ރަސްފަންނު މޫދަށް އެރޭ ސަރަހައްދު މާދަމާ ހެނދުނުން ފެށިގެން އަލުން އާންމުންނަށް ހުޅުވާލާނެކަމަށް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން އެގޮތަށް ބުނީ މިރޭކުރި އިއުލާނެއްގައެވެ.
ރަސްފަންނު މަރާމާތުކުރުމަށްޓަކައި ވަގުތީ ގޮތުން ބަންދުކޮށްފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ. އެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ އެމްޓީސީސީ އަދި އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެންނެވެ.
އެ މަސައްކަތުގެ ދަށުން ރަސްފަންނު ސަރަހައްދަށް ދިމާވެފައިވާ ގޮނޑުދޮށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދައި، ބޭރު ތޮއްޓަށް ބަދަލުތައް ގެނެސް މޫދުގެ ފެން ދައުރުވުން ވަނީ ރަނގަޅުކޮށްފައެވެ. އަދި މޫދަށް އެރޭ ސަރަހައްދުގެ އުތުރުން ފެންހިންދާ ނިޒާމެއް ގާއިމްކޮށް، ފެން ދައުރުކުރުމަށްޓަކައި ކަލްވާޓްސްތަކެއް ހިމަނައިގެން ބޭރު ތޮށި ވަނީ އަލުން ޖަހާފައެވެ.
މީގެ އިތުރުން، އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާނެ އާންމު ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތްވެސް ވަނީ ނިންމާލާފައެވެ. އެގޮތުން އާ ފާހާނާބަރިއަކާއި، ފެން މާގަނޑުތަކުގެ އިތުރުން ލޮކަރުގެ ހިދުމަތްވެސް މިހާރު ވަނީ ގާއިމްކޮށްފައެވެ.
މުހައްމަދު އިޝާން
ރަސްފަންނު
ރަސްފަންނު
ރަސްފަންނު