ބޮލީވުޑްގެ މަޝްހޫރު ކޮމެޑީ ފްރެންޗައިޒްގެ ހަތަރުވަނަ ފިލްމު "ދަމާލް 4" ސިނަމާތަކަށް ނެރުން އަވަސްކޮށް، އަންނަ މަހުގެ 10 ވަނަ ދުވަހު ފިލްމު ރިލީޒްކުރަން ނިންމައިފިއެވެ.

އަޖޭ ދޭވްގަން، ރިތޭޝް ދޭޝްމުކް، އަރްޝަދު ވާރްސީ އަދި ޖާވޭދު ޖާފަރީ ފަދަ ތަރިން ފެނިގެންދާ މި ފިލްމު ކުރިން ނެރުމަށް ހަމަޖެހިފައި އޮތީ ޖުލައި 17 ގައެވެ. ނަމަވެސް، ފިލްމުގެ ޕްރޮޑަކްޝަން ޓީމާ ހަވާލާދީ ބޮލީވުޑް ހަންގާމާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފިލްމު ނެރުން އަވަސްކުރީ ޖުލައި 10 ގައި ނެރުމަށް ކުރިން ހަމަޖެހިފައި އޮތް ފިލްމު "އަލްފާ" ޖުލައި 3 އަށް ބަދަލުކުރުމާ ގުޅިގެންނެވެ.

ޓްރޭޑް އެނަލިސްޓުން ފާހަގަކުރާ ގޮތުގައި، މި ބަދަލަކީ ބޮކްސް އޮފީހުގައި ބޮޑެތި އެހެން ފިލްމުތަކާ ކުރިމަތިލާން ނުޖެހި، ފިލްމަށް ރަނގަޅު އާމްދަނީއެއް ހޯދުމަށް ލިބޭނެ ފުރުސަތެކެވެ. ހާއްސަކޮށް މިމަހު 26 ގައި ނެރޭ އަކްޝޭ ކުމާރުގެ "ވެލްކަމް ޓު ދަ ޖަންގަލް" އާ ދެމެދު އެކަށީގެންވާ ދުރުމިނެއް ބޭއްވުމަކީ ވިޔަފާރީގެ ގޮތުން މުހިންމު ނިންމުމެއް ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

އިންދްރަ ކުމާރު ޑައިރެކްޓުކުރާ މި ފިލްމުގެ ޝޫޓިން މިހާރު ވަނީ އެއްކޮށް ނިންމާލާފައި ކަމަށް ބޮލިވުޑް ހަބަރުތައް ބުނެއެވެ. މުމްބާއީގައި ހަ މަސް ދުވަހު ކުރިއަށްދިޔަ ޝޫޓިން ނިންމާލުމަށްފަހު، ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްތައް މިހާރު ދަނީ ކުރިއަށް ކަމަށްވެސް ހަބަރުތައް ބުނެއެވެ. "ދަމާލް" ފްރެންޗައިޒްގެ ފުރަތަމަ ފިލްމު 2007 ވަނަ އަހަރު ނެރެފައިވާއިރު، މިއީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ސިލްސިލާއެކެވެ. މި ފަހަރުގެ ފިލްމުން ކުރީގެ ތަރިންގެ އިތުރުން އީޝާ ގުޕްތާ އަދި ސަންޖީދާ ޝެއިހް ފަދަ އާ ތަރިންވެސް ފެނިގެންދާނެ ކަމަށް ބޮލީވުޑް ހަބަރުތައް ބުނެއެވެ.

ޕްރޮޑަކްޝަން ޓީމުގެ އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުގައި ބުނެފައިވަނީ، “ޖުލައި 10 ވަނަ ދުވަހަކީ މި ފިލްމަށް އެންމެ އެކަށީގެންވާ ތާރީހު ކަމަށް ގަބޫލުކުރެވޭ ކަމަށާއި މިއީ ފިލްމަށް އިންތިޒާރުކުރަމުން އަންނަ ސަޕޯޓަރުންނަށްވެސް ލިބޭނެ އުފަލަކަށް ވާނެ ކަމަށެވެ.

މި ފިލްމު ޕްރޮޑިއުސްކުރަނީ ޓީ-ސީރީޒް އާއި ދޭވްގަން ފިލްމްސް ގުޅިގެންނެވެ. ފިލްމު ރިލީޒްކުރާ ތާރީހަށް ގެނައި ބަދަލާ ގުޅޭ ރަސްމީ އިއުލާނެއް ވަރަށް އަވަހަށް ނެރޭނެ ކަމަށް ޕްރޮޑަކްޝަން ހައުސްއިން ވަނީ ބުނެފައެވެ.