ޗައިނާގެ އަސްކަރިއްޔާއަށް އެހީތެރިވާ ކަމަށް ތުހުމަތުކޮށް، އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓް (ޕެންޓަގަން) އިން އެކުލަވާލާފައިވާ "ޗައިނީޒް މިލިޓަރީ ކޮމްޕެނީސް" ބްލެކްލިސްޓަށް ޗައިނާގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނިތައް ކަމަށްވާ އަލީބާބާ، ޓެންސެންޓް އަދި ބީވައިޑީ އިތުރުކޮށްފިއެވެ.

މިދިޔަ ހޯމަ ދުވަހު ޕެންޓަގަންއިން އާންމުކުރި 1260އެޗް ލިސްޓުގައި އަލަށް ހިމެނި ކުންފުނިތަކުގެ ތެރޭގައި އީ-ކޮމާސް ކުންފުނި އަލީބާބާ އާއި ސާޗް އިންޖީނު ބައިޑޫގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑު އިލެކްޓްރިކް އުޅަނދު އުފައްދާ ކުންފުނި ބީވައިޑީ ހިމެނެއެވެ.

ޓެންސެންޓް ވަނީ 2025 ވަނަ އަހަރު މި ލިސްޓަށް އިތުރުކޮށްފައެވެ. މި ބަދަލާއެކު މި ލިސްޓުގައި ހިމެނޭ ޗައިނާގެ ކުންފުނިތަކުގެ އަދަދު ވަނީ 188 އަށް އަރައިފައެވެ.

އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން ބުނި ގޮތުގައި، މި ކުންފުނިތައް ބްލެކްލިސްޓު ކުރީ ޗައިނާގެ މަދަނީ އަދި އަސްކަރީ ދާއިރާ ގުޅުވާލުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން، ޗައިނާގެ އަސްކަރިއްޔާ (ޕީޕަލްސް ލިބަރޭޝަން އާމީ) ޒަމާނީކުރުމަށް މި ކުންފުނިތަކުން އެހީތެރިވަމުންދާތީއެވެ. މި ނިންމުމާ ގުޅިގެން، މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން އެމެރިކާގެ ދިފާއީ ވުޒާރާއިން މި ކުންފުނިތަކާ އެކު ސީދާ ގޮތެއްގައި އެއްވެސް ވިޔަފާރީގެ މުއާމަލާތެއް ނުވަތަ ކޮންޓްރެކްޓެއް ހެދުން މަނާވާނެއެވެ. އަދި 2027 ވަނަ އަހަރުން ފެށިގެން ތިންވަނަ ފަރާތެއް މެދުވެރިކޮށް ވެސް މި ކުންފުނިތަކުގެ އުފެއްދުންތައް ގަތުން މަނާވާނެއެވެ.

މިކަމާ ގުޅިގެން ވިޔަފާރީގެ ދިރާސާ ކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މިއީ އެމެރިކާގެ ގައުމީ ސަލާމަތަށް ހުރި ނުރައްކާތައް ކުޑަކުރުމަށް އެޅި ފިޔަވަޅެއް ނަމަވެސް، މީގެ ސަބަބުން ދުނިޔޭގެ ސަޕްލައި ޗެއިންއަށާއި އެމެރިކާ އާއި ޗައިނާގެ ވިޔަފާރީގެ ގުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ.

އެމެރިކާގެ މި ނިންމުމަށް ޗައިނާގެ ކުންފުނިތަކުން ވަނީ ރައްދު ދީފައެވެ. އަލީބާބާ އާއި ބައިޑޫއިން ނެރުނު ބަޔާންތަކެއްގައި ބުނެފައިވަނީ، އެ ކުންފުނިތަކަކީ ޗައިނާގެ އަސްކަރިއްޔާއާ ގުޅުން ހުރި ކުންފުނިތަކެއް ކަމަށް އެމެރިކާއިން ކުރާ ތުހުމަތަކީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށެވެ. އަދި މި ލިސްޓުން އުނިވުމަށް ކުރަންޖެހޭ ގާނޫނީ މަސައްކަތްތައް ކުރާނެ ކަމަށްވެސް އެ ކުންފުނިތަކުން ވަނީ ބުނެފައެވެ.