އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރެއް ވައްޓާލުމާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކަށްފަހު، ދުނިޔޭގެ ތެލުގެ ވިޔަފާރިއަށް އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރްމުޒް ކަނޑުއޮޅި ހުރިހާ ބާވަތެއްގެ އުޅަނދުތަކަށް ބަންދުކޮށްފިކަމަށް އީރާނުން އިއުލާނުކޮށްފިއެވެ.

އީރާނުގެ އަސްކަރިއްޔާގެ ހެޑްކުއާޓަރު ކަމަށްވާ ހާތަމް އަލް-އަންބިޔާއިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ގޯސްވެފައިވާތީ ތެޔޮ އުފުލާ ޓޭންކަރުތަކާއި ވިޔަފާރި އުޅަނދުތަކަށްވެސް ކަނޑުއޮޅި ވަނީ ބަންދުކޮށްފައެވެ. އެ ސަރަހައްދަށް ވަންނަން މަސައްކަތްކުރާ ކޮންމެ އުޅަނދަކަށް ހަމަލާދޭނެ ކަމުގެ އިންޒާރުވެސް އެ ގައުމުން ވަނީ ދީފައެވެ.

މި ނިންމުން އައިސްފައިވަނީ، ހޯމަ ދުވަހު އެމެރިކާގެ އޭއެޗް-64 އެޕާޗީ ހެލިކޮޕްޓަރެއް އީރާނުން ވައްޓާލުމާ ގުޅިގެން، އެމެރިކާއިން އީރާނުގެ އަމާޒުތަކަކަށް ވައިގެ ހަމަލާތަކެއް ދީފައިވަނިކޮށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުގައި، ހެލިކޮޕްޓަރު ވައްޓާލީ އީރާނުންނެވެ. އަދި އެކަމުގެ ރައްދު އެމެރިކާއިން ދޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނީ، އީރާނުގެ ވައިގެ ދިފާއީ ނިޒާމުތަކަށާއި ރާޑަރު ސްޓޭޝަންތަކަށް އަމާޒުކޮށް ހަމަލާދީފައިވާނެ ކަމަށެވެ. ނަމަވެސް، ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައިވާކަމަށް އީރާނުން ކުރާ ދައުވާ ސެންޓްކޮމްއިން ދޮގުކުރެއެވެ. އެ އިދާރާއިން ބުނި ގޮތުގައި ވިޔަފާރި އުޅަނދުތައް އަދިވެސް ދަނީ އެ ކަނޑުއޮޅިން ދަތުރުކުރަމުންނެވެ.

ދުނިޔޭގެ ތެލުގެ 20 އިންސައްތަ ދަތުރުކުރާ ހޮރްމުޒް ކަނޑުއޮޅީގެ މައްސަލައިގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، އިގުތިސޯދަށް އޭގެ ނޭދެވޭ އަސަރުކުރާނެކަމަށް މާހިރުން ލަފާކުރެއެވެ. އެމެރިކާގެ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން ބަހްރޭނުގައި ހުންނަ އެމެރިކާގެ ފަސްވަނަ ފްލީޓަށް އަމާޒުކޮށް އީރާނުން ވަނީ ޑްރޯން ހަމަލާތަކެއް ދީފައެވެ.