އެމެރިކާއާއެކު ގާއިމުކުރަން މަސައްކަތްކުރާ ނިއުކްލިއަރ އެއްބަސްވުމުގައި މާދަމާ ސޮއި ނުކުރާނެކަން އީރާނުގެ ސަރުކާރުން ރަސްމީކޮށް ހާމަކޮށްފިއެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވި ގޮތުގައި، މާދަމާ މި އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައެއް ނުވެއެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ސޮއިކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި، އެމެރިކާގެ ފަރާތުން ފެންނަ ބަދަލުވަމުންދާ ސިޔާސަތުތަކާ ހުރެ މިކަމުގައި ވަކި ގޮތެއް ކަނޑައަޅަން އަދި ދަތިކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވި ގޮތުގައި، ނިއުކްލިއަރ މައްސަލައިގެ ފުން މަޝްވަރާތައް ފެށޭނީ ފުރަތަމަ މަރުހަލާގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހުގައެވެ.

މި އެއްބަސްވުން ލަސްވުމުގެ މައިގަނޑު ސަބަބެއް ކަމަށް ރިޕޯޓުތަކުން ބުނަނީ، އީރާނުން ޔުރޭނިއަމް ފައްކާކުރުމުގެ ހައްގު ދޫކޮށްލަން ބޭނުން ނުވުމާއި، މިހާރު ފައްކާކޮށްފައި ހުރި ޔުރޭނިއަމް ނައްތާލުމާ މެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކެވެ. އީރާނުން ބޭނުންވަނީ އެ ގައުމުގެ އެތެރޭގައި ޔުރޭނިއަމްގެ ބާރު ދަށްކުރުމަށެވެ. ނަމަވެސް އެމެރިކާއިން ޑިމާންޑުކުރަނީ އެ ތަކެތި އެއްކޮށް ނައްތާލުމަށް ނުވަތަ ގައުމުން ބޭރުކުރުމަށެވެ. އަދި ކުރިއަށް އޮތް ފަނަރަ ނުވަތަ ވިހި އަހަރަށް ޔުރޭނިއަމް ފައްކާކުރުން ހުއްޓާލުމަށް އެމެރިކާއިން ހުށަހަޅާފައިވާއިރު، އީރާނުން ވަނީ އެކަމަށް ދެކޮޅުހަދައިފައެވެ.

މިކަމާ ގުޅިގެން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، ދެ ގައުމު އޮތީ އެއްބަސްވުމަކާ ވަރަށް ގާތުގައެވެ. ނަމަވެސް އަދި މުޅިން ނިމުމަކާ ހަމައަށް ނާދެވޭ ކަމަށާއި، އެއްބަސްވުމުގެ ދަށުން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލައި، ފައްކާކޮށްފައިވާ މާއްދާތައް ނައްތާލަން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ހަބަރުތައް ބުނާ ގޮތިގައި މި އެއްބަސްވުން ލަސްވުމުގެ ސަބަބުން، މެދުއިރުމަތީގެ ސުލްހައަށް ކުރަމުންދާ މަސައްކަތްތަކަށް ވަނީ ހުރަސްއެޅިފައެވެ. ހާއްސަކޮށް ހޮރުމުޒް ކަނޑުއޮޅި ހުޅުވާލުމާއި، ނިއުކްލިއަރ މައްސަލައިގައި މަޝްވަރާކުރުމަށް ކަނޑައަޅާފައިވާ ފަސްދޮޅަސް ދުވަހުގެ މުއްދަތު ފެށުން ވަނީ ފަސްވެފައެވެ.