މާލޭ އެރޭޓަޑް ވޯޓާ ކޮމްޕެނީ (އެމްއޭޑަބްލިޔުސީ)އިން ފީފާ ވޯލްޑް ކަޕް 2026ގެ ރަސްމީ ބޯޅަ ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑުންނަށް ހަދިޔާކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވާފައިވާ މި ބޯޅަތަކަކީ، ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިން ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ހަދިޔާކުރި ބޯޅަތަކެކެވެ.

ސްޕޯޓްސް މިނިސްޓްރީއާ ގުޅިގެން ބޭއްވި މި ރަސްމިއްޔާތަކީ، ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގު ބަދަލުކޮށް، އެތައް ޖީލެއްގެ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ހިތްވަރު ލިއްބައިދިން ކުރީގެ ގައުމީ ފުޓްބޯޅަ ކުޅުންތެރިންގެ ކާމިޔާބީތަކާއި، ހިދުމަތްތަކުގެ އަގުވަޒަންކުރުމަށް ބޭއްވި ރަސްމިއްޔާތެކެވެ.

ކޮކާ-ކޯލާ ކޮމްޕެނީއަކީ 1974 ވަނަ އަހަރުން ފެށިގެން ފީފާގެ ރަސްމީ ބައިވެރިއެކެވެ. މިއީ ދުނިޔޭގެ ކުޅިވަރުގެ ތާރީހުގައި ވެސް އެންމެ ދިގު މުއްދަތަކަށް ދެމިއޮތް އެއް ޕާޓްނަޝިޕްއެވެ. އެމްއޭޑަބްލިޔުސީ މި ބޯޅަ ހަވާލުކުރުމަކީ، ފީފާ ވޯލްޑް ކަޕާއި ދިވެހި ފުޓްބޯޅައިގެ ތާރީހަށް ހިދުމަތް ކުރެއްވި ބޭފުޅުންނާ ގުޅުވައިދީ، އެ ބައިނަލްއަގުވާމީ ޕާޓްނަޝިޕް ރާއްޖޭގެ ފެންވަރުގައި ދައްކުވައިދިން ކަމެކެވެ.

ވޭތުވެދިޔަ 35 އަށްވުރެ ގިނަ އަހަރު ރާއްޖޭގައި ކޮކާ-ކޯލާގެ ހަމައެކަނި ހުއްދަދެވިފައިވާ ބޮޓްލާގެ ގޮތުގައި، އެމްއޭޑަބްލިޔުސީއިން އަންނަނީ އެކި ޕާޓްނަޝިޕްތަކާއި، ކެމްޕޭންތަކާއި، އަދި އިޖުތިމާއީ ހަރަކާތްތަކުގެ ޒަރިޔާއިން ކުޅިވަރުތަކަށް އެއްބާރުލުން ދެމުންނެވެ.

"ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑުން ވަނީ އެތައް ޖީލެއްގެ ސަޕޯޓަރުންނަށް ފަހުރުވެރި ހަނދާންތަކެއް ހަދިޔާކޮށް، ގައުމުގެ ކުޅިވަރުގެ ތާރީހު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައި. އެމްއޭޑަބްލިޔުސީން ގަބޫލުކުރަނީ، އާ ޖީލަށް އެއްބާރުލުން ދިނުން ފަދައިން، އެ ބޭފުޅުންގެ ހިދުމަތްތަކުގެ އަގުވަޒަންކުރުމަކީ ވެސް ހަމަ އެހާމެ މުހިންމު ކަމެއް ކަމަށް. ކޮކާ-ކޯލާ އަދި ފީފާއާއެކު އޮތް ޕާޓްނަޝިޕްގެ ދަށުން، އަދި މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްއާ ގުޅިގެން، އެ ބޭފުޅުންގެ ތާރީހީ ހިދުމަތްތައް ފާހަގަކުރުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް. މި މެޗް ބޯޅަތަކަކީ ދިވެހި ފުޓްބޯޅައަށް އެ ބޭފުޅުން ކޮށްދެއްވި ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އަޅުގަނޑުމެން އަރުވާ ހަދިޔާއެއް،" އެމްއޭޑަބްލިޔުސީގެ ޗީފް އޮޕަރޭޓިން އޮފިސަރު މިލިންދު ދޭރަސާރީ ވިދާޅުވިއެވެ.

ފުޓްބޯޅަ ސީޒަނުގެ ފޯރި އިތުރުކުރުމުގެ ގޮތުން، އެމްއޭޑަބްލިޔުސީން ވަނީ މި އަހަރުގެ މާޗް 21 އިން 24 މޭގެ ނިޔަލަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ފީފާ ވޯލްޑް ކަޕް 2026 ކޮންސިއުމާ ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފައެވެ.

އޭގެތެރެއިން ހޮވުނު ދެ ނަސީބުވެރިއަކަށް ފީފާ ވޯލްޑް ކަޕް 2026 ގެ މެޗެއް ބަލާލުމަށް ހުރިހާ ހަރަދެއް ހަމަޖެހިފައިވާ ދަތުރެއް ލިބުނެވެ. އޭގެ އިތުރުން، މި ކެމްޕޭނުގެ ތެރޭގައި އެތައް ސަތޭކަ ބަޔަކަށް ކޮކާ-ކޯލާ ބްރޭންޑްގެ މާޗަންޑައިޒްތަކާއި އިނާމުތައް ލިބިފައިވާއިރު، މިއީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ފޯރި ރާއްޖޭގެ ކަންކޮޅުތަކުގައި ތިބި މީހުންނާ ހަމައަށް ގެނެސްދިން ކަމެކެވެ.

ދިވެހި ސަރުކާރާއި އެހެނިހެން ބައިވެރިންނާ ގުޅިގެން، ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އެހީތެރިވެދޭނެ ފަދަ ޕާޓްނަޝިޕްތައް ބިނާކުރުމުގައި އެމްއޭޑަބްލިޔުސީން އަބަދުވެސް ދެމިއޮންނާނެކަމަށް އެކުންފުނިން ބުންޏެވެ.