އެމެރިކާއިން އެއްބަސްވުމަކާ ހިލާފުވެފައިވާ ކަމަށް ބުނެ އަދި އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، އީރާނުގެ އަސްކަރިއްޔާއިން ހޮރުމުޒް ކަނޑުއޮޅި ކަނޑުދަތުރުފަތުރަށް މިއަދު ބަންދުކޮށްފިއެވެ. މިކަން އިއުލާނުކޮށްފައިވަނީ އީރާނުގެ އަސްކަރިއްޔާގެ މައި އިދާރާ ކަމަށްވާ ހާތަމް އަލް-އަންބިޔާ ސެންޓްރަލް ހެޑްކުއޯޓާސްއިންނެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފިޔަވަޅަކީ އެމެރިކާއާއި އީރާނާ ދެމެދު ދާދި ފަހުން ސޮއިކުރި އެއްބަސްވުމުގެ ފުރަތަމަ މާއްދާއާ އެމެރިކާއިން ހިލާފުވުމުގެ ސަބަބުން އެޅި ފިޔަވަޅެކެވެ. މީގެ އިތުރުން، އިސްރާއީލުން ލުބުނާނުގެ ދެކުނަށް ދެމުންދާ ހަމަލާތައް ހުއްޓާނުލުމާއި އެ ސަރަހައްދުން އިސްރާއީލު ސިފައިން ނުފޭބުމަކީ ވެސް ކަނޑުއޮޅި ބަންދުކުރަން ނިންމި ސަބަބެއް ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. ހާތަމް އަލް-އަންބިޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ދުޝްމަނުން އެއްބަސްވުމާ ހިލާފުވުމުން އެޅި “ފުރަތަމަ ފިޔަވަޅު” ކަމަށެވެ. އަދި މި އަމަލުތައް ތަކުރާރުކުރާނަމަ، ދުޝްމަނުން އެއްބަސްވުމަށް އަމަލުކުރުމަށް މަޖުބޫރުކުރުވުމުގެ ގޮތުން އިތުރު ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ވެސް އެ ބަޔާނުގައި ދީފައިވެއެވެ.
ހޮރުމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުހަނު މުހިންމު މަގެކެވެ. ދުނިޔޭގެ ކަނޑުމަގުން އުފުލާ ތެލުގެ 25 އިންސައްތަ އަދި ގުދުރަތީ ގޭހުގެ 20 އިންސައްތަ ދަތުރުކުރަނީ މި ކަނޑުއޮޅިންނެވެ. އެހެންކަމުން، މި ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށާއި ބައިނަލްއަގުވާމީ މުދާ އުފުލުމުގެ ނިޒާމަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރެއެވެ. މީގެ ކުރިންވެސް މި ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ގިނަ އަދަދެއްގެ އާގުބޯޓުފަހަރު ވަނީ ދަތުރުނުކުރެވި ތާށިވެފައެވެ.
މި ކަނޑުއޮޅި އަލުން ބަންދުކޮށްފައި މިވަނީ، އެމެރިކާއާއި އީރާނާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ކަނޑުއޮޅި ހުޅުވާލިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. އީރާނުގެ މި ނިންމުމާ ގުޅިގެން އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައިވަނީ، އެ ސަރަހައްދުގައި އެމެރިކާގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށާއި، އެއްބަސްވުމާ އެއްގޮތަށް އަމަލުކުރޭތޯ ކަށަވަރުކުރުމަށް ހާލަތު ގާތުން ބަލަމުންދާ ކަމަށެވެ.
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ކޮމެންޓް