މަޝްހޫރު ހިންދީ ޓީވީ ޝޯ "ބާބީޖީ ގަރް ޕަރް ހޭ" ގެ ޕްރޮޑިއުސަރުންނާ ދެކޮޅަށް ހުށަހެޅި މައްސަލައާ ގުޅިގެން އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަށް ބަތަލާ ޝިލްޕާ ޝިންޑޭ ރައްދުދީފިއެވެ.

ޝިލްޕާ ވަނީ އޭނާއާ ދެކޮޅަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށް، ޕްރޮޑަކްޝަން ޓީމުން އޭނާއާ ދެކޮޅަށް ދޮގު ވާހަކަތަކެއް ފަތުރަމުންދާ ކަމަށް ބުނެފައެވެ.

މި މައްސަލަ އަލުން ފެންމަތިވީ، 2016 ވަނަ އަހަރު ޝޯގެ ޕްރޮޑިއުސަރު ސަންޖޭ ކޯލީއާ ދެކޮޅަށް ޝިލްޕާ ހުށަހެޅި ޖިންސީ ގޯނާގެ މައްސަލައަކީ ދޮގު މައްސަލައެއް ކަމަށް ދާދި ފަހުން ޕޮޑްކާސްޓެއްގައި އޭނާ އެއްބަސްވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކަށް ރައްދުދެމުން އިންސްޓަގްރާމްގައި އާންމުކުރި ވީޑިއޯއެއްގައި ޝިލްޕާ ބުނި ގޮތުގައި، އޭނާއާ ދެކޮޅަށް ފަތުރަމުންދާ ވާހަކަތަކަކީ ފައިސާ ދީގެން ހިންގާ "ޕީއާރް" ކެމްޕޭނެއްގެ ދަށުން ކުރާ ކަމެކެވެ.

ޝިލްޕާ ބުނި ގޮތުގައި، އޭނާ އެ ޝޯ ދޫކޮށްލަން ޖެހުނީ ޕްރޮޑިއުސަރުން އޭނާއަށް މަޖުބޫރުކޮށްގެން އެހެން ޝޯތަކުގައި މަސައްކަތް ނުކުރެވޭ ގޮތަށް އެކްސްކްލޫސިވް ކޮންޓްރެކްޓެއްގައި ސޮއިކުރުވަން އުޅުމުންނެވެ. އޭގެ އިތުރުން ތިން މަސް ދުވަހުގެ މުސާރަ ނުދީ ހިފެހެއްޓުމުން، އެކަމުން ސަލާމަތްވުމަށްޓަކައި ޖިންސީ ގޯނާގެ ދޮގު މައްސަލައެއް ފުލުހުންނަށް ހުށަހެޅީ ކަމަށް އޭނާ އެއްބަސްވިއެވެ.

މި މައްސަލައިގައި ޕްރޮޑަކްޝަން ހައުސްގެ ފަރާތުން ޕްރޮޑިއުސަރު ބިނައިފަރް ކޯލީ ބުނި ގޮތުގައި، އެތައް އަހަރެއް ފަހުން ނަމަވެސް ހަގީގަތް ހާމަވުމުން އުފާކުރާ ކަމަށެވެ. އަދި އެ މީހުންނަށް ކުރިން ވެސް ހަގީގަތް އެނގޭ ކަމަށާއި މިހާރު ބޭނުން ވަނީ އެކަން ހަނދާން ނައްތާލައި ކުރިއަށް ދާން ކަމަށެވެ.

މިހާރު މި މައްސަލައަކީ ކޯޓުން ބޭރުގައި ހައްލުކޮށްފައިވާ މައްސަލައަކަށް ވީ ނަމަވެސް، ޝިލްޕާގެ އިއުތިރާފާ ގުޅިގެން އިންޑިއާގެ ފިލްމީ ދާއިރާގެ ޖަމިއްޔާތަކުން ދަނީ އޭނާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.

އޯލް އިންޑިއަން ސިނެ ވޯކާސް އެސޯސިއޭޝަން (އޭއައިސީޑަބްލިއުއޭ) އިން ވަނީ ދޮގު ތުހުމަތުތަކުގެ ސަބަބުން މީހުންގެ އަބުރަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުން ލިބޭ ކަމަށް ބުނެ، ޝިލްޕާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ފުލުހުންނަށް ގޮވާލައިފައެވެ.

މީގެ އިތުރުން އެކްޓަރު ޕޫޖާ ބޭދީ ބުނީ އަންހެނުންގެ ހިމާޔަތުގައި ހަދާފައިވާ ގާނޫނުތައް ނަހަމަ ގޮތުގައި ބޭނުން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފިލްމީ ޖަމިއްޔާތަކުން ފުލުހުންނަށް ވަނީ ހުށަހަޅައިފައެވެ.