އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ސަމަންތާ ރޫތު ޕްރަބޫގެ ކުރިއަށް އޮތް ތެލިނގޫ އެކްޝަން ޑްރާމާ ފިލްމު "މާ އިންޓި ބަންގާރަމް" ސިނަމާތަކުގައި އެޅުވުމުގެ ކުރިން، ފިލްމު އުފެއްދުމަށް ހިނގި މުޅި ހަރަދު ފޫބެދިއްޖެ ކަމަށް އެ ފިލްމުގެ ޕްރޮޑިއުސަރުން ބުނެފިއެވެ.

މި މަހުގެ 19 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ހަރަދު ފޫބައްދާފައިވަނީ ތިއޭޓްރިކަލް، ސެޓެލައިޓް އަދި ޑިޖިޓަލް ރައިޓްސް ވިއްކައިގެން ލިބުނު އާމްދަނީންނެވެ. އިންޑަސްޓްރީގެ އަންދާޒާތަކުން ދައްކާ ގޮތުގައި ނަންދިނީ ރެޑީ ޑައިރެކްޓުކޮށްފައިވާ މި ފިލްމުގެ ބަޖެޓަކީ ގާތްގަނޑަކަށް 20 ކްރޯޑު ރުޕީސްއެވެ.

ފިލްމުގެ ކޯ-ޕްރޮޑިއުސަރު ހިމާންކް ދުއްވޫރު ނެރުނު ބަޔާނެއްގައި ބުނީ، ފިލްމު ރިލީޒްކުރުމުގެ ކުރިން ހަރަދު ފޫބެއްދުމަކީ މާކެޓުން މި ފިލްމަށް ކުރާ އިތުބާރު ދައްކުވައިދޭ ކަމެކެވެ. އަދި އަންހެން ތަރިޔަކު ލީޑު ރޯލު ކުޅޭ ތެލިނގޫ ފިލްމަކަށް އެކި ޕްލެޓްފޯމުތަކުންނާއި ޑިސްޓްރިބިއުޓަރުންގެ ފަރާތުން މިފަދަ ބޮޑު ތަރުހީބެއް ލިބުމަކީ ވަރަށް އުފާވެރި ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

ޓްރޭޑް އެނަލިސްޓުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ އަންހެން ތަރިން ލީޑު ރޯލު ކުޅޭ ފިލްމުތަކުގެ މާކެޓު ފުޅާވަމުން އަންނަ ކަމުގެ ހެއްކެކެވެ. އަދި މި ކާމިޔާބީގެ ސިއްރަކީ ސަމަންތާގެ މަޝްހޫރުކަމާއި، އޯޓީޓީ ޕްލެޓްފޯމުތަކުން މިފަދަ ކޮންޓެންޓަށް އޮންނަ ޑިމާންޑު ބޮޑުވުން ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ޓްރަލާލާ މޫވިންގް ޕިކްޗާސްގެ ބެނާގެ ދަށުން އުފައްދާފައިވާ މި ފިލްމަކީ ސަމަންތާ ވެސް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ފިލްމެކެވެ. ފުރަތަމަ މެއި 15 ގައި ރިލީޒްކުރަން ތާވަލުކުރި ނަމަވެސް، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ކްރިކެޓް މުބާރާތާ ގުޅިގެން ސިނަމާތަކަށް ވަންނަ މީހުންގެ އަދަދު މަދުވެދާނެތީ، ފިލްމު ރިލީޒްކުރުން ވަނީ މިމަހު 19 އަށް ފަސްކޮށްފައެވެ.