ޗައިނާގެ ރައީސް ޝީ ޖިންޕިން އުތުރު ކޮރެއާގެ ވެރިރަށް ޕިޔޮންގޔަންގަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވައިލައްވައިފިއެވެ. މިއީ 2019 ވަނަ އަހަރަށްފަހު ޝީ އެ ގައުމަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މި ދަތުރުފުޅުގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ދަތުރުފުޅު ކުރައްވާފައި މިވަނީ، ރަޝިއާއާއި ޔޫކްރެއިން ހަނގުރާމައިގައި އުތުރު ކޮރެއާއިން ރަޝިއާއަށް ހަތިޔާރާއި 12،000 ސިފައިން ފޮނުވައި، އެ ގައުމާ އޮންނަ އަސްކަރީ އަދި ސިޔާސީ ގުޅުން ވަރަށް ބޮޑަށް ބަދަހިކޮށްފައިވާ ދަނޑިވަޅެއްގައެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ޝީގެ މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ އިރުއުތުރު އޭޝިއާގެ ސަލާމަތީ ކަންކަމުގައި ޗައިނާގެ ނުފޫޒު ދެމެހެއްޓުމާއި، އުތުރު ކޮރެއާގެ މައްޗަށް އޮންނަ ބާރު ކަށަވަރުކުރުމެވެ.

ޕިޔޮންގޔަންގުގެ ކުމްސުސާން ސްޓޭޓް ގެސްޓްހައުސްގައި ބޭއްވި މަޝްވަރާތަކުގައި، ޑިޕްލޮމެސީއާއި، ގާނޫނު ތަންފީޒުކުރުމާއި، އަސްކަރީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ޝީ ވަނީ ގޮވާލައްވައިފައެވެ. ޗައިނާގެ ރަސްމީ ނޫސް އޭޖެންސީ ޝިންހުއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދެ ލީޑަރުން ވަނީ އިގުތިސޯދީ އަދި ވިޔަފާރީގެ ގުޅުން ފުޅާކުރުމަށްވެސް އެއްބަސްވެވަޑައިގެންފައެވެ.

މީގެ އިތުރުން، މިއީ ދެ ގައުމުގެ ދެމެދުގައި 1961 ވަނަ އަހަރު ގާއިމުކުރި އެކުވެރިކަމުގެ މުއާހަދާއަށް 65 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރެއްވި ދަތުރުފުޅެއް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ދެކުނު ކޮރެއާގެ ކޮރެއާ އިންސްޓިޓިއުޓް ފޯ ނޭޝަނަލް ޔުނިފިކޭޝަންގެ ސީނިއާ ރިސާޗް ފެލޯ ހޮންގް މިން ފާހަގަކުރެއްވި ގޮތުގައި، މި ބައްދަލުވުމުގައި އުތުރު ކޮރެއާއިން މަސައްކަތްކޮށްފައިވަނީ ޗައިނާއަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ދެ ގައުމަކީ ހަމަހަމަ ދެ ބައިވެރިންގެ ގޮތުގައި ދައްކުވައިދިނުމަށެވެ. ޝީގެ މި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު، އެނބުރި ބެއިޖިންގަށް ވަޑައިގަތުމަށް ޕިޔޮންގޔަންގުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރުން ފުރާވަޑައިގަތީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ.