ފިލިޕީންސްގެ ދެކުނުގެ ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް އައިސް، ފިލިޕީންސާއި އިންޑޮނޭޝިއާ އަދި ޖަޕާނުން ސުނާމީގެ އިންޒާރު ނެރެފިއެވެ.
ފިލިފީންސްގެ ގަޑިން މިއަދު ހެނދުނު 7:37 (ރާއްޖޭގަޑިން ފަތިހު 4:37) ގައި ބިންހެލުން އައިސްފައިވަނީ ފިލިޕީންސްގެ ދެކުނުގެ މައި ރަށް ކަމަށްވާ މިންޑަނާއޯގައި އޮންނަ ޖެނެރަލް ސަންޓޯސް ސިޓީގެ އައްސޭރިފަށަށެވެ.
ފިލިޕީންސް އިންސްޓިޓިއުޓް އޮފް ވޮލްކެނޮލޮޖީ އެންޑް ސިސްމޮލޮޖީ (ފިވޯލްކްސް) އިން ބުނި ގޮތުގައި މި ބިންހެލުމުގެ ބާރުމިނަކީ 7.0 އެވެ. އަދި އޭގެ ފުންމިނަކީ 10 ކިލޯމީޓަރެވެ. ނަމަވެސް، ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން މި ބިންހެލުމުގެ ބާރުމިން 7.8 ގައި ރެކޯޑުކޮށްފައިވާ އިރު، ފުންމިނަކީ 35 ކިލޯމީޓަރެވެ. މީގެ އިތުރުން، ޖާމަން ރިސާޗް ސެންޓާ ފޯ ޖިއޯސައިންސަސް އިން ބުނެފައިވަނީ ބިންހެލުމުގެ ބާރުމިނަކީ 7.8 ކަމަށާއި، ފުންމިނަކީ 50 ކިލޯމީޓަރު ކަމަށެވެ.
ބިންހެލުމާ ގުޅިގެން ފިލިޕީންސްގެ ކަމާބެހޭ ފަރާތްތަކުން ވަނީ އައްސޭރިފަށުގެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ދިއުމަށް އަންގައިފައެވެ. ބިންހެލުން އައި ސަރަހައްދާ ކައިރީގައި އޮންނަ ސަރަންގާނީ ޕްރޮވިންސްގެ ކަރަންޓާއި މުވާސަލާތީ ހިދުމަތްތައް ކެނޑިފައިވާ ކަމަށް އެ ސަރަހައްދުގެ އިދާރާތަކުން ބުނެއެވެ.
ސުނާމީގެ ނުރައްކަލާ ގުޅިގެން ޖަޕާނުން ވަނީ އެ ގައުމުގެ ޕެސިފިކް އައްސޭރިފަށުގެ އެކި ސަރަހައްދުތަކަށް، ދެކުނުގެ އޮކިނާވާ ރަށްތަކުން ފެށިގެން ޓޯކިޔޯގެ އިރުއުތުރުން އޮންނަ އިބަރާކީ ޕްރިފެކްޗާއާ ހަމައަށް އެޑްވައިޒަރީ ނެރެފައެވެ. އެމެރިކާގެ އިދާރާތަކުން ވެސް ވަނީ ކުރިއަށްއޮތް ތިން ގަޑިއިރުގެ ތެރޭގައި އިންޑޮނޭޝިއާ، ފިލިޕީންސް، ޕަލާއު، ޓައިވާން އަދި ޕަޕުއާ ނިއު ގިނީގެ އައްސޭރިފަށަށް ނުރައްކާތެރި ސުނާމީގެ ރާޅުތަކެއް އެރުން އެކަށީގެންވާ ކަމުގެ އިންޒާރު ދީފައެވެ.
މި ބިންހެލުމާ ގުޅިގެން ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިންޑިއާގެ ކަނޑުގައި ސުނާމީއެއް ނުއުފެދޭ ކަމަށެވެ.
ސުނާމީ
ސުނާމީ
ސުނާމީ