އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑް (އޭއައިއޭ)ގެ ނޮން އެގްޒެކެޓިވް ބޯޑު މެންބަރުގެ މަގާމަށް ފާތިމަތު އާޒިޔާ ފަތުހީ އައްޔަންކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ވަނީ އާޒިޔާ އެ މަގާމަށް އައްޔަންކުރެއްވިކަން ކަށަވަރުކޮށްދީފައެވެ.

އާޒިޔާއަކީ، ޗައިނާގެ ޔުނިވަސިޓީ އޮފް އިންޓަނޭޝަނަލް ބިޒްނަސް އެންޑް އިކޮނޮމިކްސް އިން 2022ވަނަ އަހަރު މާސްޓާޒް އޮފް ވޯލްޑް އިކޮނޮމިކްސް ކޯސް ފުރިހަމަކުރައްވައި، އެންމެ މަތީ ދަރަޖައިގައި ފާސްވެ، އެ ކޯހުން އެއްވަނަ ހޯއްދަވައި، "މޯސްޓް އައުޓްސްޓޭންޑިންގ ސްޓޫޑެންޓް އެވޯޑު" ހާސިލުކުރެއްވި ބޭފުޅެކެވެ.

ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތެއް ނުވަތަ ލެވެލް އަށެއް ނުވަތަ ލެވެލް ނުވައެއްގެ ސަނަދެއް ހާސިލުކުރުމުގައި އެންމެ މަތީ ވަނަ ހޯއްދެވުން ލިބޭ އިނާމުވެސް އާޒިޔާއަށްވަނީ ލިބިވަޑައިގެންފައެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްއިން ދައްކާގޮތުން އޭއައިއޭގެ ބޯޑު މެންބަރުންގެ ގޮތުގައި ފަސް ބޭފުޅުން ތިއްބަވައެވެ. އެ ބޭފުޅުންނަކީ ހުސައިން އަފީފު، އިބްރާހިމް ނޫރައްދީން، އަޒާން އަހުމަދު ޒުހޭރު، މުހައްމަދު ވަހީދު ހުސައިން އަދި އިސްމާއިލް މިއުރާޖެވެ.

އޭގެ ތެރެއިން މުހައްމަދު ވަހީދު ހުސައިންއަކީ، އޭއައިއޭގެ މެނޭޖިން ޑިރެކްޓަރެވެ.