ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގައި ވެރިއަކު ނެތް ފޮއްޓެއްގެ ތެރެއިން 223 ދިރޭތަކެތި ދުބާއީ ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
އިއްޔެ ހިނގި މި ހާދިސާގައި އަތުލައިގަތް ތަކެތީގެ ތެރޭގައި ހަރުފަ އާއި ސްކޯޕިއަންސް އާއި ބޮއް ފަދަ ތަކެތި ހިމެނެއެވެ.
ދުބާއީ ކަސްޓަމްސްއިން ބުނި ގޮތުގައި، އާންމުކޮށް ކުރާ ފާސްކުރުންތަކުގެ ތެރެއިން ޝައްކުކުރެވޭ ފޮއްޓެއް ފެނިގެން އިތުރަށް ބެލި އިރު، އޭގެ ތެރޭގައި 129 ހޯނާއި 36 ސްކޯޕިއްންސް އާއި 8 ހަރުފަ އަދި 50 ބޮއް ފޮރުވާފައި އޮތް ކަމަށެވެ.
މިއީ އެ އެއާޕޯޓުގެ ތާރީހުގައި ވެސް ފެނުނު މިފަދަ އެންމެ އާދަޔާ ހިލާފު އެއް މައްސަލަ ކަމަށް ކަސްޓަމްސްއިން ފާހަގަކުރެއެވެ. އަދި މީގެ ތެރެއިން ބައެއް ބާވަތްތަކަކީ ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތި ހިމާޔަތްކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ (ސައިޓީސް) ގެ ދަށުން ހިމާޔަތްކޮށްފައިވާ ތަކެތި ކަމަށް ބެލެވޭ ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.
ދުބާއީ ކަސްޓަމްސްގެ ޑިރެކްޓާ އޮފް ޕެސެންޖާ އޮޕަރޭޝަންސް ހާލިދު އަހްމަދު ވިދާޅުވި ގޮތުގައި، ބޯޑަރުތައް ހިމާޔަތް ކުރުމަކީ ހަމައެކަނި މަނާ ތަކެތި އެތެރެވުން ހުއްޓުވުމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، ގާނޫނާ ހިލާފަށް ދިރޭތަކެތީގެ ވިޔަފާރިކުރުމުގެ ނުރައްކަލުން ގުދުރަތީ ދިރުންތަކާއި ތިމާވެށި ހިމާޔަތްކުރުން ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަލުޖަނަވާރާއި ދިރޭތަކެތީގެ ވަގުވިޔަފާރި ފުޅާވަމުންދާ އިރު، މިއީ ތިމާވެއްޓާ ގުޅުންހުރި ކުށްތަކުގެ ތެރެއިން އެންމެ ބޮޑު މާލީ ފައިދާއެއް ހޯދާ އެއް ކުށެވެ. އެހެންކަމުން، މިފަދަ ކަންކަން ހުއްޓުވުމުގައި ކަސްޓަމްސްގެ ދައުރު މުހިންމު ކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަ ކުރެއެވެ.
މިހާރު މި ތަކެތި ވަނީ ޔޫއޭއީގެ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓާ ހަވާލުކޮށްފައެވެ. ކަސްޓަމްސްއިން ބުނި ގޮތުގައި، އެ ތަކެއްޗަށް ބޭނުންވާ ފަރުވާ ދިނުމާއި ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.
ދުބާއީ
ދުބާއީ
ދުބާއީ
ދުބާއީ