ދިރާގު މާލެ އޯޕަން 2026 ފެތުމުގެ މުބާރާތަށް ތައްޔާރުވުމަށާއި ފެތުންތެރިންގެ މެދުގައި ގުޅުންބަދަހިކުރުމުގެ މަގުސަދުގައި 'ކްލީން އަޕް އެންޑް ސޯޝަލް ސްވިމް' ގެ ނަމުގައި ރަސްފަންނު ސާފުކުރުމުގެ ހާއްސަ ހަރަކާތްތަކެއް ބާއްވަން ދިރާގުން ނިންމައިފިއެވެ.
މި ހަރަކާތްތައް ކުރިއަށްދާނީ މި މަހު 8 އަދި 15 ދުވަހު ރަސްފަންނުގައެވެ.
މި ދެ ދުވަހުގެ ހަރަކާތްތައް ފެށިގެންދާނީ ގޮނޑުދޮށް ސާފުކުރުމާއެކުގައި ކަމަށާއި އެއަށްފަހު، ހުރިހާ ބައިވެރިން އެކުގައި ފެތުމުގެ ހަރަކާތެއް ކުރިއަށްދާނެ ކަމަށް ދިރާގުން ބުންޏެވެ.
"މިއީ ފެތުންތެރިން އެކަކު އަނެކަކާ ބައްދަލުވެ، ގުޅުން ބަދަހިކޮށް، އާއިލާއާއި ރައްޓެހިންނާ އެކުގައި މޫދުގެ ހިތްގައިމުކަން ތަޖުރިބާކޮށްލުމަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެކެވެ. މީގެ އިތުރުން، މިއީ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ވެސް ބާރުއެޅިގެންދާނެ ހަރަކާތެކެވެ." ދިރާގުން ބުނެފައިވެއެވެ.
ސްވިމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ ދިރާގު މާލެ އޯޕަން ފެތުމުގެ މުބާރާތުގެ މަގުސަދަކީ، ރާއްޖޭގައި އޯޕަން ވޯޓަރ ސްވިމިން ކުރިއަރުވައި، މި ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމުގެ އިތުރުން، ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ.
މި އަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 21 އަދި 22 އޮގަސްޓު 2026ގައި ރަސްފަންނުގައެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ މިމަހުގެ 9ގެ ނިޔަލަށް އިތުރުކޮށްފައެވެ. އެހެންކަމުން، މި މުބާރާތުގެ 1 ކިލޯމީޓަރު، 500 މީޓަރު، 250 މީޓަރު އަދި، މި އަހަރު މުޅިން އަލަށް ތައާރަފްކޮށްފައިވާ 500 މީޓަރުގެ ޓީމް ރިލޭ ކެޓަގަރީގައި ބައިވެރިވެވޭނެ އެވެ.
މި އިވެންޓުގެ މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
އާއިޝަތު މާހާ
ދިރާގު
ދިރާގު
ދިރާގު
ދިރާގު
ކޮމެންޓް