އެމެރިކާއާއި އީރާނާ ދެމެދު މިހާރު އެކުލަވައިލަމުން އަންނަ ޑިޕްލޮމެޓިކް އެއްބަސްވުމުގެ މާއްދާތައް މާނަކުރުމުގައި ދެ ގައުމުގެ ދެމެދުގައި އަނެއްކާވެސް ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިއްޖެއެވެ. އެމެރިކާއިން ބުނަމުންދަނީ މި އެއްބަސްވުމުގެ ދަށުން އީރާނުގައި މަތީ ދަރަޖައަކަށް މުއްސަނދިކޮށްފައި ހުރި ޔުރޭނިއަމް ނައްތައިލުން ނުވަތަ ގައުމުން ބޭރުކުރުން ލާޒިމުކުރާ ކަމަށެވެ. ނަމަވެސް އީރާނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، މި ދެލިކޮޕީއަކީ ހަމައެކަނި ހަމަލާތައް މެދުކަނޑައިލުމަށް ވެވޭ އެއްބަސްވުމެކެވެ.

އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ލިބޭ 60 ދުވަހުގެ މުއްދަތުގެ ތެރޭގައި އީރާނުގެ ޔުރޭނިއަމް ނައްތައިލުމުގެ އަމަލީ މަސައްކަތްތައް ފެށޭނެއެވެ. އަދި އެ މުއްދަތަކީ ޔުރޭނިއަމް ބޭރުކުރުމުގެ ޓެކްނިކަލް ކަންކަން ހަމަޖެއްސުމަށް ކަނޑައަޅައިފައި އޮތް ވަގުތު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއާ ހިލާފަށް، އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވީ، ފުރަތަމަ މަރުހަލާގައި ސޮއިކުރަނީ ހަމައެކަނި 60 ދުވަހަށް ހަމަލާތައް މެދުކަނޑައިލައި، ހޮރުމުޒް ކަނޑުއޮޅި ހުޅުވައިލުމަށް ކަމަށެވެ. ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ ކަންކަން ނިންމާނީ އެ 60 ދުވަހުގެ ތެރޭގައި ކުރިއަށްދާ މަޝްވަރާތަކަށްފަހު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އީރާނުގެ ޔުރޭނިއަމް އެއްވެސް ހާލަތެއްގައި ގައުމުން ބޭރު ނުކުރާނެ ކަމަށާއި، އެއަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ އެކަން ކުރާނީ ގައުމުގެ އެތެރޭގައި ކަމަށް އީރާނުގެ އޮފިޝަލުން ވަނީ ބުނެފައެވެ.

ދެ ގައުމުގެ ދެމެދުގައި މިފަދަ ފުށުއަރާ ބަޔާންތަކެއް ދެމުންދާއިރު، ޕާކިސްތާނާއި ގަތަރު މެދުވެރިވެގެން މި އެއްބަސްވުމުގެ ފަހުގެ ކަންކަން ނިންމުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.