މި ހަފުތާގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނުބާއްވަން ނިންމައި މިމަހު 15 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެެއް ބާއްވަން ނިންމައިފިއެވެ.

އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވީ މިމަހުގެ އެކެއް ވީ ހޯމަ ދުވަހުއެވެ. އެދުވަހު އޮތީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް، ނައިބު ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާތީ އެ މަގާމަށް މަޖިލިސް މެންބަރަކު އިންތިހާބު ކުރުމެވެ.

މަޖިލީހުގެ އާ ނައިބު ރައީސްކަމަށް އިންތިހާބު ކުރީ އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ސަލީމްއެވެ. އެއަށް ފަހު އެ ހަފުތާގައި މަޖިލީހުގެ އިތުރު ޖަލްސާއެއް ނުބާއްވައެވެ.

އެދުވަހުގެ ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ދެން މަޖިލީހުގެ ޖަލްސާއެއް ބާއްވާނީ މިމަހު އަށެއް ވާ ހޯމަ ދުވަހު ކަމަށެވެ. އެއީ އިއްޔެއެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ، ދެން މަޖިލީހުގެ ޖަލްސާއެއް ބާއްވާނީ މިމަހުގެ 15 ވާ ހޯމަ ދުވަހު ކަމަށެވެ. ނަމަވެސް މަޖިލިސް ޖަލްސާތައް ފަސްކުރި ސަބަބެއް މަޖިލިސް އިދާރާއިން ނުބުންޏެވެ.

އެހެންކަމުން މަޖިލީހުގެ ޖަލްސާއެއް މިހަފުތާއަކުވެސް ނޯންނާނެއެވެ.