އީރާނާއި އިސްރާއީލާ ދެމެދު އުފެދުނު އަސްކަރީ ނުތަނަވަސްކަމާ ގުޅިގެން މެދުކަނޑާލާފައި އޮތް ތެހެރާންގެ އިމާމް ހުމައިނީ އިންޓަނޭޝަނަލް އެއާޕޯޓުގެ އުދުހުންތައް މިއަދު އަލުން ފަށައިފި އެވެ.

އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އާދީއްތަ ދުވަހުން ފެށިގެން އެ އެއާޕޯޓުގެ ހުރިހާ އުދުހުންތަކެއް މެދުކަނޑާލީ އީރާނުން އިސްރާއީލަށް ދިން މިސައިލް ހަމަލާތަކާއި، އޭގެ ރައްދުގައި އިސްރާއީލުން ދިން ހަމަލާތަކާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައެވެ. މި ފިޔަވަޅުގެ ދަށުން އީރާނުގެ ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަނުން ވަނީ މެހެރްއާބާދު އެއާޕޯޓާއި މަޝްހަދު އެއާޕޯޓުގެ އޮޕަރޭޝަންތައް ވެސް ވަގުތީ ގޮތުން ހުއްޓުވައިފައެވެ. ނަމަވެސް މިއަދު ހެނދުނު އިމާމް ހުމައިނީ އެއާޕޯޓުގެ އޮޕަރޭޝަންތައް ވަނީ އާންމު ހާލަތަކަށް ގެނެސްފައި ކަމަށް ހަބަރުތައް ބުނެއެވެ.

އީރާނުގެ މެހެރް ނިއުސް އެޖެންސީއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އިމާމް ހުމައިނީ އެއާޕޯޓް ކުންފުނީގެ އޮޕަރޭޝަންތަކާ ބެހޭ ނައިބު ވެރިޔާ ވިދާޅުވީ އެއާޕޯޓުގެ އުދުހުންތަކާއި ހައްޖުވެރިންގެ ދަތުރުތައް މިހާރު އަލުން ފަށާފައިވާ ކަމަށެވެ. އުދުހުންތައް އަލުން ފެށުމާއެކު ސައުދީ އަރަބިއްޔާއިން ހައްޖުވެރިން ގޮވައިގެން އައި ފްލައިޓުތައް ވެސް މިއަދު ވަނީ ތެހެރާނަށް ޖައްސާފައެވެ.

މިއީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ފަހުގެ ތާރީހެއްގައި މި އެއާޕޯޓު ބަންދުކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން މިދިޔަ އޭޕްރީލް މަހު ވެސް ހަފުތާތަކެއް ވަންދެން އެއާޕޯޓު ބަންދުކުރުމަށްފަހު އަލުން ހުޅުވާފައިވެއެވެ.

މި ކުއްލި މެދުކަނޑާލުމުގެ ސަބަބުން މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އެރި ކަމަށާއި އީރާނުގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން، ބައިނަލްއަގުވާމީ ގިނަ އެއާލައިންތަކަކުން ވަނީ އެ ސަރަހައްދުން ދަތުރުކުރުން ހުއްޓާލާފައި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މިހާރު އުދުހުންތައް ފެށުމާއެކު، އިސްތަންބޫލާއި މަސްކަޓް ފަދަ މަންޒިލްތަކަށް ކުރާ ދަތުރުތައް ވެސް ވަނީ ފަށާފައިވާ ކަމަށާއި އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފެށި ނަމަވެސް، ބައިނަލްއަގުވާމީ ބައެއް އެއާލައިންތަކުން އަދިވެސް އަންނަނީ އީރާނުގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގައި ސަމާލުކަން ދެމުން ކަމަށް ރިޕޯޓްތަކުގައި ވެއެވެ.