ޝެޑިއުލްކުރުމުގައި ދިމާވި މައްސަލަތަކަކާއި ފިލްމުގެ ކާސްޓަށް އައި ބޮޑެތި ބަދަލުތަކަކާ އެކުވެސް، "ނޯ އެންޓްރީ 2" ގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާކަން ޑައިރެކްޓަރު އަނީސް ބަޒްމީ ކަށަވަރުކޮށްދީފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ބަޒްމީ ބުނި ގޮތުގައި، ފިލްމުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށާއި، ސައްތައިން ސައްތަ ފިލްމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނެ ކަމަށް ކުރިން އިއުލާނުކުރި ދިލްޖީތު ދޮސާންޖް އަދި ވަރުން ދަވަން ވަނީ އެހެން ފިލްމުތަކަކަށް ވަގުތު ދޭންޖެހުމުގެ ސަބަބުން މި ޕްރޮޖެކްޓުން ވަކިވެފައެވެ. ނަމަވެސް އަރުޖުން ކަޕޫރު އަދިވެސް މި ފިލްމުގައި ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމު ލަސްވަމުންދާ ސަބަބާ ގުޅޭގޮތުން ވާހަކަދައްކަމުން ބަޒްމީ ބުނީ، ބައެއް ފިލްމުތައް އުފެއްދުމަށް ގިނަ ވަގުތު ނަގާ ކަމަށާއި، ނަމަވެސް ފިލްމުގެ ޓީމުން އަންނަނީ އެންމެ ފުރިހަމައަށް މަސައްކަތް ކުރަމުން ކަމަށެވެ. މިއީ އޭނާ ލިޔުނު އެންމެ މޮޅު އެއް ސްކްރިޕްޓް ކަމަށާއި، ފިލްމާ މެދު ވަރަށް ބޮޑު ޔަގީންކަމެއް އޮތް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ޕްރޮޑިއުސަރު ބޮނީ ކަޕޫރު އުފައްދާ މި ފިލްމަކީ 2005 ވަނަ އަހަރު ނެރުނު ކާމިޔާބު ކޮމެޑީ ފިލްމު "ނޯ އެންޓްރީ" ގެ ދެވަނަ ބައެވެ. ސަލްމާން ހާން، އަނިލް ކަޕޫރު އަދި ފަރުދީން ހާން ލީޑު ރޯލު ކުޅުނު ފުރަތަމަ ފިލްމާ ހިލާފަށް، މި ފިލްމުން ފެނިގެންދާނީ މުޅިން އާ ކާސްޓެކެވެ. ފިލްމުގެ ޝޫޓިން ފެށުމަށްޓަކައި، މައިގަނޑު ކާސްޓަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އާ ތަރިން ހޯދުމުގެ މަސައްކަތް ފިލްމުގެ ޓީމުން މިހާރު އަންނަނީ ކުރަމުން ކަމަށް ހަބަރުތައް ބުނެއެވެ.