އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ)ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން އަޒާން އަހްމަދު ޒުހައިރު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އަޒާން އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ބައްޕަ، އަހްމަދު ޒުހައިރު އަދާކުރައްވަމުން ގެންދެވި ވަޒީފާ ސަރުކާރުން ކުއްލި ގޮތަކަށް އުވާލާފައިވާ ކަމަށެވެ.

އަޒާންގެ ބައްޕަ އަހްމަދު ޒުހައިރަކީ މޯލްޑިވްސް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑު (އެމްޓީއެސްބީ)ގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އޭނާއަކީ އެމްޑީޕީ ސަރުކާރުގައި ސްޓޭޓް މިނިސްޓަރުކަން ކުރެއްވި މީހެެކެވެ.

އަޒާން ވިދާޅުވީ، އޭނާގެ ބައްޕަ އެމްޓީއެސްބީގެ މަގާމަށް އައްޔަންކުރީ އެއްވެސް ސިޔާސީ ޝަރުތެއް ނެތި، ހަމައެކަނި ތަޖުރިބާއަށް ބަލައި އިންޓަވިއު ކުރުމަށްފަހު ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރެއްހާ ދުވަހު އޭނާގެ ބައްޕަ ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވެފައި ނުވާނެކަމަށް އަޒާން ވިދާޅުވިއެވެ.

ނަމަވެސް، މައްސަލަ އުފެދުނީ މިފަހުން އައްޑޫގައި ބޭއްވި ބައި-އިލެކްޝަނެއްގައި، އާއިލީ ގުޅުން އޮންނަ އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގަށް ތާއީދުކޮށް ބައްޕަ ހަރަކާތްތެރިވުމުން ކަމަށް އަޒާން ވިދާޅުވިއެވެ. އެކަން ކުރީ ކުރިއާލައި މިނިސްޓްރީއަށް އެންގުމަށްފަހު ކަމަށްވީ ނަމަވެސް، ސަރުކާރުގެ ތެރެއިން ބަޔަކު ނުފޫޒު ފޯރުވައިގެން ބައްޕަ ހުރި މަގާމު އުވާލާފައިވާ ކަމަށް އަޒާން ވިދާޅުވިއެވެ.

"މިކަހަލަ ގޮތްގޮތަށް އަމަލުކުރާ ސަރުކާރެއް ތަމްސީލެއް ނުކުރެވޭނެ. އެހެންކަމުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދިނުމަށް ވާނީ ހުށަހަޅާފައި،" އަޒާން ވިދާޅުވިއެވެ.

ސިޔާސީ ވިސްނުން ތަފާތުވުމުގެ ސަބަބުން ވަޒީފާއަށް ނުފޫޒު ފޯރުވުމަކީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށް އަޒާން ވިދާޅުވިއެވެ.