އަމިއްލަ ހިތާއި ތަކުރާރުކޮށް ސުވާލުކުރިކަމުގައި ވިޔަސް ތަނާލް ބޭނުންވާ ފަދަ ޖަވާބެއް އޭނައަށް ނުލިބުނެވެ. ސިކުނޑިއަށް ބާރުބޮޑުވެ ޚިޔާލުތަކާ ދުރުވެވޭ ގޮތެއް ނުވިއެވެ. ސިކުނޑީގެ ކަނެއްގައި ޒަރާރްގެ ނަން ހަރުލާފައިވަނީ އެހެން ކަމަކަށް ސަމާލުކަން ދެވޭ ވަރަށް ވުރެން ބޮޑަށެވެ. އެއާއެކު މުޅި މީހާ ނުތަނަވަސްކޮށްލައިފިއެވެ.
ތަނާލް އިންތިޒާރުކޮށްގެން ހުރީ ލިފްޓް ހުޅުވޭނެ އިރަކަށެވެ. ބަންދު ތަނެއްގައި ހުންނަންވުމުން ނޭވާކުރުވާހެން ހީވިއެވެ. ފިނި ދަލެއް ނިތްކުރީގައި ހިއްލަން ފެށިއެވެ. މަޑުމަޑުން މޭގައި ފިރުމަމުންދަނިކޮށް ލިފްޓްގެ ދޮރު ހުޅުވުނެވެ. ވިދުވަރުގެ ހަލުވިމިނުގައި ލިފްޓުން ނިކުންނަމުން، ބާރުބާރަށް ހިނގާފައި ގޮސް އެޕާޓްމެންޓަށް ތަނާލް ވަނެވެ. އެތެރެއަށް ވަނުމާއެކު މަރުހަބާކިޔުނު ފަޅުކަމާއި ހިމޭންކަމަށް ހިތާހިތުން ޝުކުރުވެރިވެވުނެވެ. އޭނަ ފެންނައިރަށް މަންމައަށް އޭނަގެ ހާސްކަން ނަގައިގަނެވިދާނެތީއެވެ. ދެކޮޅު ބަލާލަމުން ތަނާލް ވަނީ އޭނަގެ ކޮޓަރި އަށެވެ.
ފެންވަރާ ތާޒާ ވެލުމުން ވެސް ސިކުނޑީގައި އަޑުގަދަވެފައިވި އަޑުތަކާ ދުރެއް ނުވެވުނެވެ. އެއްތަނެއްގައި ހަމަޖެހިގެން ހުރުންވީ އުނދަގޫ ކަމަކަށެވެ. ސުވާލުތައް ގިނަވިވަރަކަށް ތަނާލްއަށް އިހުސާސްކުރެވެމުންދާ އުނދަގޫތައް އިތުރުވުން ނޫންކަމެއް ނުވިއެވެ. އެނދުގައި އޮށޯންނަން އުނދަގޫވުމުން ކޮޅަށް ތެދުވި އެވެ.
''ވަޓްސް ރޯންގް ވިތް މީ؟...'' ތަނާލްއަށް އޭނަގެ ޒަމީރާ ސުވާލުކޮށްލެވުނެވެ. ކޮޓަރިތެރޭ ކުރުކާލިކަނޑަމުން ދަނިކޮށް، ތަނާލްގެ ލޮލުގައި އަޅައިގަތީ އަލަމާރިމަތީ ހުރި ފޮށިގަނޑެވެ. ފިޔަވަޅުތައް މަޑު ޖައްސާލަމުން ފޮށްޓަށް ބަލަން ހުރެވުނެވެ. ކުރިއަށް ފިޔަވަޅެއް އަޅާފައި ވެސް މަޑުޖައްސާލެވުނެވެ. ކުރެވެން އުޅުނު ކަންތަކާ ވިސްނާލެވުނީއެވެ.
އެނދުގައި އިށީންނަމުން އަތްތިލައިގެ ތެރޭގައި ތަނާލްއަށް މޫނު ފޮރުވާލެވުނެވެ. ފިކުރުތައް ގިނަވުމުން ކޮޓަރިން ނިކުންނަން ބޭނުންވިއެވެ. ނަމަވެސް އެހާލުގައި ވަނިކޮށް މަންމައަށް ފެނި ކަންބޮޑުވެދާނެތީ ފަސްޖެހުނެވެ. އޭނަގެ ހާލަތު ވަގުތުން މަންމަ ނަގައިގަންނާނެއެވެ. އޭރުން ސުވާލުތައް ކުރިމަތިވާނެއެވެ. އެސުވާލުތަކަށް އޭނަ ދޭނީ ވެސް ކޮން ޖަވާބެއް ހެއްޔެވެ؟ އޭނައަށް ދިމާ ވެފައިވާ ހާލަތު ހުދު އޭނައަށް ވެސް ލަފާކޮށްލަން ދައްޗެވެ. ޔަޤީނުން ވެސް އެނގޭ ކަމަކީ އޭނައަށް ކުރިމަތިވަމުންދާ ހުރިހާ އުނދަގުލަކާ ޒަރާރް ގުޅިފައިވާ ކަމެވެ. އެދެމެދުގައި އޮތް ގުޅުމަށް ބަދަލެއް އަންނަމުންދާ ކަމުގެ ހިލަން ހިތަށް ވީތީއެވެ. އެކަމާ ކުރިމަތިލާން އޭނަ ބިރުގަންނަނީއެވެ. އެހަޤީޤަތް ޤަބޫލުކުރަން ދަތިވަނީއެވެ.
ކުއްލިޔަކަށް ތަނާލް ކޮޅަށް ތެދުވިއެވެ. ރީތިވާ މޭޒުގެ ގޮނޑި ހިފައިގެން ގޮސް އަލަމާރި ކުރިމަތީ ބެހެއްޓިއެވެ. ފުން ނޭވާއަކާއެކު ގޮނޑި މައްޗަށް އަރައި، އަލަމާރި މަތީ ހުރި ފޮށި ނެގިއެވެ. އެހިފައިގެން ގޮސް އޭނަ އިށީނީ އެނދުގެ ފޭޑިއާ ކައިރިން ޓައިލްސްތަކުގެ މަތީ ފަތުރާފައި އޮތް ރަގު މަތީގައެވެ. ދެފައި ވަށްކޮށްލައި ކުރިމަތީ ފޮށި ބެހެއްޓިއެވެ. ތުންފަތުގައި ދަތް އަޅައިގެން އިނީ ދެ ފިކުރެގައިވާ ހެންނެވެ. އެފޮށި ތެރޭ ފޮރުވާފައިވަނީ ވޭނުން ފުރިގެންވާ ހަނދާންތަކެކެވެ. އެވޭނަށް ދައުވަތު ދެވުނީ ޒަރާރްގެ ޚިޔާލުތަކާ ދުރުވާން އެދެވުނު ވަރުންނެވެ. ނޭވާއަކަށް އެދި އޭނަގެ މުޅި ނަފުސު ތެޅިފޮޅެމުންދާ ކަހަލައެވެ.
ފޮށި ހުޅުވާލުމާއެކު ތަނާލްގެ ލޮލުގައި އަޅައިގަތީ އޭގެ ތެރޭގައި ހުރި ފޮޓޯ ފްރޭމްތަކެވެ. އެއާއެކު ތަނާލްގެ ދެލޮލުން ފާޅުވެގެން ދިޔައީ އުދާސްކަމުގެ ދިލައެވެ. ފޮޓޯ ފްރޭމެއް ނަގައި އޭގައިވި ތަސްވީރަށް ނަޒަރު ހުއްޓާލުމާއެކު ދެލޯ ފުރިގެން އައީ ކަރުނުންނެވެ. ދެލޯ ފުސް ވިޔަސް އެފޯޓޯގައިވި ހިދާންގެ މޫނުގައި އިނގިލިތަކުގެ ކުރިން ފިރުމާލެވުނެވެ. އެހިނދު އަސަރާއެކު ތަނާލްއަށް ދެލޯ މަރާލެވުނެވެ. ފްރޭމްކޮށްފައިވި ފޮޓޯގައި ވަނީ ރަންކިއުމުގެ ރަސްމިއްޔާތުގައި ނެގި ފޮޓޯއެކެވެ. ހިދާން ހުރީ މުންޑަކާއި ހުދުކުލައިގެ އަތްދިގު ގަމީހެއްގައެވެ. ރީތި ހިނިތުންވުމަކާއެކު ރަތްކުލައިގެ ކަސަބު ލިބާހެއްގައި ހުރި ތަނާލްގެ އަތުގައި ހިފަހައްޓައިގެންނެވެ. ލޮލާލޯ ސީދާވެފައިވާއިރު ރަމްޒުކޮށްދެނީ ފަނޑުވުމެއް ނުވާ ލޯތްބެވެ.
ލޯމަރާލުމާއެކު އެސްފިޔަތައް ބަރުވެފައިވި ކަރުނަތައް ފައިބައިގަތެވެ. ވޭން ބަރުދާސްތުކުރާ ހާލު ފަހަރަކު ފްރޭމެއް ތަނާލް ނެގިއެވެ. އެކްސިޑެންޓްގެ ކުރިން މުޅި ކޮޓަރިތެރޭގައި އެފްރޭމްތައް ބަހައްޓާފައި ހުއްޓެވެ. ލޯބިން ފުރިފައިވި އެދުވަސްތަކުގެ ރަމްޒެއްގަމުގައިވި ނިޝާންތަކުން މިއަދު ތަނާލްއަށް އިހުސާސްކުރެވުނީ ހިތިކަމެވެ. ވޭނެވެ. އެގިލަންވެރިކަމުގެ ސިލްސިލާއިން ހިނދުކޮޅަކަށް ވިޔަސް ޒަރާރްގެ ޚިޔާލުތަކާ ދުރަށް ގެންގޮސްދިނެވެ. ހަލަބޮލިވެފައިވި ސިކުނޑިއަށް ހިމޭންކަމުގެ ސުކޫތެއް ގެނެސްދިނެވެ.
ފަހަރަކު ފްރޭމެއް ނަގައި ކައިރީގައި ތަނާލް ބެހެއްޓިއެވެ. ދިރިއުޅުމުގެ މަރުހަލާތަކުން ފުރިފައިވި ހަނދާންތަކެވެ. ކައިވެނީގެ ފޮޓޯތަކެވެ. ކައިވެންޏަށް ފަހު ރާއްޖެއިން ބޭރަށް ކުރި ދަތުރުގެ އުފާވެރި މަންޒަރުތަކެވެ. ކައިވެންޏަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ހިދާން އޭނަ ގޮވައިގެން ރިސޯޓަކަށް ކުރި ދަތުރުގައި ނެގި ފޮޓޯތައް ވެސް ހުއްޓެވެ. ކޮންމެ ފޮޓޯއަކުން ތަނާލްގެ ލޮލުގައި އަޅައިގަތީ ހިދާންގެ ހިނިތުންވުމެވެ. ގާތުގައި ވާކަމުގެ އިހުސާސް ކުރެވުނެވެ. ދެމަފިރިންގެ ދެމެދުގައި ބަދަލުކުރެވޭ ސްޓިކީ ނޯޓްތައް ވެސް ރައްކާކޮށްފައި ހުއްޓެވެ. އެކަހަލަ ކުދިކުދި ކަންތަކުން އޭނަ ދެކެ ވާލޯބި ހިދާން ހާމަކުރިއެވެ. އަނެއްކާ ވެސް ދެލޯ ފުރުނީ ތާޒާ ކަރުނުންނެވެ. މިފަހަރު ލޮލުން ފޭބި ކަރުނަ ތިކި ވެއްޓުނީ ފްރޭމް މައްޗަށެވެ. ތުންފިއްތާ ބާރުކޮށްލެވުނީ ގިސްލުމުގެ އަޑު ހިންދާލުމަށެވެ.
ފޮޓޯ އަލްބަމާއި ހަމައަށް ދެވުމުން ތަނާލްގެ ހިތްވަރު އެލުނެވެ. ހަމަހިލާ ކުރިއަށް ދެވޭ ގޮތެއް ނުވިއެވެ. ޅިޔައެޅިފައިވި ހިތުގައި އަޅަމުންދާ ވޭން ބަރުދާސްތެއް ނުކުރެވުނެވެ. ހުރިހާ ފޮޓޯ ފްރޭމެއް އަނބުރާ ފޮއްޓަށް ލަމުން އެނދުގެ ފޭޑީގައި ލެނގިލެވުނެވެ. ދެފައި ގެނެސް މޭގައި ޖައްސާލަމުން ކަކުލުގައި މޫނު ޖައްސާލެވުނެވެ. ހީވީ މީހާ ކުޑަވާން ބޭނުންވެފައި ހުރި ހެންނެވެ. އޭރު ވެސް ހުއްޓުމެއް ނެތި ތަނާލްގެ ދެލޮލުން ކަރުނަ ފައިބައެވެ. ވޭނުގައި ހަފުސްވަމުން ދަނިކޮށް މަރާލެވިފައިވި އެސްފިޔަތަކުގެ ތެރޭން އޭނައަށް ސިފަކުރެވުނީ ޒަރާރްގެ ފިރިހެންވަންތަ ސޫރައެވެ. އެފުރިހަމަ ހިނިތުންވުމެވެ. ތޫނިފިލި ދެލޮލުން ފާޅުވާ އޯގާތެރިކަމެވެ. އޭނަގެ ތަބީއަތަށް އަންނަ ބަދަލުތައް ފަސޭހަކަމާއެކު ޒަރާރް ދެނެގަންނަ ގޮތެވެ. ޕެނިކް އެޓޭކެއް ޖެހުނު ދެފަހަރު ވެސް ވެދިން އިހުސާސްތެރިކަމެވެ. ވިލާތަކުން ފެންނަ މަންޒަރުތައް ސިފަކޮށްދޭން ބުނި ދުވަހުގެ ހަނދާންތައް ވެސް އާލާވާން ފެށިއެވެ. އެއާއެކު ތަނާލްގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ގެނެސްދިނެވެ. ޒަރާރްގެ ސަމާސާތައް ކަންފަތުގައި ގުގުމާލިއެވެ. އޭނަ ދައްކާ ކޮންމެ ވާހަކައަކަށް ދޭ ސަމާލުކަން ތަސައްވަރުކުރެވުނެވެ. ދެޒުވާނުން ބައްދަލުވިތާ އަދި ގިނަ ދުވަހެއް ނުވެއެވެ. އެހެނަސް އޭނަގެ ހަޔާތުން ޒަރާރްއަށް ހާއްސަ މަޤާމެއް ދެވިއްޖެއެވެ.
ހަމަހިމޭންކަމުގެ ތެރެއިން ވަގުތު ފާއިތު ވިއެވެ. ތަނާލްގެ ދެލޮލުން ފޭބި ކަރުނަތަކަށް ނިމުމެއް އަތުވެއްޖެއެވެ. ނަމަވެސް މޫނުމަތިން ފެންނަ މޮޅިވެރިކަމަށް ބަދަލެއް ނާދެއެވެ. އެނދުގެ އަރިމަތީ ކަބަޑު މަތީ އޮތް ފޯނު ނަގަމުން ޒަރާރްއާ ދެމެދު ބަދަލުކުރެވިފައި ހުރި މެސެޖުތައް ތަނާލް ބެލިއެވެ. އެމެސެޖުތައް ބެލުމުން ތުންފަތަށް ހިނިތުންވުމެއް ގެނެސްދިނެވެ. އެކަންތައް ވީ ނިއުޅެމުންދާ ހަޤީޤަތަށް ލޯހުޅުވުމަށް މަޖުބޫރުކުރުވި ކަމެކަށެވެ.
ތަނާލްއަށް މޭގައި އަތްތިލަ ޖައްސާލެވުނެވެ. ހިތުގެ ތެޅުން އިހުސާސްކޮށްލުމަށެވެ. ކުރިން އަވަސްވެފައިވި ވިންދުތައް ވެސް ހަމައަކަށް އެޅިއްޖެއެވެ. ޒަރާރްއާއެކު ހޭދަކުރެވުނު ވަގުތުތައް ޚިޔާލަށް ގެނެވުމުން ލިބުނު އުފާވެރިކަން އޭނައަށް އޮޅުވައެއް ނުލެވުނެވެ.
ވިސްނަމުން ގޮސް ބޮލުގައި ރިއްސަން ފެށުމާއެކު ރާނިޔާއަށް ތަނާލް މެސެޖެއް ފޮނުވާލިއެވެ. އެހަފްތާގައި އޮތް އެޕޮއިންޓްމެންޓް އަވަސްކޮށްލުމަށް އެދިއެވެ. މެސެޖުކުރިތާ ފަސްވަރަކަށް މިނެޓް ފަހުން ރާނިޔާގެ ޖަވާބެއް ލިބުނެވެ. މާދަމާ ހަވީރަށް އެޕޮއިންޓްމެންޓް ބަދަލުކޮށްލެވިދާނެ ކަމަށް ބުނެއެވެ. ވަގުތުން ތަނާލް އެއްބަސްވިއެވެ. އޭނަ ހުރީ މީހަކާ ވާހަކަދައްކާލަން ބޭނުން ވެފައެވެ. އުތުރިއަރަމުންދާ ޖަޒުބާތުތަކުގެ ސިއްރު ހޯދުމަށެވެ. އޭރު ވެސް ސިކުނޑީގެ ކަނަކުން ހަޤީޤަތަށް ހަނާ އަޅަމުން ދިޔަ އެވެ. ބޯހަރުކަމުގެ ސަބަބުން، ތަނާލް ހުރީ ޤަބޫލުކުރަން ތައްޔާރު ހާލަތެއްގައެއް ނޫނެވެ.
*****
''ކިހިނެއްތަ؟...'' ތަނާލްގެ ފަރާތުން ފެނުނު ހިމޭންކަމުން އިސްވެ ވާހަކަދެއްކީ ރާނިޔާއެވެ. ''މިއަދު ވިއްސާރަ ދުވަހެއްނު، ކިހިނެއް ވާނެ މާހައުލު ބަދަލުކޮށްލިއްޔާ؟...''
ހައިރާންކަމާއެކު ރާނިޔާއަށް ތަނާލް ބަލައިލިއެވެ. ހަތަރުފާރުތެރޭ ބަންދުވެފައިވާ ކަމުގެ އިހުސާސް ކުރެވެމުން ދަނިކޮށް، ބޭރަށް ނިކުމެލަން ލިބުނު ދައުވުތު ވަގުތުން ޤަބޫލުކުރެވުނެވެ.
''މަތީގަ ހުންނާނަ އޯޕެން އޭރިޔާއެއް، އެތަނަށް ދަމާ...'' ރާނިޔާ ހިނިތުންވެލިއެވެ. ''ބޯނެ އެއްޗެއް ގެންނަން ވާނެއެއްނު، ކޮފީއެއް ރަނގަޅުވާނެދޯ؟...''
އެއްބަސްވުމުގެ ގޮތުން ތަނާލް ބޯޖަހާލިއެވެ. ރާނިޔާގެ ފަހަތުން ތެރަޕީ ރޫމުން ތަނާލް ނިކުތެވެ. މައްޗަށް ދެވެން ހުރި ސިޑިން އެރުމުގެ ކުރިން ރާނިޔާ ފުރަތަމަ ދިޔައީ ޕޭންޓްރީ އަށެވެ. އެތަން ބަލަން ހުރެފައި ތަނާލް ވެސް ހިނގައިގަތެވެ.
ޕޭންޓްރީއަށް ވަން އިރު ރާނިޔާ އުޅުނީ ކޮފީ ތައްޔާރުކުރާށެވެ. ފަސްއެނބުރި ތަނާލްއަށް ބަލަމުން ކޮފީ ބޮނީ ކިހިނެއްތޯ ސުވާލުކޮށްލިއެވެ.
ކޮފީ ތައްޔާރުކޮށްގެން ރާނިޔާއާއި ތަނާލް ދިޔައީ ކްލިނިކްގެ މަތީ ފަންގިފިލާގައި ހުރި ހާމަފެންޑާއަށެވެ. އެއީ ޖާގައިގެ ގޮތުން ކުޑަ ތަނެކެވެ. ހާމަފެންޑާގެ އަރިމައްޗަށް ވާހެން ހިޔާކޮށްފައި ހުއްޓެވެ. އެތަނުގައި ހަމަޖެހިލައިގެން އިށީނދެވޭނެހެން ސޯފާއަކާއި ސަރަންފީއެއް ހުއްޓެވެ. ދެން ހުރި ޖާގަ ފުރާލާފައިވަނީ މާގަސްތަކުންނެވެ. ޕޮޓްތަކުގައި ހުރި ކުލަކުލައިގެ ފިނިފެންމަލާއި، ބޯގަންވިލާއިން މާހައުލަށް ދިރުން ގެނެސްދެއެވެ. ހަމައެއާއެކު ތުނިކޮށް ވެހެމުންދާ ވާރެގެ އަޑު މެދުކެނޑުމެއް ނެތި އިވިއިވި ހުއްޓެވެ.
ސޯފާގައި އިށީންނަމުން އަތުގައި އޮތް ކޮފީ ޖޯޑަށް ނަޒަރު ހުއްޓައިގެން ތަނާލް އިނެވެ. ވައިގެ ތެރެއަށް ހިނދިގެންދާ އާވިއަށް ބަލަހައްޓައިގެންނެވެ. ރާނިޔާއާއި ހިއްސާކުރަން އެތައް ވާހަކައެއް ހުރިމަމުގައި ވިޔަސް ފަށާނެ ގޮތެއް އޭނައަށް ނޭނގެނީއެވެ. އެކަމާ އޭނަ ކުރިމަތިލާންވީ ކިހިނެއް ހެއްޔެވެ؟
''ރީތި ދުވަހެއް ދޯ... ވިއްސާރަ ދުވަސްތަކާ މެދު ތަނާލް ދެކެނީ ކިހިނެއްތަ؟...'' ރާނިޔާ ސުވާލުކޮށްލިއެވެ. އޭނަގެ މަޤުސަދަކަށްވީ ތަނާލް ލައްވާ ވާހަކަދެއްކުމެވެ. މޫސުމުން ފަށައިގެން ލަސްލަހުން މައުޟޫޢަށް ދިއުން އެއީ ރާނިޔާގެ އަމާޒެވެ.
''ކަމުދޭ، އެކަމަކު ބޭނުން މޫސުން ރަނގަޅުވާން...'' ކޮފީގެ ރަހަ ބަލަމުން ތަނާލް ބުނެލިއެވެ. މަގުގައި ދެއަތުން ހިފަހައްޓައިގެން ހުރުމުން ފަޒާއަށް ވެރިވެފައި އޮތް ފިނިކަމާ ކޮންމެވެސް ވަރަކަށް ދުރަށް ގެންގޮސްދިނެވެ.
''ކަމެއް ޕްލޭންކުރީތަ؟...'' ރާނިޔާ އެހިއެވެ.
''ލައްބަ...'' މީޓިއޯރ ޝަވާރ ނައިޓަށް ޒަރާރް ދިން ދައުވަތާ މެދު ވިސްނަމުން ތަނާލް ބުންޏެވެ. ހިތުގެ އުދާސްތައް އިންތިހާއަށް ގިނަވެފައި ވިޔަސް ޒަރާރްގެ ދައުވަތާއި ދެކޮޅު ހަދަން ތަނާލް ބޭނުމެއް ނޫނެވެ. އެކުވެރިކަމަށް ހީނަރުކަމެއް ގެންނަން ވެސް މެއެވެ. މިހާރު ވެސް ޒަރާރް ވިސްނަންޖެހޭ ކަންތައް ގިނައެވެ. އޮފީހުގެ މަސައްކަތްތަކާއި ދައްޔާނާއި އޮތް ގުޅުމާމެދު ހުރި ކަންބޮޑުވުންތައް ޒަރާރް ވަނީ އޭނައާއި ހިއްސާކޮށްފައެވެ. އޭނަ ނޫނިއްޔާ ޒަރާރްގެ ގާތް ރަހުމަތްތެރިއަކު މިވަގުތު ނެތެވެ. އެކުވެރިޔަކަށް ޒަރާރް ބޭނުންވެފައިވާ ނާޒުކު ދަނޑިވަޅުގައި ދުރަށް ދާން ހަމަހިލާ އޭނަގެ ޒަމީރު އެއްބަހެއް ނުވިއެވެ. އެގާތްކަން ޚުދު އޭނައަށް ވެސް މުހިންމުވެފައި ވީތީއެވެ. އެކަނިވެރިކަމުގެ ދުނިޔެއަށް އަރަގުވެގެން ދާން ފުރުސަތު ދެވޭނީ ފަހެ ކިހިނެއް ހެއްޔެވެ؟
''ކަމެއް ރާވާލާ އައުކަމެއް ތަޖުރިބާކޮށްލުމަކީ ސިކުނޑީގެ ހަލަބޮލިކަމާ ދުރަށް ގެންގޮސްދޭ ކަމެއް...'' ރާނިޔާ ބުނެލުމާއެކު، އެއްބަސްވުމުގެ ގޮތުން ތަނާލް ބޯޖަހާލި އެވެ. އެއަށްފަހު ތިރީތުންފަތުގައި ދަތްއަޅާލަމުން ވެހެމުންދާ ވާރެއަށް ނަޒަރު ހިންގާލިއެވެ. ދެން ފާއިތުވެގެން ދިޔައީ ހިމޭންކަމުގެ ސުކޫތެކެވެ. ތަނާލްއަށް ހީވީ ގަރުނެއް ފާއިތުވި ހެންނެވެ.
''ސިކުނޑީގައި ޚިޔާލުތައް ގިނަވެއްޖެ، ހުރިހާކަމެއް ބުނެދޭނެ ގޮތެއް ނޭނގޭ...'' ރާނިޔާއަށް ބެލުމެއް ނެތި ތަނާލް ބުންޏެވެ. ކުރިމަތީ ހުރި މޭޒު މަތީ ކޮފީ މަގު ބަހައްޓަމުން މޭގައި ދެއަތް ހުރަސްކޮށްލެވުނެވެ.
''ތަނާލްއަށް ފަސޭހަ ވާނެ ގޮތަކަށް ބުނެދޭނެވެހެން ހީވޭތަ؟، ހުރިހާ ވާހަކައެއް އަހަންނަށް ކިޔާނުދެވުނަސް އެއީ މައްސަލައެއް ނޫނޭ، ބައެއް ކަންތައް ހިއްސާކުރަން ވަގުތު ބޭނުންވާނެ...'' ރާނިޔާ ބުނެލިއެވެ.
ހަށަމުން އަތް ތިލިކޮށްލަމުން ތަނާލްއަށް ދެއަތްތިލަ ޖޯޑުކޮށްލެވުނެވެ. އިށީނދެގެން އިން ގޮތް ވެސް ބަދަލުކޮށްލިއެވެ. ރާނިޔާއަށް އޭނަ ބަލައިލިއިރު ރާނިޔާގެ މޫނުމަތިން ފެނުނީ ހިނިތުންވުމެކެވެ. ރާނިޔާގެ ފުރިހަމަ ސަމާލުކަން ދެވިފައިވަނީ ތަނާލް އަށެވެ.
''އަހަރެން...'' ތަނާލްއަށް އޭނަގެ ޖުމްލަ ފުރިހަމަކުރުން ފަސޭހައެއް ނުވިއެވެ. ދުލާ ހަމައަށް ލަފުޒުތައް ގެނައުންވީ ވޭނަކަށެވެ.
''ވީ ހޭވް ޓައިމް، ނޯ ނީޑް ޓު ރަޝް... އެޕޮއިންޓްމެންޓް އަވަސްކޮށްލަން އެދުނީ އުނދަގޫކުރަމުންދާ ޚިޔާލުތައް އިތުރު މީހަކާ ހިއްސާކޮށްލަން ބޭނުންވީމައެއްނު، ދެޓް އިޓް ސެލްފް އިޒް އެ ގުޑް ތިންގް...'' ރާނިޔާ ހިތްވަރުދިނެވެ.
ތަނާލްގެ ނަޒަރު ހުއްޓުނީ މޭޒުމަތީ ހުރި ކޮފީ މަގަށެވެ. އިރުގަނޑެއް ވަންދެން ހަރަކާތެއް ގެންނަން ނޭނގިފައި އިނދެވުނެވެ.
''ވަޓް އިފް އިޓް ޗޭންޖެސް ހައު އައި ސީ މައި ސެލްފް؟...'' ތަނާލްގެ އަޑު މަޑެވެ. ހިތުގައި ވަންހަނާވެފައިވި ބިރުވެރިކަން އޭނައަށް ބަންޑުންކޮށްލެވުނެވެ.
''އޭގެ މާނައަކީ މުސްތަޤުބަލާ މެދު ދެކެވެން ފަށައިފިއޭ، ކޮންމެ ބަދަލަކީ ގޯސްބަދަލެއް ނޫން، ކުރިއަށް ދިއުމަށް ލިބޭ ހިތްވަރަކަށް އެކަންތައް ވެގެންދޭ...'' ރާނިޔާގެ އަޑަށް ވެރިވީ އޯގާތެރިކަމެވެ. ތަނާލްގެ މޫނަށް ބަލައިލުމުން ވެސް އަމިއްލަ ނަފުސާ ވަރުގަދަ ހަނގުރާމައެއް ކުރަމުންދާ ކަމުގެ ކޮޅުމަތި ރާނިޔާއަށް ފެނުނެވެ. އޭނަ އަލިއަޅުވާލަން ބޭނުންވީ އިހުސާސްތަކަށް ފުރަގަސްދިނުމުގެ ބަދަލުގައި އެކަމާ ކުރިމަތިލުމުގެ މުހިންމުކަމަށެވެ.
ހަމަހިމޭންކަން މާހައުލަށް ފެތުރިއްޖެއެވެ. ވެހެމުންދާ ވާރޭގެ އަޑު ފިޔަވައެވެ. އެހިމޭންކަމުގެ ތެރޭން ހިތުގެ ތެޅުމުގެ އަޑު ތަނާލްއަށް އިވުނެވެ. އެއްޗެއް ބުނަން ތުންފަތް ހުޅުވާލެވުނެވެ. އެހެނަސް އަޑެއް ނުނިކުތެވެ. އެގޮތުގެ މަތީން އިރުގަނޑެއް ފާއިތުވިއެވެ. ސިކުނޑީގައި އުފެދިފައިވި ހައިޖާންގަނޑު ދުލާ ހަމައަށް ގެނެވޭނެ ގޮތެއް ވޭތޯ ބެލިއެވެ.
''ބުނަން ވަރަށް އުނދަގޫ...'' ތަނާލް ހާމަކުރިއެވެ.
''އަހަންނާ ހިއްސާކުރަން ބޭނުންތަ؟...'' ރާނިޔާ ބުންޏެވެ.
''ބޭނުން...'' ތަނާލް ފުންނޭވާއެއް ދޫކޮށްލިއެވެ.
''ބުނަން ބޭނުންވަނީ ކީކޭކަން ތަނާލްއަށް އެނގޭތަ؟...'' ރާނިޔާ ސުވާލުކޮށްލިއެވެ.
''ހޫމްމް...'' އަތްތިލަ މޮޑެލަމުން ތަނާލް ބުނެލިއެވެ.
''ކޮންކަމަކާތަ ފަސްޖެހެނީ؟...'' ރާނިޔާ އެހިއެވެ.
''ތެދު ބުނެފިއްޔާ އެކަން ހަޤީޤަތަކަށް ވެދާނެތީ...'' އިސްއުފުލުމެއް ނެތި ތަނާލް ބުންޏެވެ. އޭނަގެ މުޅި ވުޖޫދަށް ވަރުގަދަ އިންޤިލާބެއް އައިސްފައިވާ ކަހަލައެވެ. އުތުރިއަމުންދާ ޖަޒުބާތުތައް އޭނައަށް ސިފަވަނީ ގޯހެއްގެ ގޮތުގައެވެ. ހިދާންއަށް ވެވޭ ބޭވަފާތެރިކަމެއްގެ ގޮތުގައެވެ. ހަމައެއާއެކު ޒަރާރްއަކީ އޭނަގެ އެކުވެރިޔެކެވެ. އެފަދަ އިހުސާސަކަށް ވިންދު ޖެހުމުގެ ޖާގަ ދިނުން ހެޔޮ ނުވާނެއެވެ.
''ތަނާލް ބޭނުންވޭތަ ފީލިންގްސްތަކާ މެދު ވާހަކަދައްކާލަން؟...'' ރާނިޔާ ބުނެލިއެވެ. ކޮފީ މަގު ތުނބުގައި ޖައްސާލަމުން ތަނާލްއަށް ބަލަހައްޓައިގެން ރާނިޔާ އިނެވެ.
ދެލޯމަރާ ތަގުޅިކޮށްލަމުން ތަނާލް ބޯޖަހާލިއެވެ. އަމިއްލަ ނަފުސު ތައްޔާރުކޮށްލުމަށްޓަކައި ދިގު ނޭވާއެއް ވެސް ދޫކޮށްލެވުނެވެ. ހިމޭންކަމަށްފަހު ލޯހުޅުވާލައި ރާނިޔާއަށް ތަނާލް ބަލައިލީ މުޅިން ތަފާތު އަޒުމަކާއެކުގައެވެ. ބިރުވެރިކަމާ ކުރިމަތިނުލާހާ ހިނދަކު ކުރިއެރުމެއް ނުލިބޭނެތީއެވެ.
''އަހަންނަށް، އަހަންނަށް ހީވަނީ ހިދާން ނޫން އިތުރު މީހަކާ މެދު ވިސްނެން ފަށައިފިހެން...'' ތަނާލް އެންމެފަހުން އެއްބަސް ވިއެވެ. ހިތުގެ އުދާސްތައް ހާމަކުރެވުމުން އޭނަ ހީކުރިހެން ދުނިޔެ ޤިޔާމަތެއް ނުވިއެވެ. ދުނިޔެ ހަމަ އޭގެ އުސޫލުން ކުރިއަށް ދިޔަ އެވެ. މެޔަށް އަރާފައި ހުރި ބާރަށް ލުޔެއް ލިބުނެވެ.
''އެކަމާ ތަނާލް ދެކެނީ ކިހިނެއްތަ؟...'' ތަނާލް ހާމަކުރި ހަޤީޤަތަށް އަލިއަޅުވާލަމުން ރާނިޔާ ބުނެލިއެވެ. އެކަމާ ކުރިމަތިލުން ތަނާލްއަށް ފަސޭހަކޮށްދޭން ރާނިޔާ ވާހަކަ ކުރިއަށް ގެންދިޔައެވެ.
''ގިލްޓީ؟...'' އިސްއުފުލަމުން ތަނާލް ބުނެލިއެވެ.
''ގިލްޓީ؟... އެހެން ހީވަނީ ކީއްވެގެންތަ؟...'' ރާނިޔާ ބުނެލިއެވެ.
ރާނިޔާގެ ސުވާލަށް ދޭންޖެހޭ ޖަވާބު ތަނާލްއަށް އެނގެއެވެ. ހިދާންއަކީ އޭނަގެ ފުރަތަމަ ލޯތްބެވެ. ފިރިމީހާއެވެ. އެހިތް ފުރިފައިވަނީ އެލޯބިންނެވެ. އެހެންވީއިރު އިތުރު މީހަކަށް އެހިތުގައި ވިންދު ޖެހުން އެއީ ކިހިނެއްވާނެކަމެއް ހެއްޔެވެ؟ އެފަދަ އިހުސާސެއް ޤަބޫލުކުރާނީ ވެސް ކިހިނެއް ހެއްޔެވެ؟ އަދިވެސް އޭނަ ލޯބިވަނީ ހިދާން ދެކެއެވެ. ނިމުމެއް ނުވާނެ އިންތިޒާރެއްގައި ގައިދުވެފައިވާ ސަބަބަކީ އެއީއެވެ.
''ދިރިއުޅުމުގައި އެއް ހިސާބެއްގައި ހުއްޓި ހުރުމަކީ ވަރަށް ނާދިރު ކަމެއް، ވަގުތާ ހާލަތުން އަންނަ ބަދަލުތަކާ ކުރިމަތިލާން ވެސް ޖެހޭނެ، ތަފާތު މީހުންނާ ވެސް ދިމާވާނެ، އެންޑް ސަމް އޮފް ދެމް އާ މީންޓް ޓު ސްޓޭއި... އެފަދަ ހާލަތެއްގައި ތިމާ ހީނުކުރާ ފަދަ ބަދަލުތަކެއް އަތުވެދާނެ... އިހުސާސްތައް ހޭލަން ފަށާފާނެ... އެކަމަކު އެކަމަށް ފިލުމަށް ވުރެން ބުއްދިވެރި ގޮތަކީ ކުރިމަތިލުން، ފަހަރެއްގައި އެއީ ރަނގަޅު ބަދަލަކަށް ވެސް ވެދާނެ، ފަހުން އެކަމާ ވިސްނައި ދެރަވުނުވާނީ އޭރުން... ތަނާލް، އެހެން މީހަކާ މެދު ޝައުޤުވެރިކަން އުފެދުމަކީ ގޯހެއް ނޫނޭ، އެކަނިވެރިކަމާ ދުރުވެލަން އެލިބޭ ފުރުސަތުން ހީނުކުރާ ކަހަލަ ބަދަލުތަކެއް އަތުވެދާނެ...'' ލުއި ހިނިތުންވުމަކާއެކު ރާނިޔާ ބުންޏެވެ. ތަނާލް އަޑުއަހަމުން ދިޔަ އެވެ.
''އެފަދަ ގޮތަކަށް އެހެން މީހަކާ މެދު ދެކެން އަހަރެން ބޭނުމެއް ނޫން...'' ތަނާލްގެ ޖުމްލައިގައި ހަރުކަށިކަމެއް ވިއެވެ.
''ތަނާލް...'' ރާނިޔާ ގޮވާލިއެވެ. ''އެހެން މީހަކާ މެދު ވިސްނެން ފެށުމަކީ ހިދާންއަށް ބޭވަފާތެރި ވުމެއް ނޫނޭ، އިހުސާސްތަކަކީ ބަދަލުވާ އެއްޗެއް، ދުނި އުމުރަށް އެއްގޮތަކަށް އިހުސާސްތައް ދެމިގެން ނުދާނެ، ވަގުތާ ހާލަތުން އެކަމަށް ބަދަލު އަންނާނެ، ހަމައެއާއެކު އެހެން މީހަކު ދެކެ ލޯބިވުން ނުތަނަ އެހެންމީހަކާ އެކު ހަޔާތެއް ފަށަން ގަސްދުކުރުމަކީ ކުރީގެ ލޯބި އުނިވެގެންދާނެކަމެއް ނޫން، ބޭނުންވަނީ ފިނި ހިތިކާއެކު ހުރިހާ ކަމަކަށް ވިސްނުން ހިންގާލުން...''
''ވަޓް ޝުޑް އައި ޑޫ؟...'' ތަނާލްގެ އަޑުގައި ވަނީ އާދޭހެވެ.
''މިއަދު ނޫނީ މިވަގުތު ނުޖެހޭނެ އެއްވެސް ކަމެއް ކުރާކަށް... ބޭނުންވަނީ މުޅިން އެހެން ނަޒަރަކުން ހަޔާތާ މެދު ވިސްނާލުން... އިހުސާސްތައް ވާނަމަ އެކަމާ ފާޅުގައި ދެކޮޅު ހެދުމުގެ ބަދަލުގައި އެއިހުސާސްތަކުން ބުނެދޭ ހަޤީޤަތަށް ފިކުރު ހިންގާލަންވާނެ...'' ރާނިޔާ ބުންޏެވެ.
ރާނިޔާއަށް ބަލަމުން ތަނާލް ބޯޖަހާލިއެވެ. ރާނިޔާ އެދިނީ ރަނގަޅު ނަސޭހަތަކެވެ. ނަފުސުގެ ހަމަޖެހުން ގެއްލުނީ ވެސް ހަޤީޤަތަށް ފިލަން ހަދައިގެންނެވެ. ތަންކޮޅެއް ކުރިން ރާނިޔާ ހިއްސާކޮށްފައިވާ ކަންތަކާ މެދު ތަނާލްއަށް ފިކުރުކޮށްލެވުނެވެ. ކުރިއަށް ދިއުމަކީ ހިދާންއަށް ވެވޭނެ ބޭއިންސާފެއް ނޫންކަމެވެ. ހިދާން ނެތް ދުނިޔެއެއްގައި ދިރުއުޅުމާ ކުރިމަތިލުމަށް އެދޭނެ މިންވަރެވެ. އެލޯތްބަކީ ފަނޑުވުމެއް ނެތި ހިތުގެ ހިމަނާރުތަކުގައި ލިޔެވިފައި އޮތް ލޯތްބެއް ކަމެވެ. ހަމައެއާއެކު އެހިތުން އިތުރު މީހަކަށް ޖާގަ ދެވުން އެއީ މުސްތަހީލުކަމެއް ނޫންކަމެވެ.
''ޑޯންޓް ސްޓްރެސް ޔޯސެލްފް... ބީ ކިއުރިއަސް އިންސްޓެޑް...'' ތަނާލްގެ ނިތްކުރިއަށް ޖަމާވެފައިވި ރޫތައް ފެނި ރާނިޔާ ބުނެލިއެވެ. އޭނަ ދެން އިޝާރާތްކޮށްލީ ހީހޫވަމުންދާ ކޮފީ މަގަށެވެ.
(ނުނިމޭ)
ފުރުސަތު މި އެދޭ