އެމެރިކާ އާއި އީރާނާ ދެމެދު ވެވުނު ސުލްހައިގެ އޮނިގަނޑު އެއްބަސްވުމަކާ ގުޅިގެން، ހޮރުމުޒް ކަނޑުއޮޅިން ތެޔޮ އުފުލާ ބޯޓުތައް ދަތުރުކުރަން ފަށާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރޫތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވި ގޮތުގައި، ތެޔޮ ބަރުކޮށްގެން ގިނަ އަދަދެއްގެ ބޯޓުތައް މިހާރު އަންނަނީ އެ ސަރަހައްދުން ނުކުންނަމުންނެވެ. އެ ބޯޓުތައް ދަތުރުކުރަމުން ދަނީ ދެކުނުގެ މަގުން ކަމަށާއި، އެއީ މުޅިން ރައްކާތެރި އަދި އަމާން މަގެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޓްރަމްޕް މިހެން ވިދާޅުވި ނަމަވެސް، ކަނޑުދަތުރުފަތުރުގެ މައުލޫމާތު ދިރާސާކުރާ ފަރާތްތަކުންނާއި ބައިނަލްއަގުވާމީ ޝިޕިން ޖަމިއްޔާތަކުން ބުނާ ގޮތުގައި، އެ ސަރަހައްދުގެ ދަތުރުފަތުރަށް އަދި މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ.

އިންޑަސްޓްރީ އެސޯސިއޭޝަން ބިމްކޯއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކަނޑުގެ އަޑީގައި ހުރި މައިންތަކުގެ ސަބަބުން އެ ސަރަހައްދުން ދަތުރުކުރުން އަދިވެސް އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައެވެ. މީގެ އިތުރުން، ކެޕްލަރގެ ތަފާސްހިސާބުތަކާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއަދާ ހަމައަށް ފާރިސީ ގަލްފުގައި ތެލާއި ކެމިކަލް އުފުލާ 155 ވަރަކަށް ބޯޓު މަޑުކޮށްގެން އެބައޮތެވެ.

ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ގާތްގަނޑަކަށް 20 އިންސައްތަ ހުރަސްކުރާ ހޮރުމުޒް ކަނޑުއޮޅީގެ ދަތުރުފަތުރު ހުއްޓިފައި އޮތީ ފެބްރުއަރީ މަހު ފެށުނު ހަނގުރާމައާ ގުޅިގެންނެވެ. އެމެރިކާ އާއި އީރާނާ ދެމެދު ވެވުނު އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހު ސްވިޓްޒަލޭންޑުގައެވެ. އެހެންކަމުން، ގިނަ ބޯޓުފަހަރުން އަންނަނީ ރަސްމީކޮށް އެއްބަސްވުމުގައި ސޮއިކުރެވެންދެން މަޑުކުރަމުން ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތަައް ބުނެއެވެ.