ލައްކަ އަކާ ހަމައަށް ޖޫރިމަނާ ކުރެވޭގޮތަށް ކަނޑައަޅައި، ރާއްޖޭގައި ބޭނުންކުރާ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް މަދުކުރުމާ ގުޅޭ ގަވާއިދު މިއަދު އާއްމު ކޮށްފިއެވެ.

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނަޖީއިން އެކުލަވާލައި އާއްމު ކޮށްފައިވާ، އެގަވާއިދުގެ މަގުސަދެއް ކަމަށް ބުނެފައިވަނީ، ރާއްޖޭގެ އެކްސްޕޯޓު އިމްޕޯޓު ގާނޫނުގެ ހަތް ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިހުތިޔާރާއި ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ނެރޭ ގަރާރުން މަނާކޮށްފައިވާ ސިންގަލް ޔޫސް ޕްލާސްޓިކް ރާއްޖޭގައި އުފެއްދުން ނުވަތަ އެތެރެކުރުން ނުވަތަ ބާޒާރަށް ނެރުން ހުއްޓުވުމާއި ފިޔަވަޅު އެޅުން ކަމަށެވެ.

އެ ގަވާއިދުގައި ވަނީ ރާއްޖޭގައި ބޭނުންކުރާ ޕްލާސްޓިކުގެ ތެރެއިން ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕްލާސްޓިކް 2030 ގެ ނިޔަލަށް މަދުކުރުމަށް އެކަމާ ގުޅޭ ފޭސްއައުޓް ޕްލޭނެއް އެ ގަވާއިދަށް އަމަލުކުރަން ފަށާތާ 12 މަސް ދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވާލައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންވާނެ ކަމަށެވެ.

އެ ޕްލޭން އެކުލަވާލަން ވާނީ ޕްލޭނުގައި ހިމެނޭ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތައް މަދުކުރުމުގެ ސަބަބުން ތިމާވެއްޓާއި އިގުތިސޯދަށް ކުރާނެ އަސަރަށް ރިއާޔަތް ކުރުމަށް ފަހު، ކަމާ ގުޅޭ އެންމެހާ ފަރާތްތަކުގެ މަޝްވަރާއާ އެކުގައި ކަމަށްވެސް ބުނެފައިވެއެވެ.

އެޕްލޭނުގައި ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތައް މަދުކުރުމުގެ ސަބަބުން އޭގެ ބަދަލުގައި ބޭނުންކުރެވޭނެ އެހެން ތަކެތި ލިބެން ހުރި މިންވަރަށް ރިއާޔަތް ކުރަންޖެހެއެވެ. އަދި އެކަމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް މިނިސްޓްރީން ރާވައި ހިންގަން ވާނެ ކަމަށް ވެސް ބަޔާންކުރެއެވެ.

އެ ޕްރޮގްރާމުގައި ހިމެނެންޖެހޭ ކަންތައްތަކުގެ ތެރޭގައި، ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތް މަނާކުރަން ކަނޑައެޅި ސަބަބާއި މަނާކުރާ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތުގެ ބަދަލުގައި ބޭނުންކުރެވިދާނެ ތަކެއްޗާއި ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތައް މަނާކުރަން ކަނޑައަޅާފައިވާ ތާރީހުތައް ދުރާލާއި ހަނދާންކޮށްދޭނެ ގޮތްތައް ހިމެނެއެވެ.

މި ގަވާއިދު ނުހިނގާ ތަންތަން ކަމަށް ބަޔާންކޮށްފައިވަނީ، ބައިނަލްއަގްވާމީ އެއާލައިންތަކުގައި ޝިޕްސްޓޯގެ ގޮތުގައި ބޭނުންކުރުމަށް ގެންނަ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކާއި ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުން ޑިއުޓީ ފްރީ ފިހާރައިގެ ސަރަހައްދުގައި ބޭނުންކުރުމަށް ގެންނަ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކެވެ.

ރައީސްގެ ގަރާރުން މަނާކުރާ ޕްލާސްޓިކް ކޮތަޅުގެ ތެރެއިން އެފަދަ އެއްޗެއް އެތެރެކުރާ މަރުހަލާ އާއި ބާޒާރަށް ނެރޭ މަރުހަލާގައި އެފަދަ ތަކެއްޗަކީ މަނާ ބާވަތުގެ އެއްޗެއްކަން ކަށަވަރުކުރުމަށް ކޮތަޅުގެ ދިގުމިނާއި ފުޅާ މިން ދެނެގަތުމަށްޓަކައި ކޮތަޅު މިންކުރާނެ ގޮތްތައް ވެސް ގަވާއިދުގައި ހިމަނައިފައިވެއެވެ.

ގަވާއިދުގައިވާ ގޮތުން ކޮތަޅުގެ ސައިޒް މިންކުރުމުގައި ކޮތަޅުގެ ބޯމިން ދެނެގަތުމަށް އެ ކޮތަޅު މިންކުރާނީ ކޮތަޅުގެ އެ ފުށުގެ ބޯމިނުންނެވެ. އަދި ކޮތަޅުގެ އެއް ފުށުގެ ބޯމިންކަމުގައި ބެލެވޭނީ ކޮތަޅުގެ ކޮންމެ ވެސް ހަތަރު ތަނަކުން މިންކުރުމަށް ފަހު އެ އަދަދުތަކުގެ އެވަރެޖް އަދަދަށެވެ. މިގޮތަށް މިންކުރުމުގައި ކޮތަޅުގެ އަތްގަނޑާއި ކަންކަނާއި އަރިމައްޗެއް ނުހިމެނޭނެއެވެ. ގަވާއިދުގައި ވަނީ ކޮތަޅުގެ ބޯމިން ދެނެގަތުމަށް ބޭނުންކުރާ އާލާތަކީ މައިކްރޯނުން މިންކުރުމަށް ބޭނުންކުރާ ފަދަ ހާއްސަ އާލަތަކަށްވާންޖެހޭނެ ކަމަށެވެ.

އެ ގަވާއިދުގައި ވާގޮތުން ސިންގަލް ޔޫސް ޕްލާސްޓިކު އުފައްދާ އަދި ބާޒާރަށް ނެރޭ ފަރާތްތަކުން އެ ގަވާއިދަށް އަމަލުކުރޭތޯ ބެލުމަށް އެތަކެތި އުފައްދާ އަދި ބާޒާރަށް ނެރޭ ތަންތަނާއި ބަލައި ފާސްކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ނުވަތަ އެ އޮތޯރިޓީން ކަނޑައަޅާ ފަރާތްތަކަށް ލިބިގެންވެއެވެ. އަދި އެތަންތަން ޗެކްކޮށް އެކުލަވާލައި ރިޕޯޓަށް ބިނާކޮށް ފިޔަވަޅު އެޅުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

އެ ގަވާއިދާ ހިލާފުވާ ފުރަތަމަ ފަހަރު ނަސޭހަތްތެރިވާނެއެވެ. އަދި ދެވަނަ ފަހަރާއި އޭގެ ފަހުން ގަވާއިދާ ހިލާފުވުން ތަކުރާރުކޮށްފި ކަމުގައިވާ ނަމަ އެކަމެއް ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވުމުގެ އިތުރުން އެތެރެކޮށްފައިވާ އެއްޗެއް ނުވަތަ އުފައްދާފައިވާ އެއްޗެއް ނުވަތަ ބާޒާރަށް ވިއްކަން ނެރޭ އެއްޗެހީގެ އަދަދަށް ބަލައި، ކޮންމެ އެއްޗަކަށް 150ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރާނެ އެވެ. އެ މާއްދާގެ ދަށުން ޖޫރިމަނާގެ އަދަދު 100،000 ރުފިޔާއަށް ވުރެ ގިނަވެގެން ނުވާނެ އެވެ.