ޗައިނާގެ ރައީސް ޝީ ޖިންޕިން ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު އުތުރު ކޮރެއާގެ ވެރިރަށް ޕިޔޮންގޔަންގަށް ވަޑައިގެންފިއެވެ.

މިއީ ފާއިތުވި ހަތް އަހަރުގެ ތެރޭގައި އެ މަނިކުފާނު އުތުރު ކޮރެއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ.

ޗައިނާގެ ރަސްމީ ނޫސް އޭޖެންސީ، ޒިންހުއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޝީގެ އަރިހުގައި އަނބިކަނބަލުން ޕެންގް ލިޔުއާން އާއި ޗައިނާގެ ހާރިޖީ ވަޒީރު ވަންގް ޔީ ބައިވެރިވެވަޑައިގަންނަވައެވެ.

ޗައިނާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު މާއޯ ނިންގް ވިދާޅުވި ގޮތުގައި، މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ސަރަހައްދީ ސުލްހައާއި ހަމަޖެހުން ގާއިމުކުރުމަށް މަސައްކަތްކުރުމެވެ.

ޝީ މި ދަތުރުފުޅު ކުރައްވާފައި މިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ރަޝިއާގެ ރައީސް ވްލަޑިމިއ ޕޫޓިންއާ ބެއިޖިންގްގައި ބައްދަލުކުރެއްވިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. މީގެ އިތުރުން، މިއަހަރަކީ ޗައިނާއާއި އުތުރު ކޮރެއާއާ ދެމެދު ގާއިމުކޮށްފައިވާ އެކުވެރިކަމުގެ މުއާހަދާއަށް 65 އަހަރު ފުރޭ އަހަރުވެސް މެއެވެ.

ބައިނަލްއަގުވާމީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ޝީގެ މި ދަތުރުފުޅަކީ އުތުރު ކޮރެއާއިން ރަޝިއާއާ އޮންނަ ގުޅުން ބަދަހިކުރަމުންދާ ދަނޑިވަޅެއްގައި، ޗައިނާގެ ނުފޫޒު އެ ގައުމުގައި ދެމެހެއްޓުމަށް ކުރައްވާ ދަތުރުފުޅެކެވެ. ސޯލްގެ އީވާ ޔުނިވާސިޓީގެ ޕްރޮފެސަ ލީފް-އެރިކް އީސްލީ ފާހަގަކުރެއްވި ގޮތުގައި، މި ދަތުރުފުޅުގެ ސަބަބުން ޗައިނާއާއި އުތުރު ކޮރެއާގެ ގުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. އަދި އިންޓަނޭޝަނަލް ކްރައިސިސް ގްރޫޕްގެ އެނަލިސްޓް ވިލިއަމް ޔަންގް ބުނި ގޮތުގައި، ޗައިނާއިން މަސައްކަތް ކުރަނީ އުތުރު ކޮރެއާ މާ ބޮޑަށް ރަޝިއާއަށް ބަރޯސާވިޔަ ނުދިނުމަށެވެ.

މި ބައްދަލުވުމުގައި ކޮރެއާ ސަރަހައްދުން ނިއުކްލިއަ ހަތިޔާރު ނައްތާލުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެ ކަމަކަށް ތަޖުރިބާކާރުން ނުދެކެއެވެ. ސަބަބަކީ އުތުރު ކޮރެއާއިން އެ ގައުމަކީ ނިއުކްލިއަ ބާރެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ބާރުއަޅަމުންދާތީއެވެ. ޝީ އާއި ކިމް އެންމެ ފަހުން ބައްދަލުކުރެއްވީ މިދިޔަ ސެޕްޓެންބަރު މަހު ޗައިނާގެ ބެއިޖިންގްގައި ބޭއްވި އަސްކަރީ ޕެރޭޑެއްގެ ހަވާސާގައެވެ.