ގެވެށި އަނިޔާއާގެ މައްސަލައެއްގައި ކުއްޖެއްގެ ބައްޕައާ އެ ކުއްޖާ ބައްދަލުކުރަން ދޫކުރަން އެ ކުއްޖާގެ މައްމައަށް އަމުރުކޮށް، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމެއް ގޯސް ކަމަށް ކަނޑައަޅައި އެ ހުކުމް ހައިކޯޓުން ބާތިލް ކޮށްފިއެވެ.
މިއީ ޒާހިރުގެ ފަރާތުން ޖިސްމާނީ އަނިޔާ ލިބިފައިވާތީ އާއި ހަޑިހުތުރު ބަހުން ބަހުގެ ހަމަލާތައްދީ، މި ދެ މީހުންނަށް ލިބިފައިވާ ދަރިފުޅަށް ހަޑިހުތުރު ބަހުން ވާހަކަދައްކަން ދަސްކޮށްދީ، އެ ކުއްޖާ ހަތިޔާރަކަށް ބޭނުންކޮށް، ކުއްޖާގެ މަންމަ ކަމަށްވާ އާމިނަތުގެ ނަފުސުގެ ހަމަޖެހުން ނަގާލައި، ބިރު ދެއްކުމުގެ ގޮތުން ތަކުރާރުކޮށް އޭނާގެ ފޯނަށް ގުޅައި، އެ ގޭދޮށަށް ގޮސް ހަޑިހުތުރު ބަހުން ދަރިފުޅުގެ ކުރިމަތީ ހަޅޭއްލަވައި، އާމިނަތު ބޭރަށް ނުކުންނަ ގަޑިތަކުގައި ފާރަލުމަށްފަހު، ރޮއިރޮއި އޮއްވައި ކުއްޖާ ޖަހައިގަނެގެން ގެންދިޔަ މައްސަލައެކެވެ.
އެކަމުގެ ސަބަބުން އާމިނަތު އާއި ދަރިފުޅު ނަފުސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ވެއްޓިފައިވާތީ އާއ ފުރާނައަށް ނުރައްކާވާ ފަދަ ޖިސްމާނީ ބޮޑު އަނިޔާއެއް ދީފާނެ ކަމަށް ބެލެވޭތީ އެ އަނިޔާއިން ރައްކާތެރިވުމަށް ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ރައްކާތެރި ކުރުމުގެ އަވަސް އަމުރެއް ނެރެދިނުމަށާއި ދަރިފުޅާއި އާމިނަތުގެ އެއް ހާޒިރެއްގައި ހަމައެކަނި ފޯނުގެ ޒަރިއްޔާއިން ކުއްޖާއާ ވާހަކަދެއްކުމަށް ވަކި ގަޑިއެއް ކަނޑައަޅައި ދިނުމަށާއި ޒާހިރު ހިފަހައްޓާފައިވާ އާމިނަތުގެ މޮބައިލް ފޯނާއި ދަރިފުޅުގެ ޕާސްޕޯޓު ހަވާލުކުރުމަށް، ކުއްޖާގެ ބައްޕަ ޒާހިރުއަށް އަންގައި އަމުރެއް ނެރެދިނުމަށް އާމިނަތުގެ ފަރާތުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
މި މައްސައިގައި ޒާހިރުގެ ފަރާތުން ހަޑިހުތުރުބަހުން މުއާމަލާތްކޮށް ފޮނުވާފައިވާ މެސެޖާއި އާމިނަތު އާއި އެ ދެ މީހުންނަށް ލިބިފައިވާ ދަރިފުޅު މޫދަށް އެރި އުޅެނިކޮށް ރޮއިރޮއި އޮއްވައި ގަދަކަމުން ދަރިފުޅު ގެންދާ ވީޑިއޯއެއް ހުށަހަޅާފައިވެއެވެ.
މި މައްސަލަ ބެލުމަށްފަހު، އާމިނަތާއި ދަރިފުޅު ހިމެނޭގޮތަށް ޖިސްމާނީ އަނިޔާ ނުކުރުމަށާއި ބަހުގެ ހަމަލާދީ ނަފުސާނީ ގޮތުން އަނިޔާ ނުކުރުމަށާއި ބިރުނުދެއްކުމަށާއި ގޯނާނުކުރުމަށާއި ފާރަ ނުލުމަށާއި މުދަލަށް ގެއްލުން ނުދިނުމަށާއި އާމިނަތުގެ ހުއްދަ ލިބިގެން ނޫނީ އޭނާ ދިރިއުޅޭ ގެއަށް ނުވަނުމަށާއި ގަދަކަމުން ކަމެއް ކުރުމަށް މަޖުބޫރު ނުކުރުމަށާއި ދަރިފުޅަށް ފެންނާނެ ނުވަތަ އަޑުއިވޭނެ ހާލަތަކަށް ގެވެށި އަނިޔާގެ އަމަލެއް ނުހިންގުމަށް ޒާހިރަށް އަންގައި ދަރިފުޅާ ބައްދަލުކުރުމާ މެދު ވަކިގޮތެއް ކަނޑައަޅަންދެން ކުއްޖާގެ މަންމަގެ ހުއްދަ ލިބިގެން ނޫނީ ކުއްޖާ ނުގެންދިޔުމަށާއި ކުއްޖާއާ ބައްދަލުކުރުމަށް، ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަށް އާމިނަތުގެ ފޯނަށް ގުޅައި ބައްދަލުކުރަމުން ގެންދިޔުމަށް ޒާހިރަށް އަމުރުކޮށް އެ އަމުރު ތަންފީޒު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް އަމުރުކޮށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އަވަސް އަމުރެއް ނެރުނެވެ.
މި އަމުރު ބާތިލްކޮށްދިނުމަށް އެދި ޒާހިރުގެ ފަރާތުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިއެވެ.
ނަމަވެސް ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އެ އަވަސް އަމުރު ނެރެފައި ވަނީ އާމިނަތު ހުށަހެޅި ހަގީގަތާ ހިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށްކަން ޝަރީއަތަށް ބޮޑަށް ބުރަވެވޭ މިންވަރަށް ޒާހިރަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ކަނޑައަޅައި ދެ މީހުންނަށް ލިބިފައިވާ ދަރިފުޅު ރައްކާތެރި ކުރުމަށް އޮތް ބަޔަށް ބަދަލު ގެނައުމަށާއި ގެވެށި އަނިޔާގެ ގާނޫނަށް ރިއާޔަތްކޮށް ދަރިފުޅު ރައްކާތެރި ކުރެވިދާނެ ކަމަށް ބުރަވެވޭ ކަމަށް ނިންމައި އަވަސް އަމުރު ބާތިލްކުރާނެ ތަނެއް ނެތް ކަމަށް ކަނޑައެޅިއެވެ.
ނަމަވެސް ޒާހިރު ދަރިފުޅާ ބައްދަލު ކުރަން ކަނޑައަޅާފައިވާ ގޮތް ބަދަލުކޮށް، ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަހާއި ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އާ ދެމެދު ވަގުތުގައި ދަރިފުޅާ ބައްދަލުކޮށް ވަގުތު ހޭދަކުރުމަށް ކުއްޖާގެ ބައްޕަ ބޭނުންވާ ތަނަކަށް ދިޔުމަށް، ދަރިފުޅު ހަވާލުކުރުމަށް އާމިނަތަށް އަންގައި އެ ވަގުތު ހަމަވުމުން ދަރިފުޅު އާމިނަތުއާ ހަވާލުކުރުމަށް ޒާހިރުއަަށް އަންގައި ހުކުމް ކުރިއެވެ.
ނަމަވެސް ޒާހިރުގެ އަމަލުތަކުގެ ސަބަބުން ކުއްޖާގެ ނަފުސާނީ ދުޅަހެޔޮކަމަށް ބޮޑެތި އަސަރުކޮށް އިއާދަ ނުކުރެވޭފަދަ ގެއްލުން ލިބިދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ބުނެ ދުވަސްކޮޅެއް ފަހުން އަވަސް އަމުރު ބަދަލު ކުރުމަށް އެދި އާމިނަތު ގެ ފަރާތުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިއެވެ.
އެހިސާބަށް ކަންތައް ގޮސްފައި ވަނިކޮށް، ހުކުމާ އެއްގޮތަށް އާމިނަތު ކަންތައް ކުރަމުން ނުދާ ކަމަށް ބުނެ، މި މައްސަލައިގައި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކޮށްދިނުމަށް އެދި ޒާހިރުގެ ފަރާތުން ހަމަ އެ ކޯޓަށް ހުށަހެޅިއެވެ.
އެކަމާ ގުޅިގެން ހުކުމުގައިވާ ގަޑިތަކުގައި ކުއްޖާ ޒާހިރާ ހަވާލު ކުރުމަށާއި، އާމިނަތަށް އަންގައި އެހުކުމް ތަންފީޒު ނުކޮށްފިނަމަ އެ ހުކުމް ތަންފީޒު ކޮށްދިނުމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ މައްޗަށް އަމުރުކޮށް އަދި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އަށް އެކަން އަންގައި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އެ މައްސަލަ ނިންމިއެވެ.
އާމިނަތުގެ ފަރާތުގައި ހައިކޯޓުގެ އިސްތިއުނާފަށް ހުށަހެޅީ މި މައްސަލައެވެ.
ހައިކޯޓުން މި މައްސަލަ ބެލުމަށްފަހު، ނިންމި ނިންމުމުގައި ވަނީ، ކުއްޖާއާ ބައްދަލު ކުރުމާ ގުޅޭގޮތުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމުގައި ގޮތް ކަނޑައަޅާފައި ވަނީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށެވެ. އަދި ކުއްޖާއާ ބައްދަލު ކުރުމަށް ފުރަތަމަ ކަނޑައަޅާފައިވާ ގޮތަށް ބަދަލުގެނަސްފައި ވަނީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ކަނޑައަޅާ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އެ ހުކުމް ބާތިލް ކަމަށް ހައިކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އިބްރާހިމް ޒަކީ
ހައިކޯޓު
ހައިކޯޓު
ހައިކޯޓު