ބަންދު ދުވަހެއް ނަމަވެސް، ރައްޔިތުންނަށް ބޭނުންވާ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ބާޒާރަށް ނެރުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ހާއްސަ އިންތިޒާމެއްގެ ދަށުން މުދާ ކްލިއާކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްޕީއެލުން މިއަދު ބުނީ ހިޖުރީ އާ އަހަރުގެ ބަންދާ ދިމާކޮށް ޕޯޓުގެ އާންމު މަސައްކަތްތައް މެދުކަނޑާލާފައި އޮތް ނަމަވެސް، އެމްޕީއެލުން ނިންމާފައިވަނީ ޕެރިޝަބަލް މުދާ ނުވަތަ އަވަހަށް ހަލާކުވާ ތަކެތި ކްލިއާކުރުމުގެ ހިދުމަތް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށް ކަމަށެވެ.
އެގޮތުން، މިއަދު މެންދުރު 1:30 އާ ހަމައަށް އެ ހިދުމަތް ދިނުމަށްފަހު، މިރޭ 20:00 އިން ފެށިގެން އަލުން އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިކަމަށް އެމްޕީއެލުން ބުންޏެވެ.
އެމްޕީއެލުން ބުނީ "ސީ އެންޖަލް" ނަމަކަށް ކިޔާ ބޯޓުން ގިނަ އަދަދެއްގެ ބިހާއި، ފިޔާ އަދި އަލުވި ބޭލުމުގެ މަސައްކަތް މިއަދު ހަވީރު ވަނީ ނިންމާލާފައި ކަމަށެވެ. އަދި މިހާރު ދަނީ "ނަވާލް" ބޯޓުން މުދާ ހުސްކުރުމުގެ މަސައްކަތް ކުރަމުން ކަމަށާއި، މި ބޯޓުންވެސް މައިގަނޑު ގޮތެއްގައި ބާލަމުންދަނީ ބާޒާރަށް މިވަގުތު އެންމެ ބޭނުންވާ ފިޔާ، އަލުވި އަދި ބިސް ފަދަ ބާވަތްތައްކަމަށް އެމްޕީއެލުން ބުންޏެވެ.
.މި ހާއްސަ އިންތިޒާމަކީ މުދާ އެތެރެކުރާ ފަރާތްތަކަށް ދިމާވެދާނެ ގެއްލުންތަކުން ސަލާމަތްކޮށްދީ، ބާޒާރުގައި ކާބޯތަކެތި ލިބުން ދަތިވިޔަ ނުދިނުމަށްޓަކައި އަޅާފައިވާ ފިޔަވަޅެއްކަމަށް އެމްޕީއެލުން ބުންޏެވެ. އެ ކުންފުނީގެ އަމާޒަކީ ބަންދު ދުވަސްތަކުގައިވެސް ކޮންމެހެން ބޭނުންވާ މުދާ ކްލިއާކުރުމުގައި ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް އެމްޕީއެލުން ބުންޏެވެ.
މުހައްމަދު އިޝާން
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް
ކޮމެންޓް