާނެ ކަމަށް ދައްކަ އެވެ.

އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަޝްހޫރު ބައެއް ބޭފުޅުންނަކީ ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ އާއި ޑރ. އަލީ ޒާހިރާއި ޑރ. އަބްދުއްސައްތާރު އަބްދުއްރަހުމާނާއި ޑރ. އަހުމަދު ޒާހިރާއި ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އާއި ޑރ. އަޝްރަފް އަބްދުއްރަހީމާއި ޑރ. އާދަމް ޝަމީމާއި ޑރ. މުހައްމަދު ގުބާދު އަބޫބަކުރެވެ. އަދި ޑރ. އަބްދުﷲ ޖަމީލާއި ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ޑރ. ހަސަން ސައީދާއި ޝައިހު މުހައްމަދު ލަތީފާއި ޝައިހު އަހުމަދު ފާރޫގު މުހައްމަދާއި ޝައިހު ޝުއައިބު އަބްދުއްރަހުމާނާއި އަހުމަދު ފާއިޒު ހުސައިނާއި ޝައިހު ފައްޔާޒު އަލިމަނިކާއި ޝައިހު އަބްދުﷲ މުހައްމަދު އިބްރާހީމާއި ޝައިހު އަބްދުލް އަޒީޒު ހުސައިން (އަޒީބެ) އާއި ޝައިހު އަހުމަދު ސަމީރާއި ޝައިހު ހުސައިން ރަޝީދު އަހުމަދާއި ޝައިހު މުހައްމަދު ރަޝީދު އިބްރާހިމް ރަޝީދު ހިމެނިވަޑައިގަންނަވައެވެ.

ޝައިހު ސާ40 ފޮތެއް ޝާއިއު ކުރައްވާފައިވާ އިރު، އެންމެފަހުން ގެންދެވީ މަދީނާގެ ފަހުދު ރަސްގެފާނު މުސްހަފްފް ޗާޕުހާނާއިން ޝާއިއުކޮށްފައިވާ ގުރުއާން ތަފްސީރު ފޮތެއްކަމުގައިވާ "އައް ތަފްސީރު މުޔައްސަރު" ގެ ދިވެހި ތަރުޖަމާ ލިޔުއްވަމުންނެވެ. އޭގެ އިތުރުން އޭގެ 22 ފޮތެއްގެ މުރާޖައާ ވެސް ނިންމަވައި ދެބައިކުޅަ އެއްބައި ފޮތް ޗާޕުކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ ދެއްވަފައެވެ.

އިސްމާއީލް މުހައްމަދުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ނަމާދު ފަހުން އިސްލާމީ މަރުކަޒުގައެވެ.

ޝައިހު އިސްމާއިލް އަވަހާރަވުމާ ގުޅިގެން ރައީސް މުއިއްޒު ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.