ކަނޑުތަކަށް ކުރިމަތިވެފައިވާ ނުރައްކާތަކާ ދެކޮޅަށް ހަރުދަނާ އަދި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ އެއްބާރުލުން މިހާރަށްވުރެ ބޮޑަށް ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރަމުންދާ އިރު ދުނިޔޭގެ ކުރިމަގަށްޓަކައި ރައްކާތެރި ދުޅަހެޔޮ ކަނޑުތަކެއް ބޭނުންވާ ކަމަށެވެ. އަދި ދިވެހީންނާއި ކަނޑުތަކާ ވަރަށް ބޮޑަށް ގުޅިފައިވާކަން ފާހަގަކުރައްވާ ވިދާޅުވީ، ކަނޑުތަކަށް ކުރާ ނޭދެވޭ އަސަރު ރާއްޖޭގެ އިގުތިސާދަށާއި ކާބޯތަކެތީގެ ރައްކާތެރިކަމަށާއި ދެމެހެއްޓެނިވި ތިމާވެއްޓަށް ކުރާ ކަމަށެވެ.

ދިވެހީންގެ ސީދާ ދިރިއުޅުމާ ގުޅިފައިވާ ކަނޑުތަކުގެ ރައްކާތެރިކަމަށްޓަކައި ރާއްޖެއިންދަނީ ދެމެހެއްޓެނިވި މަސްވެރިކަމާއި ވަރުގަދަ ކަނޑުގެ ދިރާސާތަކާއި ފަރުތަކުގެ ހާލަތު ބެލެހެއްޓުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރަމުން ކަމަށާއި މުރަކަ އާލާކުރުމާއި ދިރާސާގެ މައްޗަށް ބަރޯސާވާ ފިޔަވަޅުތަކެއް މޫސުމީ ބަދަލުތަކާ ދެކޮޅަށް އަޅަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކަނޑުތައް ހޫނުވުމާއި މުރަކަ ހުދުވުމާއި ރަށްގިރުމުގެ ހާދިސާތައް ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންދާ އިރު، ބައިނަލްއަގުވަމީ މުޖުތަމައުން މިހާރަށްވުރެ އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށެވެ. އެހެންކަމުން މިފަދަ ދުވަހެއްގައި ހުރިހާ އެންމެންގެ ކުރިމަގަށްޓަކައި ގުޅިގެން މަސައްކަތް ކުރުމުގެ އަޒުމް އާ ކުރުމަށް އެމަނިކުފާނު ވަނީ ގޮވާލައްވައިފައެވެ.