އިންޑިއާގެ ނިއުދިއްލީގައި ކުރިއަށްދިޔަ 8 ވަނަ އިންޑިއާ-އިންޑޮނީޝިއާ ޖޮއިންޓް ކޮމިޝަން މީޓިން (ޖޭސީއެމް) ނިންމާލައި، ދިފާއީ، ވިޔަފާރި އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާކުރުމަށް އެއްބަސްވެއްޖެއެވެ.

ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު އިއްޔެ ބޭއްވި މި ބައްދަލުވުމުގައި ކޯ-ޗެއާ ކުރެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރާއި އިންޑޮނީޝިއާގެ ފޮރިން މިނިސްޓަރު ސުގިއޯނޯއެވެ.

މި ބައްދަލުވުމަކީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު އިންޑޮނީޝިއާގެ ރައީސް ޕްރަބޯވޯ ސުބިއާންޓޯ އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ބަދަހި ގުޅުމުގެ މައްޗަށް ބިނާކޮށް ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ގާއިމުކޮށްފައިވާ ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ޕާޓްނާޝިޕްގެ ދަށުން، ކަނޑުމަތީގެ ސަލާމަތާއި ޑިޖިޓަލް ކަނެކްޓިވިޓީ އާއި ކްރިޓިކަލް މިނަރަލްސް އަދި ބޭހުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ރިޕޯޓުތައް ދައްކާ ގޮތުން 2024-25 ވަނަ މާލީ އަހަރު ދެ ގައުމުގެ ދެމެދުގައި ކުރެވުނު ވިޔަފާރީގެ އަގު 28.15 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާ އިރު، އިންޑޮނީޝިއާއަކީ އާސިއާން ސަރަހައްދުގައި އިންޑިއާގެ ދެވަނައަށް އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާއެވެ.

މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ފަރަގު ކުޑަކުރުމަށްޓަކައި އާސިއާން-އިންޑިއާ ޓްރޭޑް އިން ގުޑްސް އެގްރީމަންޓް މުރާޖައާ ކުރުމަށް ވެސް ވަނީ ނިންމައިފައެވެ. އަދި އިންޑިއާ އާއި އިންޑޮނީޝިއާއާ ދެމެދު ބްރަހްމޯސް ކްރޫޒް މިސައިލް ގަތުމުގެ އެއްބަސްވުމަކާ ގުޅޭގޮތުން ފަހުގެ މަރުހަލާގެ މަޝްވަރާތައް ކުރިއަށްދާކަންވެސް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ވިދާޅުވި ގޮތުގައި ފަހުގެ އަހަރުތަކުގައި ދެ ގައުމުގެ ސްޓްރެޓީޖިކް ޕާޓްނާޝިޕަށް ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައެވެ.

އިންޑޮނީޝިއާގެ ފޮރިން މިނިސްޓަރު ސުގިއޯނޯ ވިދާޅުވީ، ކުރިއަށް އޮތް މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޖަކާޓާއަށް ކުރައްވާ ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ރައްޔިތުންނަށް އޭގެ ފައިދާ ހޯދައިދިނުމަށް ލިބޭނެ މުހިންމު ފުރުސަތެއް ކަމަށެވެ.

މި މަޝްވަރާތަކުގައި އިންޑޯ-ޕެސިފިކް ސަރަހައްދުގައި ނިއުދިއްލީ އާއި ޖަކާޓާއާ ދެމެދު އުފެދެމުން އަންނަ ސްޓްރެޓީޖިކް އެއްބާރުލުމުގެ މައްޗަށް އަލިއަޅުވާލައި، ސަރަހައްދީ ހަމަޖެހުމާއި އިންޑިއާ-އާސިއާން ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ދެ ގައުމުގެ ވަޒީރުން ފާހަގަކުރެއްވިއެވެ.