ޚަބަރު

ކޮކާކޯލާއިން ރާއްޖޭގައި އާ އިންވެސްޓްމަންޓްތަކެއް ކުރަނީ

ކޮކާކޯލާ އިން ރާއްޖޭގައި ޕެކޭޖިން އޮފާތައް ފުޅާކުރަން ފަށައިފި އެވެ.

ދެމެހެއްޓެނިވި ޕެކޭޖިން ސޮލިއުޝަންތައް ތައާރަފުކުރުމުގެ މަސައްކަތުގެ ދަށުން ކޮކާކޯލާ ކުންފުނީގެ ބުއިންތައް ފުރަތަމަ ފަހަރަށް ސީދާ ރާއްޖޭގައި ހަދާ ދަޅުގައި ބަންދުކޮށްގެން ވަނީ މާކެޓެއް ނެރެފަ އެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ކޮކާކޯލާގެ ރާއްޖޭގެ ބޮޓްލިން ޕާޓްނަރު، މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީގެ އާ އިންވެސްޓްމަންޓުގެ ދަށުންނެވެ.

ކޮކާކޯލާ ކުންފުނިން މައުލޫމާތު ދޭގޮތުގައި ޕްލާސްޓިކް ކުނީގެ މައްސަލައަށް ހައްލެއް ހޯދައި އެ ކުންފުނީގެ ޕެކޭޖިން ބޭނުންކުރުމުގައި ވަށާޖެހޭ އިގްތިސާދެއް އުފެއްދުމަށް އެކުންފުނިން އަންނަނީ މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ދާދި ފަހުން އެކުންފުނިން ވަނީ ސްޕްރައިޓްގެ މަޝްހޫރު ފެހި ކުލައިގެ ފުޅީގެ ބަދަލުގައި އެތެރެ ފެންނަ، ސާފު ފުޅިއަކަށް ބަދަލުކޮށްފަ އެވެ.

އެ ފުޅި ބޭނުންކުރުމަށް ފަހު އެއްކޮށް، ރީސައިކަލްކޮށް، އަލުން ބޭނުންކުރުމުގެ ފުރުސަތު ބޮޑުވެ، ރާއްޖޭގައި ޕްލާސްޓިކަށް ވަށާޖެހޭ ހައްލެއް ހޯދުމަށް އެހީތެރިވެދޭނެ ކަމަށް އެކުންފުނިން ބުންޏެވެ. އޭގެ އިތުރުން ކޮކާކޯލާ، ސްޕްރައިޓް، ފެންޓާ، ޝްވެޕްސް އަދި ބޮންއަކުއާ ބިއްލޫރި ފުޅިތަކުގައި ލިބެން ހުންނާނެ ކަމަށް ކޮކާކޯލާ އިން ބުނެއެވެ.

މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ސަންޖޭ މަނިކު ވިދާޅުވީ އެ ކުންފުނީގެ މަގްސަދަކީ އާ އިންވެސްޓްމަންޓްތަކުން އިގްތިސާދީ ފުރުސަތުތައް ތަނަވަސްކޮށްދިނުން ކަމަށެވެ. އެގޮތުން ކަސްޓަމަރުންނާއި ފަތުރުވެރިކަމުގެ ސިނާއަތަށް ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަސައްކަތުގައި އެކުންފުނި ދެމިއޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޕެކޭޖިންގެ ވަށައިގެން ވަށާޖެހޭ އިގްތިސާދީ ވިސްނުމެއް އާލާކޮށް، ރާއްޖޭގައި ޕްލާސްޓިކް ކުނީގެ މައްސަލަ ހައްލުކުރެވޭނެ ގޮތްތައް ހޯދުމުގައި ވެސް ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ބޭނުންވޭ" ސަންޖޭ ވިދާޅުވި އެވެ.

ކޮކާކޯލާ ކުންފުނިން މައުލޫމާތުދޭ ގޮތުގައި ކ. ތުލުސްދޫގައި ހުންނަ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީގެ ބޮޓްލިން ޕްލާންޓްގައި އަލަށް ގާއިމްކުރި ކޭނިން ލައިންގެ ސަބަބުން ކޮކާ-ކޯލާއިން ރާއްޖޭގައި ވިއްކާ ޕެކޭޖިން ރޭންޖު ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ އެވެ. ކޮކާކޯލާ، ކޮކާކޯލާ ޒީރޯ ޝުގާ، ޑައިޓް ކޯކް، ސްޕްރައިޓް، ފެންޓާ އޮރެންޖް، ފެންޓާ ސްޓްރޯބެރީ އަދި ޝްވެޕްސް ރޭންޖް މިހާރު ރާއްޖޭގައި އުފައްދާފައިވާ 330 އެމްއެލް އަދި 185 އެމްއެލްގެ ދަޅުގައި ލިބެން ހުންނާނެ ކަމަށް އެކުންފުނިން ބުންޏެވެ.

ޕެކޭޖިން ބަދަލުކުރުމުގެ އިތުރުން ޕްލާސްޓިކް ކުނި ނައްތާލުމަށް އަމަލީ ގޮތުން ހައްލު ހޯދުމުގައި ހަރަކާތްތެރިވާ ޖަމިއްޔާ ޖަމާއަތްތަކާ އެކު ވެސް ކޮކާކޯލާ އިން ވަނީ ވަރުގަދަ ޕާޓްނަޝިޕެއް ގާއިމްކޮށްފަ އެވެ. ކޮކާކޯލާއިން ރާއްޖޭގައި އެކްސްޓެންޑެޑް ޕްރޮޑިއުސަރ ރެސްޕޮންސިބިލިޓީ (އީޕީއާރު) އަމިއްލައަށް ތަންފީޒުކުރަމުން އަންނައިރު، ކޮކާ-ކޯލާގެ ބައިވެރިންނާ އެކު ކުރެވޭ މަސައްކަތްތަކުގެ ދަށުން 100 އިންސައްތަ ރިސައިކަލް ކުރެވޭ ޕެޓް ޕްލާސްޓިކް ޕެކޭޖިންއަށް އާ ދިރުމެއް ވަނީ ގެނެސްދީފަ އެވެ. އެކުންފުނިން ބުނީ މި މަސައްކަތްތަކުގެ ސަބަބުން ޕްލާސްޓިކަށް ވަށާޖެހޭ އިގްތިސާދެއް ގާއިމުކޮށް، މީހުންގެ ދިރިއުޅުމަށާއި މުޖުތަމައުތަކަށާއި ދުނިޔެއަށް ބަދަލުތަކެއް އަންނާނެ ކަމަށާއި އެންމެންނަށް ފައިދާ ލިއްބައިދޭ މުސްތަގުބަލެއް ގާއިމުކުރުމަށް ކޮކާކޯލާއިން ގެންގުޅޭ ވިސްނުމަށްވެސް އެހީތެރިވެދޭ ކަމަށެވެ.

"ކޮކާކޯލާއިން އަންނަނީ ރާއްޖެ އާއި ދުނިޔެއަކީ އެންމެންނަށް ވެސް ރަނގަޅު ތަނަކަށް ހެދުމަށްޓަކައި، ބޭނުންކުރުމަށްފަހު އުކާލާ ޕެޓް ފުޅި އެއްކޮށް އަދި މިފަދަ ކަންކަމުގެ ތަޖުރިބާ ހިއްސާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން، ދެމެހެއްޓެނިވި އިގްތިސާދަކަށް އެޅޭ ފިޔަވަޅުތައް ފުޅާކުރަމުން. އަޅުގަނޑުމެންގެ ޕެކޭޖިން މަދުކޮށް، އަލުން ބޭނުންކޮށް އަދި ރީސައިކަލް ކުރުމަށް ފުޅާ ދާއިރާއެއްގައި ކުރެވޭ މަސައްކަތްތަކަށް އިންވެސްޓް ކުރުމުގައި އަޅުގަނޑުމެން ދެމިތިބޭނަން،" ކޮކާކޯލާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ މެނޭޖިން ޑިރެކްޓަރު ޕަންކަޖް ސިންހާ ވިދާޅުވި އެވެ.

ކޮކާކޯލާ ކުންފުންޏަށް 136 އަހަރު ވެފައިވާއިރު، އެކުންފުންޏަކީ ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެންމެ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ބްރޭންޑެކެވެ. ކޮކާކޯލާ ކުންފުނިން ވަނީ އެކުންފުނީގެ ބޮޓްލިން ޕާޓްނަރު މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ މެދުވެރިކޮށް ރާއްޖެއަށް ތާޒާ އަދި މީރު ބުއިންތަކެއް ތައާރަފުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ކޮކާ-ކޯލާ، ސްޕްރައިޓް، ފެންޓާ، ބޮންއަކުއާ އަދި ޝްވެޕްސް ހިމެނެ އެވެ. އޭގެ އިތުރުން، ކޮކާ-ކޯލާ ބްރޭންޑުން އަންނަނީ ތަފާތު ހިތްގައިމު ޕްރޮޖެކްޓްތަކާއި ހަރަކާތްތަކުގެ ތެރެއިން ކަސްޓަމަރުންގެ ދިރިއުޅުން އުޖާލާ ކުރުމަށް ވެސް މަސައްކަތްކުރަމުންނެވެ.

މާލޭ އެރޭޓެޑް ވޯޓާ ކުންފުނިން ރާއްޖޭގައި ބުއިންތައް އުފައްދައި ކޮކާކޯލާގެ އުފެއްދުންތައް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަތާ މިހާރު 32 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެ ކުންފުންޏަކީ ރާއްޖޭގައި ތަކެތި އުފައްދާ މަދު ފަރާތްތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. އުފެއްދުމާއި ކަސްޓަމަރުންނާ ހަމައަށް ވާސިލްކޮށްދިނުމުން ފެށިގެން ސޭލްސް އެންޑް މާކެޓިންގެ އެކި ދާއިރާތަކުގައި 330 އަށް ވުރެ ގިނަ މުވައްޒަފުން އެ ކުންފުނީގައި ވަޒީފާ އަދާކުރެ އެވެ.