ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދެވޭ މިންވަރުން ހާމަކޮށްދެނީ އެ ގައުމެއް ތަހުޒީބުވެފައިވާ މިންވަރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ސާޖިދާ މިހެން ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ފ. ނިލަންދޫގައި ބޭއްވި ރަސްމީ ހަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެ ހަފުލާގައި އެކަމަނާ ވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ލޯގޯ ވެސް އިފްތިތާހުކޮށްދެއްވައިފައެވެ.

މެޑަމް ސާޖިދާގެ ވާހަކަފުޅުގައި ކާބޯތަކެތީގެ ރައްކާތެރިކަމަކީ ހަމައެކަނި ސިއްހަތާ ގުޅޭ ކަމަކަށް ވުރެ މާނަފުޅާ ކަމެއް ކަމަށާއި އެއީ ގައުމެއްގެ ހޭލުންތެރިކަމާއި އަހުލާގާއި ތަހުޒީބާ ވެސް ގުޅިފައި އޮންނަ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ދިރިއުޅުމުގެ ރީތި އާދަތައް ފެށެނީ ޅަފަތުގެ ތަރުބިއްޔަތުން ކަމަށާއި އެކަން ހަރުލައްވަނީ މަދަރުސާއާއި މުޖުތަމައުން ކަމުގައި ވެސް އެކަމަނާ ވިދާޅުވިއެވެ.

މިއަހަރުގެ ޝިއާރު ކަމަށްވާ "ކޮންމެ މާހައުލެއްގައި ރައްކާތެރި ކާބޯތަކެތި – ބަލިމަޑުކަމަށް ހައްލެއް" މި ޝިއާރުގެ މައްޗަށް އަލިއަޅުއްވާލައްވައި އެކަމަނާ ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ގާނޫނުގެ ދަށުން އެމްއެފްޑީއޭ އިން އެކުލަވާލަމުންދާ ގަވާއިދުތަކާއި އުސޫލުތަކުން މިކަން ކުރިއަށްވުރެ ހަރުދަނާ ވެގެންދާނެ ކަމަށެވެ. އެކަމަނާ ވަނީ ޓެކްނޮލޮޖީ ފަހިވެފައިވާ މި ޒަމާނުގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބައެއް ވިޔަފާރި ގޭގެ ފެންވަރުގައި ކުރުމަކީ ދައްޗެއް ނޫންކަން ވެސް ފާހަގަކުރައްވައިފައެވެ.

މި ހަފުލާގައި ހެލްތު މިނިސްޓަރު ގީލާ އަލީ ވަނީ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހިންގާ ފަރާތްތައް އަހުލުވެރިކުރުމުގެ ޕްރޮގްރާމް "ސަމާވަރު" އިފްތިތާހްކޮށްދެއްވައިފައެވެ. އަދި ވަން-ގަވް ޕޯޓަލް މެދުވެރިކޮށް ކާބޯތަކެތި އުފައްދާ ވިއްކާ ފަރާތްތައް ދަފްތަރުކުރުން އިފްތިތާހުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާއެވެ.