މޯބައިލް ފޯނު ބޭނުންކުރަމުން ކާރު ދުއްވުމުގެ ކުށުގައި، އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމްގެ ދަރިފުޅު ރޯމިއޯ ބެކަމް ޖޫރިމަނާކޮށް، އޭނާގެ ލައިސަންސުން ޕޮއިންޓް އުނިކޮށްފިއެވެ.

އުމުރުން 23 އަހަރުގެ ރޯމިއޯގެ މައްޗަށް މި ކުށް ސާބިތުވެފައި ވަނީ، މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ލަންޑަންގެ ވެސްޓްމިންސްޓަރ ސަރަހައްދުގައި އޭނާގެ ޕޯޝޭ 911 މަރުކާގެ ކާރު ދުއްވަމުން ދިޔައިރު ފޯނު ބޭނުންކުރި މައްސަލައިގައެވެ.

ކޯޓު ރެކޯޑުތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައި ވާ ގޮތުގައި، ޓްރެފިކް ލައިޓަކަށް މަޑުކޮށްގެން އިންއިރު އޭނާ އިނީ ދެ އަތުން ފޯނު ހިފައިގެންނެވެ. އަދި އެ ވަގުތު ކާރުގެ ކުރީ ސީޓުގައި އިން އަންހެނެއްގެ އުނގުމަތީގައި ސީޓް ބެލްޓް ނާޅައި ކުއްތާއެއް ވެސް އޮތް ކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ.

ވެސްޓްމިންސްޓަރ މެޖިސްޓްރޭޓްސް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމި ނިންމުމުގައި، ރޯމިއޯ ވަނީ 440 ޕައުންޑުން ޖޫރިމަނާކޮށްފައެވެ. މީގެ އިތުރުން ކޯޓު ހަރަދުގެ ގޮތުގައި 130 ޕައުންޑް އަދި ވިކްޓިމް ސަރޗާޖުގެ ގޮތުގައި 176 ޕައުންޑް ދެއްކުމަށް އަމުރުކޮށްފައި ވާއިރު، އޭނާގެ ޑްރައިވިން ލައިސަންސުން ވަނީ ތިން ޕެނަލްޓީ ޕޮއިންޓް އުނިކޮށްފައެވެ.

މި މައްސަލައިގައި ފުލުހުންގެ ފަރާތުން ކޯޓަށް ދިން ބަޔާނުގައި ބުނެފައި ވަނީ، ރޯމިއޯގެ ސަމާލުކަން އެއްކޮށް ހުރީ ފޯނަށް ކަމަށާއި، ކާރު ކޮންޓްރޯލްކުރުމަށް އޭނާ ތައްޔާރީ ހާލަތުގައި ނެތް ކަމަށެވެ.

މޯބައިލް ފޯނު ބޭނުންކުރަމުން އުޅަނދު ދުއްވުމަކީ އިނގިރޭސިވިލާތުގެ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ގާނޫނުތަކުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާ ކުށެކެވެ. މީގެ ހަތް އަހަރު ކުރިން، 2019 ވަނަ އަހަރު ރޯމިއޯގެ ބައްޕަ ޑޭވިޑް ބެކަމް ވެސް ވަނީ ކާރު ދުއްވަމުން ފޯނު ބޭނުންކުރުމުގެ ކުށުގައި ހަ މަސް ދުވަހަށް ކާރު ދުއްވުން މަނާކޮށްފައެވެ.