މާފުށީ ޖަލުގެ ސެކިއުރިޓީ ވަރުގަދަކުރަން ޒަމާނީ ފެންވަރުގެ ބެގޭޖް ސްކްރީން މެޝިނެއް ފުރަތަމަ ފަހަރަށް ބަހައްޓައިފިއެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނީ ޖަލަށް އެ މެޝިން ހަދިޔާކުރީ އެމްއޭސީއެލްގެ ފަރާތުން ކަމަށެވެ. އެ މެޝިން ބޭނުންކުރަން ފައްޓަވައިދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން އިއްޔެ ޖަލަށް ކުރެއްވި ޒިޔާރާތެއްގައި ކަމަށެވެ.

ކަރެކްޝަންސް އިން ބުނީ ޖަލުގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ބެހެއްޓި މެޝިނެއް ކަމަށެވެެ. އަދި މެޝިން ބޭނުންކުރާނެ ގޮތުގެ ހާއްސަ ތަމްރީނުތައް ޖަލުގެ އޮފިސަރުންނަށް ދީފައި ވަނީ ކަސްޓަމްސްގެ މުވައްޒަފުން ކަމަށެވެ.

މާފުށި ޖަލުގައި ބެހެއްޓި ބެގޭޖް ސްކްރީނިން މެޝިން ބޭނުން ކުރަނީ-- ފޮޓޯ: ކަރެކްޝަންސް

ކަރެކްޝަންސް އިން ބުނީ މިއީ ޖަލުގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ބެހެއްޓި މެޝިނެއް ކަމަށެވެ. ހާއްސަ މެޝިން މެދުވެރިކޮށް، ގައިދީންނާއި ބަންދު މީހުން ޖަލަށް އަލަށް ވަންނަ އިރު، ގެންނަ ތަކެއްޗާއި އެ މީހުންގެ އާއިލާއިން ފޮނުވާ ތަކެއްޗާއި އާއިލީ އަދި އެކަހެރި ބައްދަލުވުންތަކަށް ޖަލަށް ޒިޔާރާތްކުރާ މީހުންގެ ތަކެތި ސްކްރީން ކުރެވޭނެ ކަމަށް ބުންޏެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މާފުށީ ޖަލުގައި ވަނީ ޒަމާނީ ފެންވަރުގެ ބޮޑީ ސްކޭނިން މެޝިނެއް ވެސް ފުރަތަމަ ފަހަރަށް ބަހައްޓައިފައެވެ.