އިންޑިއާގެ މަޝްހޫރު ރިއަލިޓީ ޝޯ “ލޮކް އަޕް” ގެ ދެވަނަ ސީޒަން، “ލޮކް އަޕް: ސަޗް ޔާ ސަޒާ” މި މަހުގެ 27 ވަނަ ދުވަހު ނެޓްފްލިކްސްއިން ޕްރިމިއާކުރަން ނިންމައިފިއެވެ.

ފުރަތަމަ ސީޒަން ކަންގަނާ ރަނާވަތު ހޯސްޓްކުރި ނަމަވެސް، މި ފަހަރުގެ ސީޒަން ހޯސްޓްކުރާނީ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ފަރާ ހާން އާއި އެކްޓަރު ރިތޭޝް ދޭޝްމުކް ކަމަށް ޝޯ އުފައްދާ ފަރާތްތަކުން ވަނީ ބުނެފައެވެ. ބާލާޖީ ޓެލެފިލްމްސް އިން އުފައްދާ މި ޝޯ ކުރިއަށްދާނީ ހަ ހަފުތާގެ މުއްދަތަކަށެވެ. އަދި ކޮންމެ ހޮނިހިރު ދުވަހަކުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް އާ އެޕިސޯޑުތައް ނެޓްފްލިކްސްއިން ދޫކުރާނެއެވެ.

މި ސީޒަނުގައި 14 ސެލެބްރިޓީން ބައިވެރިވާއިރު، މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޓީވީ އެކްޓަރުން ކަމަށްވާ ޝިވާންގީ ޖޯޝީ އަދި ރާމް ކަޕޫރު ވަނީ ޝޯގައި ބައިވެރިވުމަށް ސޮއިކޮށްފައެވެ. މީގެ އިތުރުން ވެސް ގިނަ ތަރިންތަކެއްގެ ނަންތައް ދަނީ އިވެމުންނެވެ.

ޝޯއާ ގުޅޭގޮތުން ރިތޭޝް ދޭޝްމުކް ބުނި ގޮތުގައި، ކޮންމެ ބައިވެރިޔަކު ވެސް ޝޯއަށް ވަންނާނީ އެ މީހެއްގެ އަމިއްލަ ހަގީގަތްތަކަކާއި ސްޓްރެޓެޖީއަކާ އެކުގައެވެ. ނަމަވެސް ޝޯގެ ތެރެއިން ހުރިހާ ކަމެއް އިމްތިހާނުކުރެވޭނެ ކަމަށާއި، އެއްވެސް މީހަކު ޝޯއިން ނުކުންނައިރު ކުރިން ހުރި ގޮތަށް ނުހުންނާނެ ކަމަށް އޭނާ ބުންޏެވެ. ފަރާ ހާން ބުނީ މިއީ އެއްވެސް ފިލްޓަރެއް ނެތި، މަޝްހޫރު ތަރިންގެ ހަގީގީ ސިފަ ފެނިގެންދާނެ ޝޯއެއް ކަމަށެވެ.

މި ޝޯގެ ބައިވެރިންގެ ރަސްމީ ލިސްޓު އުފައްދާ ފަރާތްތަކުން އަދި މިހާތަނަށް އާންމުކޮށްފައެއް ނުވެއެވެ.