ބޭސް ނުލިބުމުގެ މައްސަލަ ދިމާވަނީ މީގެކުރިން އެކަމަށް އަޅާނުލެވި އޮތުމުން ކަމަށް ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު އަބްދުﷲ މާހިރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ރޭ ޑރ. ޝާހު ވިދާޅުވީ، ރާއްޖޭގެ ސިއްހީ ދާއިރާގައި ސަޕްލައިންޗޭންއަށް ދޭންވާ އަހަންމިއްޔަތުކަން ދީފައި ނުވާ ކަމަށެވެ.
"ބޭނުންކުރަންޖެހޭ މޮޑާން ސްޓޮކް މެނޭޖުމަންޓާއި ބޭނުންކުރަންޖެހޭ ސޮފްޓްވެއާއަށް މިހާތަނަށް، އެދޭވޭ ގޮތުގައި މައުލޫމާތު ލިބެންވާ ވަރަށް ނުލިބި ދިޔައީ. މިކަމަށް އަޅާނުލެވި އޮތުމުގެ ސަބަބުން މިކަން މަޑުމަޑުން ޑިޓުއުރޭޓްވަމުން ގޯސްވަމުން އައިސް މިއަދުގެ ހާލަތަށް މި އޮތީ މިކަން ވެއްޓިފައި. އެހެންވީމަ މިއަދުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ޑރ. މުހައްމަދު މުއިއްޒު ވަރަށް މުހިންމު ވަރަށް ބޯލްޑްް ސްޓެޕެއް ނަންގަވައިދެއްވައިފައި އޮތީ. މިކަން ރަނގަޅު ކުރަން ވަރަށް ރަނގަޅު މެންޑޭޓަކާއެއްކޮށް، ވަކިން ހާއްސަ ކުންފުންޏަކާއެއްކޮށް،" ޑރ. ޝާހު ވިދާޅުވިއެވެ.
ޑރ. ޝާހް ފާހަގަކުރެއްވި ގޮތުގައި ބައެއް ފަހަރު ބަޔަކު އެކަން ކުރަން ތިބިކަމުގައިވިޔަސް އެއީ ކުރުން ދަތިކަމެކެވެ. އެކަމަކީ ހަމައެކަނި މުދާ އެތެރެކުރުން ނޫން ކަމަށާއި އެކަމަކީ ފުރާނައާ ގުޅިފައި ހުރި ކަމެއް ކަމަށެވެ. އެހެންކަމުން މިހާރުގެ ރައީސް އަޅުއްވާފައިވާ ފިޔަވަޅުތަކުން ކުރިން ހުރި ބޭސް ނުލިބުމުގެ ދަތިތަކަށް ހައްލު ލިބޭނެ ކަމަށެވެ.
އޭގެ އިތުރުންވެސް ބޭސް ނުލިބުމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން އެންޓަޕްރައިސް ރިސޯސް މެނޭޖްމަންޓް (އީއާރުޕީ) ސިސްޓަމަކާއި އީ-ލޮޖިސްޓިކްސް ސިސްޓަމެއް ގާއިމުކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ޑރ. ޝާހު ވިދާޅުވިއެވެ. އެ އާ ނިޒާމުގެ ސަބަބުން ރާއްޖޭގައި މިވަގުތު ބޭހުގެ ސްޓޮކް ހުރި މިންވަރާއި ކުރިއަށް އޮތް އަހަރު ބޭނުންވާނެ ބޭހުގެ ބާވަތްތަކާއި އަދަދު ދުރާލާ ދެނެގަނެވޭނެ ކަމަށް ޑރ. ޝާހު ފާހަގަކުރެއްވިއެވެ.
މި ސިސްޓަމްގެ ސަބަބުން ކޮންމެ ރަށެއްގައި ވެސް ތިބި ބަލި މީހުންގެ އަދަދަށް ބަލައި، އެ ރަށަކަށް ބޭނުންވާ ބޭސް މެދުނުކެނޑި ފޯރުކޮށްދިނުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށް ޑރ. ޝާހު ވިދާޅުވިއެވެ.
އަދި މިހާރު ބޭނުންކުރާ ސިސްޓަމުން ރާއްޖެއިން ލިބެން ހުރި ބޭހުގެ މައުލޫމާތުތައް ޑޮކްޓަރުންނަށް ވެސް އެންމެ އެދެވޭ ގޮތެއްގައި ނުފެންނަކަން ފާހަގަކުރައްވިއެވެ. ނަމަވެސް އާ ނިޒާމާއެކު ޑޮކްޓަރުންނަށް އެ ފަސޭހަވެސްވާނެ ކަމަށް ޑރ. ޝާހް ވިދާޅުވިއެވެ.
"ބޭހުގެ ސްޓޮކް އަދި ކޮންސިއުމަބަލް ސްޓޯކް ހުރިވަރު ސިކުންތުން ސިކުންތަށް އެނގޭނެ. ގުޅިލާމެހިފައި އޮތް ސިސްޓަމެއް. އީއާރުޕީ ސިސްޓަމް. އެ ސިސްޓަމުން އެނގޭނެ ކޮންބޭހެއްކަން ހުރީ ކޮންބޭހެއްކަން ނެތީ. އެއާ އެއްކޮށް ސިސްޓަމް ބިލްޑްވަމުންދާވަރަކަށް ރާއްޖޭގެ ކޮންސަމްޝަން އެނގޭނެ. ބޭސް ބޭނުންކުރާ އަދަދު ނުވަތަ ކޮންސިއުމަބަލް ބޭނުންކުރާ އަދަދު،" ޑރ. ޝާހް ވިދާޅުވިއެވެ.
މިހާރު ބަލަނީ އާސަންދަ ސިސްޓަމުން ކަމަށްވުމުން، ރާއްޖޭގައި ނެތް ބޭސްތަކުގެ ފުރިހަމަ ތަފްސީލު ދެނެގަނެވެން ނެތް ކަމަށެވެ.
"އެެހެންވީމަ އަބަދު ނުހުންނަ އެއްޗެއް ނެތިގެން މިދަނީ އެޔާ ބެހޭ އެއްވެސް ޑޭޓާއެއް ނެތް. އެެހެންވީމަ ސިސްޓަމްތަކުގައި ހުރި މައުލޫމާތު ކަލެކްޓުކުރަމުން މިދަނީ،" ޑރ. ޝާހް ވިދާޅުވިއެވެ.
ރާއްޖޭން ލިބުން ދަތި ބޭސްތައް ދެނެގަންނަން މިހާރު މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނާ ގާތުން ކަމަށްވެސް ޑރ. ޝާހް ފާހަގަކުރެއްވިއެވެ.
ބޭސް ލިބެން ހުންނަ ފާމަސީތަކާއި ބޭހުގެ އަގުތައް ފަސޭހަކަމާ އެކު އޮންލައިންކޮށް ބަލައިލެވޭނެ ހާއްސަ ޕޯޓަލްއެއް އަންނަ ސެޕްޓެމްބަރު މަހު އިފުތިތާހު ކުރަން ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ނިންމައިފައި ވަނީ މި ނިމިދިޔަ މަހުގެ 23ގައެވެ.
އެ ޕޯޓަލް ފަރުމާކޮށްފައިވަނީ ކޮންމެ ތަނެއްގައި ހުރެގެންވެސް ސްޓޭޓްފާމާގެ ފާމަސީތަކުން ލިބެން ހުންނަ ބޭހުގެ މައުލޫމާތު ވަގުތުން ބަލާލެވޭނެ ގޮތަށެވެ. އެއީ ބޭސް ހޯދުމުގައި ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ފަށާފައިވާ މަސައްކަތެއްކަމަށް ސްޓޭޓް ފާމާއިން ބުނެއެވެ.
ފާތިމަތު ލިއުޝާ
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް
ކޮމެންޓް