ތައިލެންޑުގެ މައި ހަ އެއާޕޯޓަކުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޕަސިންޖާ ސާވިސް ޗާޖު (ޕީއެސްސީ) 44 އެމެރިކާ ޑޮލަރަށް (1،120 ތައި ބާތަށް) ބޮޑުކޮށްފިއެވެ. އެއާޕޯޓްސް އޮފް ތައިލެންޑް (އޭއޯޓީ) އިން ހިންގާ މި އެއާޕޯޓުތަކުން ނަގާ ފީ ބޮޑުކުރުމަށް ނިންމާފައިވާކަން ތަންފީޒުކުރަން ފަށާފައިވަނީ އިއްޔެއިން ފެށިގެންނެވެ.
މީގެ ކުރިން 730 ބާތު ނަގަމުން އައި މި ފީ ބޮޑުކޮށްފައިވަނީ ސުވަރްނަބޫމީ، ޑޮން މުއެންގް، ޗިއަންގް މައި، ޗިއަންގް ރާއީ، ފުކެޓް އަދި ހަޓް ޔާއީ އެއަރޕޯޓުން ފުރާ މީހުންގެ އަތުންނެވެ. ނަމަވެސް އެތެރޭގެ އުދުހުންތަކުން ނަގާ 130 ބާތުގެ ފީއަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. މި ފީއަކީ އާންމުގޮތެއްގައި ޓިކެޓުގެ އަގުގެ ތެރޭގައި ހިމެނޭ ފީއަކަށް ވުމުން، އެއާޕޯޓުގައި ވަކީން ފައިސާ ދައްކާކަށް ނުޖެހޭނެއެވެ.
އޭއޯޓީގެ ރައީސް ޕަވީނާ ޖަރިޔަތިތިޕޮންގް ވިދާޅުވި ގޮތުގައި، ފީ ބޮޑުކޮށްގެން ލިބޭ އާމްދަނީ ބޭނުންކުރާނީ އެއާޕޯޓުތަކުގެ ޓާމިނަލްތައް ބޮޑުކުރުމަށާއި، އޮޓޮމޭޓެޑް ސިސްޓަމްތައް ގާއިމުކުރުމުގެ އިތުރުން ސަލާމަތީ ކަންކަން ވަރުގަދަކުރުމަށެވެ.
ސުވަރްނަބޫމީ އެއާޕޯޓުގައި އަލަށް އިމާރާތްކުރާ ސައުތު ޓާމިނަލްގެ މަސައްކަތަކީ ވެސް މި އާމްދަނީން ހަރަދުކުރުމަށް ހަމަޖެހިފައިވާ މުހިންމު އެއް މަޝްރޫއު ކަމަށް އޭއޯޓީން ބުނެފައިވެއެވެ. މި ބަދަލުގެ ސަބަބުން ފަތުރުވެރިން އަންނަ މިންވަރަށް މާބޮޑު އަސަރެއް ނުކުރާނެ ކަމަށާއި، ސިންގަޕޫރު ފަދަ ގައުމުތަކާ އަޅައި ބަލާއިރު މިއީ އަދިވެސް ކުޑަ އަދަދެއްކަން ޕަވީނާ ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް، މި ނިންމުމާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ބެންކޮކްގެ ކުރީގެ ޑެޕިއުޓީ ގަވަރުނަރު އަދި ދަތުރުފަތުރާ ބެހޭ ތަޖުރިބާކާރު ސަމާޓް ރަޗަޕޮލްސިޓޭ ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ ފެންވަރުގެ އަގުތަކެއް ފަސިންޖަރުންގެ އަތުން ނަގާއިރު، އެ ފެންވަރުގެ ހިދުމަތް ލިބޭނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. އޭނާ އިންޒާރުދެއްވި ގޮތުގައި، މި ބަދަލުގެ ސަބަބުން ހަރަދުކުޑަކޮށް ދަތުރުކުރާ ފަތުރުވެރިން އެހެން މަންޒިލްތަކަށް މިސްރާބު ބަދަލުކުރުމަކީ އެކަށީގެންވާ ކަމެކެވެ.
އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރުން ބުނާ ގޮތުގައި، މި ބަދަލާއެކު ބަޖެޓް އެއާލައިންތަކުގެ ޓިކެޓުގެ އަގު 7 އިންސައްތައާއި 10 އިންސައްތައާ ދެމެދުގެ މިންވަރަކަށް އުފުލިގެންދާނެއެވެ. ޖަޕާނުގެ ހަނޭޑާ އަދި ދެކުނު ކޮރެއާގެ އިންޗިއޮން ފަދަ ދުނިޔޭގެ ފެންވަރުގެ އެއާޕޯޓުތަކަށްވުރެ ތައިލެންޑުގެ އެއާޕޯޓު ފީ ބޮޑުވުމަކީ، އެ ގައުމުގެ ފަތުރުވެރިކަމުގެ ވާދަވެރިކަމަށް ނުރަނގަޅު އަސަރެއް ކޮށްފާނެ ކަމެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
ތައިލެންޑް
ތައިލެންޑް
ތައިލެންޑް
ތައިލެންޑް
ކޮމެންޓް