އީރާނާ ދެކޮޅަށް އިޒްރޭލުން އަސްކަރީ ހަމަލާތައް ކުރިއަށް ގެންދާނަމަ، އެމެރިކާގެ އަސްކަރީ އެހީތެރިކަމާ ނުލައި އިޒްރޭލުން އެކަނި ހަނގުރާމަ ކުރަން ޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ދެއްވައިފިއެވެ.

އެމެރިކާގެ ނޫހެއް ކަމަށްވާ އެކްސިއޯސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓްރަމްޕް މި އިންޒާރު ދެއްވާފައިވަނީ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅެއްގައެވެ. އެކްސިއޯސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވި ގޮތުގައި، ނަތަންޔާހޫ ވަރަށް ބޮޑަށް ސަމާލުވުމަށާއި އެހެން ނޫންނަމަ ވަރަށް އަވަހަށް އިޒްރޭލު އެކަނިވެދާނެ ކަމަށެވެ. މި އިންޒާރު ދެއްވާފައިވަނީ އިޒްރޭލުން ލުބުނާނުގެ ބެއިރޫތަށް ދިން ހަމަލާތަކަކާ ގުޅިގެން އީރާނުން ރައްދުގައި ހަމަލާދީފައިވާ ދަނޑިވަޅެއްގައެވެ.

މި މައްސަލައިގައި މެދުއިރުމަތީގެ ފަސް ގައުމަކުންނާއި އީރާނުން ވެސް ވަނީ އިޒްރޭލުގެ ހަމަލާތައް ހުއްޓުވުމަށް ނަތަންޔާހޫއަށް ބާރުއެޅުމަށް ޓްރަމްޕްގެ ކިބައިން އެދިފައެވެ.

ޓްރަމްޕްގެ މި އިންޒާރަކީ، އާންމުކޮށް އެމެރިކާއިން އިޒްރޭލަށް ދެމުން އަންނަ ޝަރުތުނުކުރާ އަސްކަރީ އެހީތެރިކަމާ ހިލާފު، އަދި ދެ ގައުމުގެ ދެމެދުގައިވާ ހާރިޖީ ގުޅުމަށް ބަދަލުތަކެއް އަންނަމުންދާ ކަމުގެ ނިޝާނެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މިއީ މެދުއިރުމަތީގެ ސަލާމަތީ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމެއް ކަމަށް ވެސް ވަނީ ބެލެވިފައެވެ.

އެކްސިއޯސްއިން އިތުރަށް ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓްރަމްޕްގެ މި އިންޒާރާ އެކު އިޒްރޭލުން އީރާނަށް ދޭން ރާވާފައިވާ ބޮޑު ހަމަލާއެއް ވަނީ މަޑުޖައްސާލައިފައެވެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި އީރާނުން ހަމަލާއެއް ދީފިނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމަށް ނަތަންޔާހޫ ވަނީ ވިދާޅުވެފައެވެ.