މެދުއިރުމަތީގައި ކުއްލިއަކަށް ފެށުނު ހަމަލާބަދަލުކުރުންތަކާ ގުޅިގެން ދުނިޔޭގެ އިގުތިސޯދަށް ބޮޑެތި ލޮޅުންތަކެއް އަރައި، ތެލުގެ އަގު އުފުލި އޭޝިއާގެ ހިއްސާގެ ބާޒާރުތައް ދަށަށް ހިނގައްޖެއެވެ.
ބައިނަލްއަގުވާމީ ބާޒާރުގައި ބްރެންޓް ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 95 ޑޮލަރަށް ވުރެ މައްޗަށް އުފުލިފައެވެ. އަދި އެމެރިކާގެ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 93 ޑޮލަރަށް އަރައިފައެވެ. އިންޓަނޭޝަނަލް އެނާޖީ އޭޖެންސީ (އައިއީއޭ) އިން ބުނި ގޮތުގައި، މިއީ ތާރީހުގައި ވެސް ދުނިޔޭގެ ހަކަތައިގެ ސަލާމަތަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.
ތެލުގެ އަގު އުފުލުމާ ގުޅިގެން އޭޝިއާގެ މައިގަނޑު ހިއްސާގެ ބާޒާރުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޖަޕާނުގެ ނިކޭއި 225 އިންޑެކްސް 1.7 އިންސައްތަ ދަށަށް ގޮސްފައިވާއިރު، ހޮންގްކޮންގްގެ ހޭންގް ސެންގް އިންޑެކްސް ވަނީ 1.4 އިންސައްތަ ދަށަށް ގޮސްފައެވެ. މީގެ އިތުރުން ދެކުނު ކޮރެއާގެ ކޮސްޕީ އިންޑެކްސް ވެސް ވަނީ ދަށަށް ގޮސްފައެވެ. އޭޝިއާގެ ގައުމުތަކަކީ މެދުއިރުމަތީގެ ތެލަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމުތަކަކަށް ވުމުން، ސަޕްލައިއަށް އަންނަ ކޮންމެ ބަދަލެއްގެ އަސަރު އެ ގައުމުތަކަށް ވަރަށް ބޮޑަށް ކުރެއެވެ.
މާލީ ތަޖުރިބާކާރުންނާއި ކްރެޑިޓް ރޭޓިން އޭޖެންސީތަކުން އަންނަނީ މާކެޓަށް އަންނަމުންދާ ބަދަލުތަކާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. ފިޗް ރޭޓިންގްސްއިން ލަފާކުރާ ގޮތުގައި، މި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ އިގުތިސޯދީ ދުވެލި 2026 ވަނަ އަހަރު 2.4 އިންސައްތައަށް ދަށަށް ދާނެއެވެ.
ފިޗްގެ ޗީފް އިކޮނޮމިސްޓް ބްރަޔަން ކޯލްޓަން ވިދާޅުވި ގޮތުގައި، ތެލުގެ އަގަށް އައި ކުއްލި ބަދަލުގެ ސަބަބުން ދުނިޔޭގެ އިގުތިސޯދީ ކުރިއެރުމަށް ހުރަސްއެޅި، އިންފްލޭޝަން މައްޗަށް ދިއުމުގެ ނުރައްކާ ވަނީ ބޮޑުވެފައެވެ. ނަމަވެސް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުވުމުގެ ސަބަބުން، އިގުތިސޯދަށް ލިބޭ ގެއްލުން ކޮންމެވެސް ވަރަކަށް ކުޑަވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ހާލަތާ ގުޅިގެން، ދުނިޔޭގެ ހަކަތައިގެ ބާޒާރު ހަމައަކަށް އެޅުވުމަށްޓަކައި އެމަޖެންސީ ތެލުގެ ރިޒާވްތައް ބޭނުން ކުރުމަށާއި، ޖީ7 ގައުމުތަކުން ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށް އައިއީއޭއިން މިހާރު ވަނީ ހުށަހަޅައިފައެވެ.
އިގްތިސޯދު
އިގްތިސޯދު
އިގްތިސޯދު
އިގްތިސޯދު